ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަކީ ދިވެހި ފުޓުބޯޅައިގެ އެންމެ ހައިބަތު ބޮޑު ނަމެވެ. އެންމެ ރަން ތާރީޚަކާއި ކާމިޔާބީއެއް އޮތް ޓީމެވެ. މިއީ އެކަކުވެސް ދެބަސް ވާނެ ކަމެއް ނޫނެވެ.
އެހެންނަމަވެސް ނިއުގެ ކާމިޔާބީގެ ވާހަކައިގެ، 2019 ވަނަ އަހަރު ޖެހުނީ ކަޅު ލައްގަނޑެކެވެ. "ޖަރީމާ" އެއްގެ ގޮތުގައި އެކުލަބުން ސިފަކުރި ސަސްޕެންޝަނާ ގުޅިގެން ފުޓުބޯޅައިގައި ނިއުގެ އަޑު ކެނޑިގެން ވެސް ދިޔައެވެ. ކަން މިހެން އޮތް ނަމަވެސް، އެކި ފަރާތްތަކުން ނިއުގެ މެނޭޖްމަންޓާ ހަވާލުވެ، އެ ކުލަބު އަލުން ކޮޅަށް ޖެހޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
މި މަސައްކަތުގައި ކިރިޔާވެސް އުއްމީދުގެ އަލިކަމެއް ލިބުނީ 2022 ވަނަ އަހަރުއެވެ. ތިން އަހަރު ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން އެކަހެރިވާން މަޖުބޫރުވެފައި އޮތުމަށްފަހު ނިއުގެ ސަސްޕެންޝަނަށް ނިމުމެއް ގެނައީ އެ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. މިއާއެކު ނިއުއިން އަލުން ފުޓުބޯޅައިގެ އެންމެ އުހަށް ދަތުރުކުރަން މަސައްކަތް ފެށިނަމަވެސް އެ މަސައްކަތް ފަށަން ޖެހުނީ ރާއްޖޭގެ ދެވަނަ ޑިވިޝަނުންނެވެ.
ކޯޗު މުޙައްމަދު ޞަބާޙްގެ އިރުޝާދުގެ ދަށުން ދެވަނަ ޑިވިޝަނުގައި ކުރި މަސައްކަތުން ނިއުއަށް އެންމެ އެދެވޭ ކާމިޔާބީއާ ހަމައަށް ވާސިލްވެވޭގޮތެއް ނުވިއެވެ.
މިހެން ދުވަސްތައް ފާއިތުވެ، ނިއުރޭޑިއަންޓަށް، ހަތް އަހަރަށްފަހު އެނބުރި ފުރަތަމަ ޑިވިޝަނުގައި ކުޅުމުގެ ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގައެވެ. ކުޅުންތެރިން ހޯދައި، ވަރުގަދަ ޓީމަކާއެކު ސީޒަން ފެށުމަށް ނިއުއަށް އެންމެ ބޭނުންވި ވަގުތު ނުލިބުނު ނަމަވެސް، މި އަހަރުގެ ޖެނުއަރީ ޓްރާންސްފަރ ވިންޑޯގައި ނިއުއިން ވަނީ ޓީމު ވަރުގަދަކޮށްފައެވެ. އެހެންނަމަވެސް ސީޒަން ނިންމާލިއިރު ނިއުއަށް އުފުލާލެވުނީ އެ ޓީމަށް ޙާއްސަ މުބާރާތެއްގެ ގޮތުގައި އޮތް އެފްއޭ ކަޕްގެ ތަށި އެކަންޏެވެ.
މިރޭ ފަށާ ދިވެހި ފުޓުބޯޅަ ސީޒަނުގެ ފުރަތަމަ މެޗަށް ނިކުތުމުގެ ކުރިން ނިއުއިން ވަނީ ބޮޑު އަމާޒެއް ކަނޑައަޅާފައެވެ. ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. ސަރަހައްދީ ފެންވަރުގައި ވިދާލާފައިވާ ބްރެޒިލްގެ ކުޅުންތެރިއަކާއި ލައިބީރިއާގެ ކުޅުންތެރިއެއްގެ އިތުރުން، މިދިޔަ ސީޒަނުގައިވެސް އެ ޓީމުގެ ނުލާއި ހުދުގެ ޖާޒީގައި ފެނިގެންދިޔަ ބިދޭސީ ދެ ކުޅުންތެރިންނާއެކު ނިއުއިން މި ސީޒަނުގައި ނުކުންނަނީ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަށެވެ.
ފަހުގެ ތާރީޚު ދުށް ދިވެހި އެންމެ ކާމިޔާބު ޓީމު، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅެ، ޗެރިޓީ ޝީލްޑް އުފުލާލައިގެން އަޅާ ބިންގަލާއެކު އެ ކުލަބުން އަމާޒުހިފާފައި ހުރީ ކަޕް ވިނާޒް ކަޕާއި ދިވެހި ލީގާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް، އެފްއޭ ކަޕުގެ ތަށިވެސް ދިފާއު ކުރާށެވެ.
"ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން އެ ކުލަބުގެ ޗެއާމަން އަޙްމަދު މުބީން ވަނީ، މި ސީޒަނުގައި ނިއުއިން ނިކުންނަނީ އެ ކުލަބުގެ ހަގީގީ މަގާމަށް ޓީމު ގެންދިއުމުގެ ވަރުގަދަ އަޒުމުގައިކަމަށް ވިދާޅުވެފައެވެ. އަދި ކުލަބުގެ އަމާޒަކީ މި ސީޒަނުގައި ނިއުއިން ކުޅޭ ހުރިހާ މެޗެއް ކާމިޔާބުކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހި ކުޅުންތެރިންގެ ތެރެއިންވެސް އެންމެ ނަން ހިނގާ ގިނަ ކުޅުންތެރިންނާއެކު، ބިދޭސީ މޮޅެތި ކުޅުންތެރިންތަކެއްގެ މައްޗަށް އެކުލެވޭ ވަރުގަދަ ސްކޮޑަކާއެކު ނިއުއިން މިރޭ ފަށާ އެ ޓީމުގެ ކާމިޔާބީގެ ދަތުރުގެ އައު ޞަފްޙާގައި މާޒިޔާއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިރޭ 21:00 ގައި، ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.
އެ ޓީމުން އައު ސީޒަން ފަށާނީ އެ ކުލަބަށް މިދިޔަ ސީޒަންގައި ލިބުނު ހަމައެކަނި ތަށި ހޯދައިދިން ސްޕެއިންގެ އަންދްރޭ ފްރެންސެސްކޯ މެނުއެލްގެ އިރުޝާދުގެ ދަށުންނެވެ.
މި މެޗު ޕީއެސްއެމްގެ "ޔެސް ޓީވީ" އިން ވަގުތުން ދުރަށް ދައްކާނެއެވެ.