ޚަބަރު

މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު ރެކޯޑް ޢަދަދަކަށް އިތުރު!


މިދިޔަ ފެބްރުއަރީ މަހު އީރާނާ ދެކޮޅަށް އެމެރިކާ އާއި ޔަހޫދީ ދައުލަތުން ފެށި ޣައިރު ޤާނޫނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ވުރެ، މެދުއިރުމަތިން ތެޔޮ އެކްސްޕޯޓްކުރާ މިންވަރު އަނެއްކާވެސް އިތުރުވެއްޖެއެވެ.

މިއީ ހަނގުރާމައާ ގުޅިގެން ރައްދުގައި ހުރްމުޒް ކަނޑުއޮޅި ބަންދުކޮށް، ދަތުރުފަތުރަށް ހުރަސްއެޅުމަށް އީރާނުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި ވެސް ފެނިގެންދިޔަ ކުރިއެރުމެކެވެ.

ކަނޑުދަތުރުފަތުރުގެ ދާއިރާ ދިރާސާކުރާ ކުންފުންޏެއް ކަމަށްވާ 'ކެޕްލަރ'ގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހު ހަފުތާގައި މި ސަރަޙައްދުން ބޭރުކުރި ސާފުނުކުރާ ތެލުގެ މިންވަރު ވަނީ ދުވާލަކު 19.5 މިލިއަނާއި 22.5 މިލިއަން ފީފާއާ ދެމެދުގެ ޢަދަދަކަށް އަރައިފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން އެވްރެޖްކޮށް ބޭރުކުރެވެމުން ދިޔައީ ދުވާލަކު 18 މިލިއަން ފީފާ ތެލެވެ. މި ކުރިއެރުން ހިނގާ އޮކްޓޯބަރު މަހުވެސް ދަމަހައްޓަމުން އަންނައިރު، ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިރާޤުން ވަނީ އެންމެ ބޮޑެތި ތެޔޮ އުފުލާ ބޯޓުފަހަރު ބޭނުންކޮށްގެން، ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ދެ މިލިއަން ފީފާގެ ތެޔޮ އެއްފަހަރާ އުފުލައިފައެވެ.

މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު އަލުން އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އެމެރިކާގެ ކަނޑުގެ ސިފައިން ތެޔޮ ބޯޓުތަކަށް ސަލާމަތީ ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އީރާނުގެ ޑްރޯނާއި މިސައިލް ހަމަލާތަކުން ރައްކާތެރިވުމުގެ ގޮތުން ކަނޑުމަތީގައި އެއް ބޯޓުން އަނެއް ބޯޓަށް ތެޔޮ ބަދަލުކުރުން އިތުރުވުން ހިމެނެއެވެ. މީގެއިތުރުން، ސަޢުދީ ޢަރަބިއްޔާ އާއި އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ ތެޔޮ ސައިޕްލައިކުރާ ހޮޅިތަކާއި ރަތްކަނޑު މެދުވެރިކޮށް، ހުރްމުޒް ކަނޑުއޮޅި ނޫން އެހެން މަގުތަކުން މިހާރު 40 އިންސައްތަ ތެޔޮ ދަޢުރުކުރަމުންދާ ކަމަށް ކެޕްލަރއިން ބުނެއެވެ.

ނަމަވެސް، ކެޕްލަރގެ ހެޑް އޮފް ޕޮލިސީ އެންޑް ޖިއޯޕޮލިޓިކަލް ރިސްކް، މިޝެލް ބްރޯހާޑް ފާހަގަކުރެއްވި ގޮތުގައި ގަލްފުގެ ބައެއް ޤައުމުތަކުން އީރާނަށް ވަކި ފީއެއް (ޓޯލް) ދައްކައިގެން، ބޯޓުފަހަރަށް ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ ޙުއްދަ ހޯދަމުންދާ ކަމަށް ބެލެވެއެވެ. އޭނާ ވިދާޅުވީ، ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވުމުގެ ކުރިން ވީހާވެސް ގިނަ ތެޔޮ އަވަހަށް ބާޒާރަށް ނެރުމަށް ޤައުމުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ތުހުމަތުތައް ރަސްމީކޮށް ސާބިތުވެފައި ނުވި ނަމަވެސް، އީރާނުގެ އިންޤިލާބީ ފައުޖު (އައިއާރުޖީސީ) އިން ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތައް ކޮންޓްރޯލް ކުރުމުގެ ނިޒާމެއް ޤާއިމުކޮށްފައިވާ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ. އަދި މިފަދަ ފައިސާގެ މުއާމަލާތްތަކަށް އެހީތެރިވި ކަމަށް ތުހުމަތުކޮށް، އެމެރިކާއިން ވަނީ ޑިޖިޓަލް އެސެޓްސް ކުންފުންޏެއް ކަމަށްވާ 'ބިޓްބޭންކް' އަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފައެވެ.

ނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ބުނާ ގޮތުގައި، އެމެރިކާގެ ހިމާޔަތުގައި ދަތުރުކުރަނީ ދުވާލަކު އެންމެ 3 ނުވަތަ 4 މިލިއަން ފީފާ ތެލެވެ. އަދި އެ ސަރަޙައްދުގެ ކަނޑުގެ ސަރަޙައްދީ ކޮންޓްރޯލް އަދިވެސް އޮތީ އެ އީރާނުގެ ބާރުގެ ދަށުގައި ކަމަށް އެމީހުން ބުނެއެވެ.

މެދުއިރުމަތިން ތެޔޮ ބޭރުކުރާ މިންވަރު އަލުން އިއާދަވުމާއި، ޖީ7 އިއްތިޙާދުގެ ޤައުމުތަކުގެ ސްޓްރެޓީޖިކް ރިޒާވުން 100 މިލިއަން ފީފާގެ ތެޔޮ ދޫކުރުމަށް ނިންމުމާ ގުޅިގެން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފައެވެ. އެގޮތުން ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 101.59 ޑޮލަރަށް އަދި އެމެރިކާގެ ޑަބްލިއުޓީއައި ފީފާއެއްގެ އަގު 90.05 ޑޮލަރަށް ވަނީ ވެއްޓިފައެވެ.

ނަމަވެސް، އިޤްތިޞާދީ މާހިރުން ދެކޭގޮތުގައި، ހަނގުރާމައިގެ ކުރީގެ ޙާލަތާ އަޅާބަލާއިރު ތެލުގެ އަގު އަދިވެސް ހުރީ ވަރަށް މަތީގައެވެ. މީގެ މައިގަނޑު ސަބަބަކީ ހަނގުރާމައިގެ ނުރައްކަލާ ގުޅިގެން އިންޝުއަރެންސް ޕްރީމިއަމްތައް އިންތިހާއަށް އުފުލިފައިވުމާއި، ހުރްމުޒް ކަނޑުއޮޅީގެ ސަލާމަތީ ގޮންޖެހުންތަކެވެ. އަދި ތެޔޮ އުފުލުމަށް ގިނަ ޢަދަދެއްގެ ބޯޓުފަހަރު ބޭނުންވުމުގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ދާއިރާއަށް ކުރިމަތިވެފައިވާ އުޅަނދުގެ ދަތިތަކަކީ ވެސް، ބައިނަލްއަޤުވާމީ ހަކަތައިގެ ބާޒާރު ހަމައަކަށް އެޅުވުމަށް މިވަގުތު އޮތް ބޮޑު ހުރަހެކެވެ.