ޚަބަރު

ވައިގަދަވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފި


  • ރީދޫ ސަމާލު ވަގުތު އިތުރުކޮށްފައިވަނީ މިރޭ 19:30އާ ހަމައަށް

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މެންދުރުފަހު މިރޭ 19:30 އާ ހަމައަށެވެ.

އެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި، މި ވަގުތުތަކުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށްގަދަވާނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ވިދާޅުވެފައެވެ. އަދި މި ދުވަސްވަރު އެކި ސަރަހައްދުތަކުގައި ކޮޅިގަނޑުތައް އުފެދެމުންދާކަން ފާހަގަކުރައްވައި، އެ އިދާރާއިން ވިދާޅުވީ ރާއްޖޭގެ އުތުރާއި އިރުދެކުނުގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން، ހުޅަނގު ފަރާތުގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދެމުންދާ ކަމަށެވެ.

މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވާފައެވެ.