ކުޅިވަރު

މުސާރަ ނުދެވޭތީވެ ބަނގްލަދޭޝްގެ ގަދަ 2 ކުލަބު ފީފާއިން ހުއްޓުވައިފި


މުސާރަ ނުދެވޭތީވެ ބަނގްލަދޭޝްގެ އެންމެ ގަދަ ދެ ކުލަބު ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން ހުއްޓުވައިފި އެވެ.

މިދިޔަ 10 އަހަރު ތެރޭގައި ބަނގްލަދޭޝްގެ އެންމެ ގަދަ ދެ ކުލަބު ކަމަށްވާ ބަޝުންދުރަ ކިންގްސް އާއި ޑާކާ އަބާނީ ކުލަބު މިވަގުތު ވަނީ ފީފާގެ ޓްރާންސްފާ ބޭންގަ އެވެ. މިހެންވެ އެއްވެސް ކުޅުންތެރިއަކު އަލަށް ރަޖިސްޓަރީ ކުރުމުގެ ފުރުސަތު މި ދެ ކުލަބަށް ވެސް ވަނީ މަނާ ކޮށްފަ އެވެ.

ފީފާގެ ރެކޯޑްތައް ދައްކާ ގޮތުން އަބާނީން މުސާރަ ނުދީގެން އެ ކުލަބަށް ކުޅުނު ތިން ކުޅުންތެރިއަކު ވަނީ ފީފާގައި މައްސަލަ ޖައްސާފަ އެވެ. އަދި ބަޝުންދުރައިގެ 11 ކުޅުންތެރިއަކު ވަނީ މައްސަލަ ޖައްސާފަ އެވެ. މިއާއެކު މި ދެ ކުލަބުގެ ޖުމުލަ 14 މައްސަލަ ފީފާގައި އެބައޮތެވެ. ކުޅުންތެރިން ގެނައުން ފީފާއިން ހުއްޓުވީ މިހެންވެ އެވެ. މީގެ ފައިދާ ނަގައި މި ދެ ކުލަބަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ވަނީ ބަނގްލަދޭޝްގެ މުހައްމަދަން ސްޕޯޓްސް އަށް ގެންގޮސްފަ އެވެ. ކުރިއަށް އޮތް ސީޒަނަށް އެންމެ ވަރުގަދަވާނެ އެއް ކުލަބަކީ އެއީ އެވެ.

ބަނގްލަދޭޝްގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުލަބުތަކުން އޭއެފްސީ ކުލަބު ލައިސަންސް ފުރިހަމަ ކުރަން ޖެހޭނެ އެވެ. މި ލައިސަންސް ލިބޭނީ މާލީ ހުރިހާ މައްސަލަތަކެއް ހައްލުކޮށްގެންނެވެ. ނުނިންމައިފިނަމަ ބަޝުންދުރަ އާއި އަބާނީ އަށް ލީގުގައި ކުޅުމުގެ ފުރުސަތު ނުލިބުން ވަރަށް ގާތެވެ.

ފާއިތުވެދިޔަ އަށެއްކަ އަހަރު އެންމެ މުއްސަނދި އަދި އެންމެ ވަރުގަދަ ކުލަބުގެ ގޮތުގައި އޮތް ބަޝުންދުރަ ކިންގްސް އަކީ ބަނގްލަދޭޝްގެ ކުރީގެ ރައީސް ޝައިހް ހަސީނާގެ ތާއީދާއެކު ވަރުގަދަވި ކުލަބެކެވެ. އޭނާގެ ވެރިކަން މީގެ ދޮޅު އަހަރު ކުރިން ވެއްޓުމާއެކު ބަޝުންދުރަ އަށް ވާނީ ފައިސާގެ މައްސަލަ ދިމާވެފަ އެވެ. ރާއްޖޭގެ ނިއުރޭޑިއަންޓަށް ސޮއިކުރި ބްރެޒިލްގެ ފޯވަޑް ޑޮރިއެންޓޮން ގޯމޭޒް ވެސް މިދިޔަ އަހަރު ކުޅުނީ ބަޝުންދުރަ ޔުނައިޓެޑަށެވެ.