އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަންކޮށްފިއެވެ. އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ މިއަދުއެވެ.
އެގްރޯނެޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒުހަތު އައްޔަންކޮށްފައިވަނީ އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރުކަމުގެ މަޤާމަށް ކަމަށް ޕީސީބީން ވިދާޅުވިއެވެ.
ޝަޒްހަތު ލަތީފަކީ 2017 ވަނަ އަހަރުން ފެށިގެން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާއި ބެހޭ ވުޒާރާގެ ބަޖެޓް އެނަލިސްޓެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ ފަރާތެކެވެ. ޝަޒްހަތުގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓް އެކުލަވާލުމާއި، ބޭސްލައިން ބަޖެޓް ވަޒަންކުރުމާއި، ޚަރަދުތައް ދިރާސާކުރުމާއި، ބަޖެޓް ކޮންޓްރޯލް ކުރުމުގެ އިތުރުން ފިސްކަލް ރިސްކް އެސެސްމަންޓް ހެދުން ހިމެނެއެވެ.
މީގެ އިތުރުން، ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި، "ބަޖެޓް ސްޓެޓިސްޓިކްސް ބުކް" އަދި "ފިސްކަލް ރިސްކް ސްޓޭޓްމަންޓް" ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވައެވެ.
ޝަޒްހަތު ވަނީ ޔުނިވަރސިޓީ އޮފް ބެޑްފޯޑްޝަޔަރއިން ފައިނޭންސްގެ ދާއިރާއިން މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައެވެ. އަދި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިންގ އެންޑް ފައިނޭންސް ދާއިރާއިން ބެޗްލަރ އޮފް އާޓްސް (އޮނަރސް) ވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައިވެއެވެ.