ޚަބަރު

މިޞްރުގެ ބަނދަރަކަށް ދިން ހަމަލާއަށްފަހު ތެލުގެ ބާޒާރުގައި ނުތަނަވަސްކަން


މިޞްރުގެ ސަރަހައްދީ ފެނުގެ ތެރޭގައި އޮތް ދެ ގޭސް ޓޭންކަރަކަށް ދިން ޑްރޯން ހަމަލާއަކާ ގުޅިގެން، މެދުއިރުމަތީ ހަނގުރާމަ ފެށުނީއްސުރެ ސައުދީގެ ތެޔޮ އެކްސްޕޯޓުކުރުމަށް ބޭނުންކުރާ މުހިންމު މަގެއް ކަމަށްވާ ސުއޭޒް ކެނަލްއާއި ސުމެދު ޕައިޕްލައިންގެ ސަލާމަތީ ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް ވަނީ އުފެދިފައެވެ.

އީރާނާއި އެ ގައުމަށް ވާގިވެރިވާ ހޫޘީން ހުރްމުޒް ކަނޑުއޮޅިއާއި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ޓޭންކަރުތަކަށް ހަމަލާދެމުންދިޔަ ނަމަވެސް، މިސްރުގެ ސުއޭޒް ކެނަލްއާއި ސުމެދު ޕައިޕްލައިން މެދުވެރިކޮށް ސައުދީގެ ތެޔޮ އުތުރުގެ ގައުމުތަކަށް ފޮނުވަމުންދިޔައީ ރައްކާތެރިކަމާއެކުގައެވެ.

މެޑިޓެރޭނިއަން ކަނޑާ ކައިރީގައިވާ މިޞްރުގެ ދާމިއެއްޓާ ބަނދަރުގައި އޮތް ޓޭންކަރުތަކަށް ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލާފައިނުވި ނަމަވެސް، މި ހަމަލާގެ ސަބަބުން ބާޒާރުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

އެމް.އެސް.ޓީ މާކީގެ އެނާޖީ ރިސާޗްގެ ވެރިޔާ ސޯލް ކަވޯނިކް ވަނީ، މި ކަނޑުއޮޅި މެދުވެރިކޮށް ދުވާލަކު ފަސް މިލިއަން ފީފާ ތެޔޮ ފޮނުވުމަށް އޮތް ފުރުޞަތަށް މިކަމުގެ ސަބަބުން ނުރައްކާވެދާނެ ކަމުގެ އިންޒާރުދީފައެވެ. އެނާ ވިދާޅުވީ ކުރިން ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅިން މިހާރު ޓޭންކަރެއް ދަތުރުކުރުމަކީ ނާދިރު ކަމެއްކަމުގައެވެ.

އެމެރިކާއިން، އީރާނުގެ ޓޭންކަރުތައް ހުރަސްއަޅާ އެމަގު ބަންދުކޮއްފައިވާތީ، މެދުއިރުމަތީގެ އެއްވެސް ތެލެއް އެހެން ގައުމުތަކަށް ފޮނުވިޔަނުދީ ހުއްޓުވާނެ ކަމުގެ އިންޒާރު އިރާނުން ވަނީ ދީފައެވެ. އަދި ހޫޘީންވެސް ވަނީ ސައުދީގެ އުޅަނދުފަހަރަށް އެ ސަރަހައްދު ވަނުމުން ހުރަސްއަޅާ، ބަންދުކަމަށް އިއުލާނުކޮށްފައެވެ. މީގެ އިތުރުން ސުއޭޒް ކެނަލް ސަރަޙައްދަކީ ހޫޘީންނާއި އީރާނުގެ ޑްރޯންތަކާއި މިސައިލްތަކެއް އަމާޒުފޯރާ ހިސާބެއްކަން ވަނީ ސާބިތުވެފައެވެ.

އާގަސްގެ އެލްއެންޖީ ޕްރައިސިންގެ ވެރިޔާ މާޓިން ސީނިއާ ވިދާޅުވީ، މި ހަމަލާތަކާއެކު އިންޝުއަރެންސް ކުންފުނިތަކުން ސުއޭޒް ކެނަލް މެދުވެރިކޮށް ދަތުރުކުރާ އުޅަނދުފަހަރަށް ނަގާ ޕްރިމިއަމް ބޮޑުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން މިހާރު ދަނީ މިޞްރުގެ ބަނދަރުތައް ކައިރީގައި ފާރަވެރިކަން ވަރުގަދަކުރަމުންނެވެ. އަދި މިޞްރުގެ ސުއޭޒް ކެނަލް އޮތޯރިޓީގެ ކުރީގެ ބޯޑު މެންބަރެއް ކަމަށްވާ ވާޢިލް ޤައްދޫރު ވިދާޅުވީ، ކެނަލްގެ ސަލާމަތީ ކަންކަން ސައުވީސް ގަޑިއިރު ވަރުގަދައަށް ބަލަހައްޓަމުންދާ ކަމަށެވެ.

އީރާނު ހަނގުރާމަ ފެށުނު ފަހުން ސައުދީއިން ވަނީ އެ ގައުމުގެ ތެޔޮ އެކްސްޕޯޓުކުރުން ރަތްކަނޑާއި ޔަންބޫ ޓާމިނަލަށް ބަދަލުކޮށްފައެވެ. ނަމަވެސް ހޫޘީންގެ ތަފާތު އިންޒާރުތަކާއި ހަމަލާތަކާ ގުޅިގެން ގިނަ ޓޭންކަރުތަކުން މިހާރު ވަނީ އެ މަގު ބޭނުންކުރުން ހުއްޓާލާފައެވެ.

ކްލެޕަރ މާކެޓް އިންޓެލިޖެންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ސައުދީގެ ގިނަ އަދަދެއްގެ ތެޔޮ މިހާރު ރަތްކަނޑު މެދުވެރިކޮށް އުތުރަށް، ސުއޭޒް އާއި ސުމެދު ޕައިޕްލައިނާ ދިމާލަށް ދަނީ މިސްރާބު ޖަހަމުންނެވެ.

ރަތްކަނޑުން ފެށިގެން މެޑިޓަރޭނިއަން ކަނޑުގެ ސިދީ ކްރީރް ބަނދަރަށް މިޞްރު ހުރަސްކޮށް ގޮސްފައިވާ ޕައިޕްލައިން މެދުވެރިކޮށް ތެޔޮ ބަރުކުރި އަދަދު އޭޕްރީލް މަހު އުޅުނީ 19.52 މިލިއަން ފީފާގައެވެ. ނަމަވެސް، ބާބުލް މަންދަބު މެދުވެރިކޮށް ސައުދީގެ ތެޔޮ ބޭރުކުރުން ހުއްޓުވާނެ ކަމަށް ޖުލައި 20 ގައި ހޫޘީން ދިން އިންޒާރަށްފަހު، ޖުލައި މަހު އެ އަދަދު ވަނީ 28.79 މިލިއަން ފީފާއަށް އުފުލިފައެވެ.

ހަކަތައިގެ ދިރާސާކުރާ ކުންފުނިއެއް ކަމަށްވާ ވޯޓެކްސާ ގެ ޖޯޖް މޮރިސް ވިދާޅުވި ގޮތުގައި، ރަތްކަނޑުން ތެޔޮ ބަރުކޮށްގެން އުތުރަށް ދަތުރުކުރާ ޓޭންކަރުތަކުގެ އަދަދު ވަނީ ސާފުކޮށް އިތުރުވެފައެވެ. ބާބުލް މަންދަބު މެދުވެރިކޮށް ދެކުނަށް ތެޔޮ ފޮނުވާ މިންވަރު، މަސް ފެށުނުއިރު ހުރި މިންވަރަށްވުރެ ދެބައިކުޅައެއްބަޔަށް ދަށްވެފައިވީ ނަމަވެސް، އަދިވެސް އެ މަގުން ތެޔޮ ދަތުރުކުރެއެވެ. ގިނަ ޓޭންކަރުތަކުން އެ ކަނޑުއޮޅި ބޭނުންނުކުރި ނަމަވެސް، ޗައިނާގެ އުޅަނދުފަހަރަށް ހޫޘީންގެ ހުއްދާއާއެކު ދަތުރުކުރެވެއެވެ.

މޮރިސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖޫން މަހު އޭޝިއާއަށް އެތެރެކުރި ކަޅު ތެޔޮ 15 އިންސައްތައަކީ ޔަންބޫއިން ބަރުކުރި ތެލެވެ. އެހެންކަމުން ބާބު އަލްމަންދަބުގެ ބަދަލުގައި ސުއޭޒް މެދުވެރިކޮށް ދަތުރުކުރަންޖެހުމުން، އިރުއުތުރު އޭޝިއާއަށް ދަތުރުކުރާ މުއްދަތު ދެގުނަ އިތުރުވެ، ދަތުރުގެ މުއްދަތަށް މަހެއްހާ ދުވަސް އިތުރުވެގެންދާނެއެވެ. މިއީ އޭޝިއާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ދިމާވާ ބޮޑު ގޮންޖެހުމެކެވެ.

ބޮޑެތި ވީއެލްސީސީ ޓޭންކަރުތަކަށް ސުއޭޒް ކެނަލް މެދުވެރިކޮށް ފުރިހަމައަށް ބަރުކޮށްގެން ދަތުރުނުކުރެވޭތީ، ސުމެދު ޕައިޕްލައިން މެދުވެރިކޮށް ތެޔޮ ބޭރުކުރަންޖެހެއެވެ. ޑްރައިއަޑް ގްލޯބަލްގެ ސީއީއޯ، ކޯރީ ރެންސްލެމް އަދި "ކްލެޕަރގެ" "ފްރައިޓް އެނަލިސްޓް"، މެތިއު ރައިޓް ވިދާޅުވީ، ސުއޭޒް ކެނަލް ސަރަޙައްދަށް ދެވޭ ކޮންމެ ޙަމަލާއަކާއިއެކު އިންޝުއަރެންސް އަގުތަކާއި އުޅަނދުފަހަރުގެ އުޖޫރަ އިންތިހާއަށް ބޮޑުވެ، އޭގެ އަސަރު ތެޔޮ ބޭނުންކުރާ އާންމުންނަށް ވަގުތުން ފޯރާނެ ކަމެއް ކަމަށެވެ.

އެސްއެންޑްޕީ ގްލޯބަލް އެނާޖީގެ، އެލީ ބްލޭކްވޭ ވިދާޅުވީ، ދާމިއެއްޓާއަށް ދިން ހަމަލާގެ ސަބަބުން ސުއޭޒް ކެނަލަށް ވަގުތުން ބޮޑު ނުރައްކަލެއް އޮތް ކަމަށް ތެލުގެ ބާޒާރުން އަދި ނުދެކޭ ކަމަށެވެ. އަދި އިރާނާއި އޮމާންއާއި ދެމެދު ހުރުމުޒު ކަނޑުއޮޅިއާ ބެހޭގޮތުން ކުރެވުނު މަޝްވަރާތަކާ ގުޅިގެން ބުރާސްފަތި ދުވަހު ތެލުގެ އަގު ވަނީ ކުޑަކޮށް ދަށަށްޖެހިލާފައެވެ.