ޚަބަރު

ލޭންޑިންގ ކްރާފްޓަކުން 2 މީހަކު ގެއްލިގެން ހޯދަނީ


  • މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބި

  • 8 މީހަކު މިހާތަނަށްވަނީ ފެނިފައި

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓަކުން 2 މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ތިލަފުށިން ފުރައިގެން ދަތުރުކުރި ލޭންޑިންގ ކްރާފްޓެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:48 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ޖުމްލަ 10 މީހުން ތިބިކަމަށާއި އޭގެ ތެރެއިން 8 މީހަކު މިހާތަނަށް ފެނިފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. އަދި އަނެއް 2 މީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިހާރު ކުރަމުން އަންނަކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. ގެއްލިގެން ހޯދަމުންދަނީ ބިދޭސީ 2 މީހުން ކަމަށް އެމްއެންޑީއެފުންވަނީ ހާމަކުރައްވާފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށާއި ކޮންމެ ކުރަންޖެހޭ ޒަރޫރީ ދަތުރުތައް ނޫނީ ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުންވަނީ އިލްތިމާސްކުރައްވާފައެވެ.