ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޙަމާސް ޖަމާޢަތުން މަރުޙަލާތަކަކަށް ބަހައިލައިގެން ހަތިޔާރު ބަހައްޓަން އެއްބަސްވެއްޖެއެވެ. މި ކަން އިޢުލާނު ކުރައްވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އެއްބަސްވެފައި ވަނީ، މިޞްރުގެ ވެރިރަށް ޤާހިރާގައި އެ ޖަމާޢަތުގެ އޮފިޝަލުންނާއި މިޞްރު، ޤަޠަރު އަދި ތުރުކީވިލާތުގެ މެދުވެރިންގެ މެދުގައި ކުރި ކާމިޔާބު މަޝްވަރާތަކަކަށް ފަހު ކަމުގައެވެ.
މަރުޙަލާތަކަކަށް ބަހައިލައިގެން ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އެއްބަސްވެފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވި ނަމަވެސް، ޙަމާސުން ވަނީ އެއީ ފުރިހަމަ އެއްބަސްވުމެއް ނޫން ކަމުގައި ބުނެފައެވެ. އެ ޖަމާޢަތުން ބުނީ، އެއީ އެއްބަސްވުމެއްގެ ދެލިކޮޕީކަމުގައެވެ. ޙަމާސްގެ އެއްބަސްވުމަށް އިތުބާރުކުރާ ކަމުގައި އެމެރިކާގެ އޮފިޝަލުން ބުނި ނަމަވެސް، ޔަހޫދީން ވަނީ މި ކަމާ މެެދު ޝައްކުތަކެއް އޮތް ކަމުގައި ބުނެފައެވެ.
ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އެއްބަސްވެފައި ވަނީ، ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުވައި، ޣައްޒާ އަލުން އާރާސްތުކުރުމަށް ޓްރަމްޕް އެކުލަވައިލެއްވި ސުލްޙައިގެ ބޯޑުގެ މަސައްކަތުން ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ، ދާއިމީ ޞުލްޙައާއި އަމާންކަން ޤާއިމުކުރުމަށާއި، ފަލަސްޠީނުގެ އައު ސަރުކާރަކުން ޣައްޒާގައި ވެރިކަން ހިންގުމަށާއި، އަދި ޔަހޫދީންނަށް ލިބެންޖެހޭ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވިއެވެ.
ޙަމާސްގެ މަޞްދަރަކުން ބުނީ، ފަލަސްޠީނުގެ ސަރުކާރުގެ ދަށުން އެކުލަވައިލާ ޚާއްޞަ އިދާރާއެއްގެ ދަށަށް އެ ޖަމާޢަތުގެ ބަރުހަތިޔާރު ބަދަލުކުރުމަށް އެއްބަސްވެފައިވާ ކަމުގައެވެ. އަދި، ހުރިހާ ހަތިޔާރެއް ޔަހޫދީންނާ ޙަވާލުކުރުމަށް އިންކާރު ކުރާ ކަމުގައެވެ. މަޝްވަރާތަކުގައި ޙަމާސް ތަމްސީލު ކުރެއްވި ޣާޒީ ޙަމަދު ވިދާޅުވީ، ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުން ބިނާވެފައި ވަނީ، ޣައްޒާއަށް އަތްގަދަކޮށްފައިވާ ޔަހޫދީ ސިފައިން އެ ސަހަރުން ފޭބުމާ ކަމުގައެވެ. އަދި، ޣައްޒާއިން ޔަހޫދީ ސިފައިން ނުފައިބަނީސް އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމުގައެވެ. މި ކަމަށް ޔަހޫދީން އެއްބަސްވާނެ ކަމާމެދު ސުވާލުތަކެއް ހުރި ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޙަމާސުން ހަތިޔާރު ބެހެއްޓުމުގެ މަރުޙަލާތައް ކިހާ ދުވަހަކަށް ދެމިގެންދާނެ ކަމާމެދު ވެސް ވަނީ ސުވާލު އުފެދިފައެވެ. 200 އާއި 320 ދުވަހުގެ މުއްދަތެއްގެ ތެރޭގައި އެ ކަން ހާސިލުކުރެވޭނެ ކަމުގައި ޞުލްޙައިގެ ބޯޑުގެ އޮފިޝަލަކު ވިދާޅުވި ނަމަވެސް، އެމެރިކާ ސަރުކާރުގެ މަޞްދަރަކުން ވަނީ އެ ކަމާ މެދު ސުވާލު އުފައްދަވާފައެވެ. ޓްރަމްޕް މި ކަން އިޢުލާނު ކުރެއްވުމުގެ ކުރިން މި އެއްބަސްވުމަށް އިންކާރުކުރާ ކަން ޔަހޫދީން ވަނީ ހާމަކޮށްފައެވެ. އަދި، ޣައްޒާގެ %70 ބިމަށް އަތްގަދަކުރުމަށް ޔަހޫދީ ސިފައިން މިހާރު ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އިތުރަށް ފުޅާކުރަމުންނެވެ. މި ގޮތުން، އެންމެ ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި ހަ މީހުން ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނެއެވެ. ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދުކުރުމަށް ހިންގަމުންދިޔަ ޤަތުލުޢާންމު ހުއްޓައިލުމަށް 2025 އޮކްޓޫބަރުގައި ޔަހޫދީން އެއްބަސްވި ނަމަވެސް، ޔަހޫދީ ފައުޖުން ދަނީ އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
މި ގޮތުން، އޭގެ ފަހުން ދީފައިވާ ނިރުބަވެރި ހަމަލާތަކުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 1,200 އަށްވުރެ މައްޗަށް އުފުލިފައެވެ. ޣައްޒާ ޞުލްޙައިގެ ރޭވުމުގެ ދަށުން އެ ސަހަރަށް ޞުލްޙަ ބަލަހައްޓާ ބައިނަލްއަޤުވާމީ ފައުޖެއް ފޮނުވުމަށް ރާވާފައިވާއިރު، އެ ފައުޖުގައި ހިމެނޭނެ ސިފައިންގެ ޢަދަދު އަދި ސާފެއް ނޫނެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނީ، ޞުލްޙައިގެ ބޯޑުގެ ލަނޑުދަނޑިތައް ހާސިލު ކުރެވުމަކީ ދުރުގައި އޮތް ޙަޤީޤަތެއް ކަމުގައެވެ.