ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިންއަށް ކުޅެމުންދާ ފަރަންސޭސިވިލާތުގެ ފޯވަޑް ރަންޑަލް ކޯލޯ މުއާނީ އިޓާލިއަން ސެރީއާގެ ޔުވެންޓަސްއަށް ސޮއިކޮށްފިއެވެ.
މަޢުލޫމާތުލިބޭގޮތުގައި ކޯލޯ މުއާނީ ޔޫވޭ އާއި ގުޅިފައިވަނީ 50 މިލިއަން ޔޫރޯގެ އަގަކަށެވެ. ނަމަވެސް ޔޫވޭއިން އެންމެ ފުރަތަމަ ޕީއެސްޖީއަށް ދިނުމަށް ހަމަޖެހިފައިވަނީ 38 މިލިއަން ޔޫރޯއެވެ. އަދި ބާކީ 12 މިލިއަން ދިނުމަށް ހަމަޖެހިފައިވަނީ އެހެނިގެން ކަންތައްތަކާއި ގުޅުވައިގެންނެވެ. 2023 ވަނަ އަހަރު ޖަރުމަނު ބުންޑެސްލީގާގެ އެއިންޓްރެކްޓް ފްރޭންކްފާރޓްއިން ޕީއެސްޖީއަށް 95 މިލިއަން ޔޫރޯގެ އަގަކަށް ބަދަލުވި ކޯލޯ މުއާނީ މިދިޔަ ދެސީޒަންވެސް ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމުގެ ދަށުން އެހެން ކްލަބްތަކުގައެވެ. މިގޮތުން ފުރަތަމަ ޔޫވޭއަށް ކުޅުނު އިރު މިދިޔަ ސީޒަން އޭނާ ކުޅެފައިވަނީ އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރއަށެވެ. އަދި ސްޕަރސްއިން އޭނާ ގެންދިއުމަށް ބޭނުންވި ނަމަވެސް އަގާމެދު އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. ކޯލޯ މުއާނީވަނީ މިދިޔަ ސީޒަންގައި ސްޕަރސްއަށް 41 މެޗު ކުޅެދީފައެވެ. އަދި 5 ލަނޑު ޖަހައިދީ 4 އެސިސްޓް ކޮށްފައެވެ. މިދިޔަ ސީޒަންގައި ސްޕަރސްއިން ރެލިގޭޝަނުން ސަލާމަތްވުމަށް ކުރި މަސައްކަތުގައި ކޯލޯ މުއާނީވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މީގެއިތުރުން ޔޫވޭއިންވަނީ ބަޔަރ ލެވަރކޫސެންއަށް ކުޅެމުންދިޔަ ބޮސްނިއާ އެންޑް ހާޒެގޮވީނާގެ ޒުވާން ތަރި ކެރިމް އަލެއިބެގޮވިޗް ވެސް އެޓީމަށް ގެންގޮސްފައެވެ. މަޢުލޫމާތުލިބޭގޮތުގައި މިވިޔަފާރީގެ އަގު 40 މިލިއަން ޔޫރޯއަށް އަރައެވެ. އަލެއިބެގޮވިޗްވަނީ ޔޫވޭއާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދައިފައެވެ. މިދިޔަ ސީޒަން އަލެއިބެގޮވިޗް ހޭދަކޮށްފައިވަނީ ލޯން އެއްބަސްވުމެއްގެދަށުން އޮސްޓްރިއަން ބުންޑެސްލީގާގެ އާރްބީ ސާލްޒްބަރގްގައެވެ. އަދި ނިމިގެންދިޔަ ވޯލްޑް ކަޕްގައި ބޮސްނިއާ ކުޅުނު 4 މެޗުގައިވެސް އޭނާވަނީ ކުޅެފައެވެ. ސާލްޒްބަރގްގައި އަލެއިބެގޮވިޗްވަނީ 44 މެޗު ކުޅެދީ 13 ލަނޑު ޖަހައިދީފައެވެ.
އުމުރުން 18 އަހަރުގެ އަލެއިބެގޮވިޗްއަށް މަރުހަބާ ކިޔަމުން ޔޫވޭއިން އާންމުކުރި ބަޔާނުގައި އެޓީމުންވަނީ އޭނާގެ ހުނަރުވެރިކަމާއި ޤައުމީ ޓީމުގައިވެސް ފައިތިލަ ސާބިތު ކުރަމުންދާލެއް ފުރިހަމަކަށްޓަކައި ތައުރީފްކޮށްފައެވެ. އަލެއިބެގޮވިޗާއި ކޯލޯ މުއާނީގެ ކުރިން ޔޫވޭއިންވަނީ މިސީޒަނަށް ޒެކީ ޗެލިކް، ޖެރެމީ ބޯގާ އަދި ޖެފް އެކާޓަރ އެޓީމަށް ގެންގޮސްފައެވެ. މިއީ އެޓީމުގެ ކޯޗުކަމާއި މިދިޔަ ސީޒަންގެ މެދުތެރޭގައި ހަވާލުވި ލޫސިއާނޯ ސްޕަލޭޓީގެ ފުރަތަމަ ފުލް ސީޒަނެވެ. ޔޫވޭއިން ސެރީއާގެ އާސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު ފްރޮސިނޯނޭ އާއި ދެކޮޅަށެވެ. ނަމަވެސް އޭގެކުރިން ރަހްމަތްތެރިކަމުގެ ތިން މެޗެއްގައި ޗެލްސީ އާއި އިންޓަރ މިލާން އަދި ޕަލޭރްމޯ އާ ބައްދަލުކުރާނެއެވެ.