ކ. ގާފަރު ކައިރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހުއްޓުމެއްނެތި ކުރިއަށް ދާއިރު، ކަނޑާއި ވައިގެމަގުން ބޮޑު ސަރަހައްދެއް ބަލައިފިއެވެ.
ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ.ގާފަރު ކައިރިއަށް އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ، މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރުއެވެ. މި ހާދިސާ ހިނގިވަގުތު ކޮޅުވެއްޓީގައި 10 މީހުން ތިބި ކަމަށާއި، އޭގެ ތެރެއިން 8 މީހުން ސަލާމަތް ކުރެވުނު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މި ހާދިސާގައި ދެ މީހުން ގެއްލިފައިވާއިރު އެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ކުރައްވަމުންނެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާގައި ގެއްލިފައިވާ 2 މީހުން ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރއިން މި އޮޕަރޭޝަންގައި މިހާތަނަށް ކަނޑާއި ވައިގެ މަގުން 3182 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވާއިރު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީންއާއި ފާސްޓް އިންޓަސެޕްޓް ކްރާފްޓުން 441 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ވަނީ ބަލާފައިކަމަށެވެ.
އޭގެއިތުރުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ 675120 އަކަ މީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައިކަމަށާއި މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.