ޚަބަރު

މާޒިޔާގެ ކޯޗަކަށް ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ


  • މާޒިޔާގެ ފަރާތުން ފެނިގެންދިޔައީ އުންމީދީ ކުޅުމެއް ކަމަށް ބުނި

  • މާޒިޔާގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް ބުނި

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗަކަށް އޭޝިއާގެ ތަޖިރިބާހުރި ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ހަމަޖައްސައިފިއެވެ.

މާޒިޔާއިން މި ސީޒަނަށް އެ ކުލަބަށް އިރުޝާދު ދިނުމަށް ބޭރު ކޯޗެއް ގެނަސްފައިވާއިރު، ސީޒަން ހުޅުވަން ބޭއްވި ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އަށް އިރުޝާދު ދީފައިވަނީ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު (ކޮއްކޮ)އެވެ. ސުޒެއިރުގެ އިރުޝާދުގެ ދަށުން މާޒިޔާއިން ވަނީ ޕެނަލްޓީގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރިހޯދައިފައެވެ.

މާޒިޔާއާ އަލަށް ހަވާލުވި ކޯޗު ޓްރުޗާ އެންމެފަހުން މަސައްކަތް ކޮށްފައިވަނީ އިންޑޮނޭޝިއާގެ ޕީއެސްއެމް މަކަސާގައެވެ. އޭގެ ކުރިން މިދިޔަ އަހަރު ކެންޔާގެ އޭއެފްސީ ލެޕަޑްސް އަށްވެސް އިރުޝާދު ދީފައިވެއެވެ.

މީގެ އިތުރުން ޓްރުޗާ ވަނީ މީގެ ކުރިން މެލޭޝިއާގެ ކްލަބްތަކަށާއި، ސައުތު އެފްރިކާގެ ކްލަބްތަކަށް ވެސް އިރުޝާދުދީފައެވެ. މީގެ އިތުރުން ޔޫރަޕްގެ ދަށު ފަންތީގެ ލީގުތަކުގައި ވެސް ޓްރުޗާ ވަނީ މަސައްކަތް ކޮށްފައެވެ.

މާޒިޔާ އިން އާދީއްތަ ދުވަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ޓްރުޗާގެ އިރުޝާދުގެ ދަށުންނެވެ.

"ޕީއެސްއެމް ނިއުސް"އާ ވާހަކަދައްކަމުން ޓްރުޗާ ބުނީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އުންމީދީ ކުޅުމެއް ކަމަށެވެ.

ޓްރުޗާ ބުނީ މާޒިޔާގައި މިހާރު އޮތް ސްކޮޑަށް ބިދޭސީ ކުޅުންތެރިން ގުޅުމުން ސްކޮޑު އިތުރަށް ވަރުގަދަވާނެ ކަމަށާއި، މާޒިޔާއިން މުބާރާތްތަކަށް ނުކުންނާނީ ކުރެއެކޭވެސް އެއްގޮތައް ތައްޓަށް އަމާޒު ހިފައިގެން ކަމަށެވެ.

ޓްރުޗާގެ އިތުރުން މާޒިޔާއިން ވަނީ ބިދޭސީ ދެ ކުޅުންތެރިން ވެސް އެ ޓީމުގެ ސްކޮޑަށް ގެނަސްފައެވެ. އެ ޓީމަށް ގެނަސްފައިވަނީ ސާބިއާގެ ޑިފެންޑަރެއްގެ އިތުރުން މިޑްފިލްޑަރެކެވެ.

މާޒިޔާއިން ހާމަކޮށްފައިވާ ގޮތުން އެ ޓީމަށް އާ ސީޒަނަށް ގެނަސްފައިވަނީ ސާބިއާގެ މިޑްފިލްޑަރު ނިކޮލާ ވިޔޮޖެސިކްގެ އިތުރުން ޑިފެންޑަރު ނަމެންޔާ ޒްޑާވްކޮވިޗްއެވެ.