ޚަބަރު

މިޞްރަށް ބާރުގަދަ ބިންހެލުމެއް، ގެއްލުމެއްގެ މަޢުލޫމާތެއް ނެތް


މިޞްރުގެ އިރުއުތުރު ސަރަޙައްދުތަކަށް ބާރުގަދަ ބިންހެލުމެއް އައިސްފިއެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވުމުގެ، އަދި މާދީ ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެވެ. މިޞްރުގެ މީޑިއާތަކުން ބުނީ، ބިންހެލުމުގެ ލޮޅުންތަކުގެ އަސަރު ވެރިރަށް ޤާހިރާއިން ވެސް އިޙުސާސްކުރެވުނު ކަމުގައެވެ. ބިންހެލުމާ ގުޅިގެން މިޞްރުގެ ޞިއްޙީ ވުޒާރާއިން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތުގައި ޢަމަލުކުރާނެ ޕްލޭން އިޢުލާނުކޮށް، ހަސްފަތާލުތައް އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ޙާލަތަށް ގެނެސްފައެވެ.

މިޞްރުގެ ނޭޝަނަލް ރިސަަރޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިޔޯފިޒިކްސްއިން ބުނީ، އޮގަސްޓު 3 ވަނަ ދުވަހުގެ ފަތިހުގެ ވަގުތުގައި އައި ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.6 ގައި ކަމުގައެވެ. މި ބިންހެލުން އުފެދިފައިވަނީ މިޞްރުގެ ސުވަޔިސް ސިޓީގެ އުތުރުން 38 ކިލޯމީޓަރު ދުރަށެވެ. އެ އިދާރާއިން ބުނީ، މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި ނުވާ ކަމުގައެވެ.

ތުރުކީވިލާތުގެ ޑިޒާސްޓަރ އެންޑް އެމަރޖެންސީ މެނޭޖްމަންޓް އޮތޯރިޓީން (އޭއެފްއޭޑީ) ބުނީ، މި ބިންހެލުން އައިސްފައިވަނީ މިޞްރުގެ އިރުއުތުރުގައިވާ އިސްމާޢީލިއްޔާ ޕްރޮވިންސަށް ކަމުގައެވެ. އެ އިދާރާއިން ބުނީ، ބިންހެލުމުގެ ބާރުމިން ރެކޯޑު ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 5.3 ގައި ކަމުގައެވެ. މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ ސަތަހައިން ފެށިގެން 5.47 ކިލޯމީޓަރު އަޑިއަށް ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. ނަމަވެސް، ޖަރުމަނުވިލާތުގެ ޖިޔޯސައިންސަސް ރިސަރޗް ސެންޓަރުން (ޖީއެފްޒެޑް) ބުނީ، ބިންހެލުން އައިސްފައި ވަނީ ބިމުގެ ސަތަހައިން 10 ކިލޯމީޓަރު އަޑިން ކަމުގައެވެ.

މިޞްރުގެ ރެޑް ކްރެސެންޓުން ވަނީ ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި ކުއްލި ޙާލަތުގައި ޢަމަލުކުރާނެ ޕްލޭން ތަންފީޒުކުރަން ފަށާފައެވެ. އަދި، ގެއްލުންވެފައިވާ ކަމުގެ ނިޝާންތައް ފެންނަން ހުރި އަދި ބައުވެފައިވާ އިމާރާތްތައް ބޭނުން ނުކުރުމަށް އެ ޖަމުޢިއްޔާއިން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި، ކަމާގުޅޭ އިދާރާތަކުން ޙާލަތު ވަޒަންކުރަމުންދާއިރު ރަސްމީ މަޢުލޫމާތުތަކަށް ސަމާލުކަން ދިނުމަށް ޢާންމުންނަށް އިލްތިމާސްކޮށްފައެވެ. ބިންހެލުމުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގެ ރިޕޯޓެއް ކޮށްފައި ނެތް ކަމުގައި ރެޑް ކްރެސެންޓުން ވެސް ބުނެއެވެ.