ވ.އަތޮޅު ކައުންސިލް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޔުނައިޓެޑް ގްރީން އާއި އަލްބާ ލޮޖް ހޯދައިފިއެވެ. ޔުނައިޓެޑް ގްރީން އިން ހޯދީ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަމެވެ. އަދި އަލްބާ ލޮޖް އިން ވަނީ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާފައެވެ. މިދެޓީމްވެސް ޗެމްޕިއަންކަން ހޯދީ މެޗަކުން ބަލިނުވެއެވެ.
ޔޫޖީން އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ދިނަޝައާ ވާދަކޮށް 3-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފައިނަލް މެޗުގައި ފުރަތަމަ ސެޓް ޔުނައިޓެޑް ގްރީން ގެންދިޔައީ 25-14 ނެވެ. އެކަމަކު ދެވަނަ ސެޓް 25-20 ން ދިނަޝަ ގެންދިޔައެވެ. އެކަމަކު ތިންވަނަ ސެޓް 25-20 ން އަދި ހަތަރުވަނަ ސެޓް 25-10 ން ގެންގޮސް ޔުނައިޓެޑް ގްރީން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޔުނައިޓެޑް ގްރީން އަށް ކުޅުނު ގައުމީ ޓީމްގެ އާމިނަތު ޝަހާ ޝާމިންއެވެ. އެންމެ މޮޅު ހަ ކުޅުންތެރިންގެ ތެރޭގައިވެސް ޝަހާ ހިމެނެއެވެ. ޝަހާގެ އިތުރުން ޔުނައިޓެޑް ގްރީންއަށް ކުޅުނު ގައުމީ ޓީމްގެ ކެޕްޓަން ހައްވާ ރާޝިދާ ވެސް މޮޅު 7 ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. ފައިނަލްގައި ބަލިވި ދިނަޝަ ޓީމްގައި ކުޅުނު ގައުމީ ޓީމްގެ ތިން ކުޅުންތެރިންގެ ތެރެއިން ހައްވާ ސަހާ އާއި އާމިނަތު ރިޔާސާ (ޔަޝާ) ވެސް މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނެއެވެ. އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނުނީ މަންތާވިއަށް ކުޅުނު ގައުމީ ޓީމްގެ އާއިޝަތު މާޖިދާ އާއި އަލްބާ ލޮޖްއަށް ކުޅުނު ގައުމީ ޓީމްގެ މާޔާ ހުސެއިންގެ އިތުރުން ޔޫޖީގެ ސެޓަރު ފާތިމަތު ރަޒީނާ އެވެ. ފެއަރޕްލޭ ޓީމަކީ ރޭވަ އެވެ.
ފިރިހެން ޑިވިޝަންގެ ތަށި އަލްބާ ލޮޖް ހޯދީ ފައިނަލްގައި ޔުނައިޓެޑް ގްރީން ބަލިކޮށްގެންނެވެ. ފުރަތަމަ ތިން އަހަރުވެސް ފިރިހެން ޑިވިޝަންގެ ތަށި ހޯދީ އަލްބާ ލޮޖް އެވެ. ފައިނަލް މެޗު އަލްބާ ލޮޖް ކާމިޔާބުކުރީ ސީދާ ތިން ސެޓުން ޔުނައިޓެޑް ގްރީން ބަލިކޮށްގެންނެވެ.
ފައިނަލް މެޗު އަލްބާ ލޮޖް ކާމިޔާބުކުރީ 25-15, 25-22 އަދި 25-22 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އަލްބާ ލޮޖްގެ ޔޫޝައު ހަސަން އެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައިވެސް ޔޫޝައު ހިމެނެއެވެ. އޭގެއިތުރުން ހަތް ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އަލްބާ ލޮޖްގެ އިޔާން އަލީ އާއި މުޙައްމަދު ރައިހާން އާއި އަހުމަދު ލާމިއު އިބްރާހީމް އާއި ޔުނައިޓެޑް ގްރީންގެ އާދަމް ނިޔާޒު އާއި އަހުމަދު ޝާމިން ހަބީބު އާއި އަލިތަރިންގެ އައްޔޫބް ބިން އަހުމަދެވެ.
މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ހޯދައިދިން ކޯޗު ހުސެއިން ރަޝީދު އެވެ. ފެއަރޕްލޭ ޓީމަކީ އަލިތަރިންއެވެ.