ޚަބަރު

ރަޝިޔާއާއި ޔޫކްރެއިންގެ ވައިގެ ހަމަލާތައް ބަދަލުކޮށްފި


ރަޝިޔާއާއި ޔޫކްރެއިނުން ކުރިއަށްގެންދާ ހަނގުރާމައިގެ ކުރީސަފާ ދުރުގައިވާ ސަރަޙައްދުތަކަށް އަމާޒުކޮށްގެން ދޭ ވައިގެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ދެފަރާތުން ދިން ޙަމަލާތަކުގައި މަދުވެގެން 28 މީހުން މަރުވެއްޖެއެވެ.

ޔޫކްރެއިނުން ރަޝިޔާގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް އާދީއްތަ ދުވަހުގެ ރޭގަނޑު ފޮނުވާލި ގިނައަދަދެއްގެ ޑްރޯންތަކުން ދިން ހަމަލާތަކުގައި މަދުވެގެން 9 މީހުން މަރުވެފައިވާކަމަށް ރަޝިޔާއިން ވަނީ ބުނެފައެވެ. އަދި މި ހަމަލާތަކުގެ ތެރެއިން ރަޝިޔާއިން ވަނީ ޔޫކްރެއިންގެ 635 ޑްރޯން ކާމިޔާބުކަމާއެކު ވައްޓާލާފައިވާކަމަށްވެސް ބުނެފައެވެ.

ސަރަޙައްދީ ގަވަރުނަރުން ހާމަކުރެއްވި މަޢުލޫމާތުތަކަށް ބަލާއިރު، މަރުވި މީހުންގެ ތެރޭގައި ޔޫކްރެއިންގެ ކުރީސަފާ 1،300 ކިލޯމީޓަރު އަށްވުރެ ދުރުގައިވާ އުދުމުރުތިއާ ސަރަޙައްދުގެ ކާރަކަށް ދިން ޑްރޯން ޙަމަލާއެއްގައި މަރުވި 3 މީހުން ހިމެނެއެވެ.

މީގެ އިތުރުން، ސަރާތޯވް އަދި އެންގެލްސް ސިޓީގެ އާންމުން ދިރިއުޅޭ އިމާރާތްތަކަށް ޙަމަލާދީފައިވާއިރު، ދިން ޙަމަލާގައި ދެ މީހުން މަރުވެފައިވާކަމަށް އެ ސަރަޙައްދުގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ސަރާތޯވްގެ ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި އެންގެލްސް ވައިގެއަސްކަރިއްޔާގެ މަރުކަޒަށް ހަމަލާދީ، އެ ދެ ތަނުގައި އަލިފާން ރޯކޮށްލާފައިވާ ކަމަށެވެ. އަދި ހުޅަނގުގެ ކާލުގާ ސަރަޙައްދުގައި ހުންނަ ތެޔޮ ރައްކާކުރާ ގުދަނަކަށްވެސް ހަމަލާދީފައިވާކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ސަމާރާ ސަރަޙައްދުގެ ގަވަރުނަރު ވިދާޅުވީ، ޔޫކްރެއިންގެ ކުރީސަފާ 800 ކިލޯމީޓަރު ދުރުގައިވާ "ވައިލްޑްބެރީސް" ގުދަނަކަށްވެސް ޔޫކްރެއިންގެ ޑްރޯންތަކުން ހަމަލާދީފައިވާ ކަމަށެވެ. އަދި މި ހަމަލާގައި އެއްވެސް މީހަކު މަރުވެ، އަނިޔާވެފައި ނުވާކަމަށާއި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

ރަޝިޔާގެ އިޤްތިޞާދީ އަދި ހަކަތައިގެ އަމާޒުތަކަށް ޔޫކްރެއިން ދޭ ހަމަލާތައް އިތުރުކުރަމުން ދަނީ ރަޝިޔާއަށް ހަނގުރާމަ ކުރިއަށްގެންދިއުމުގެ ޤާބިލުކަން ކަޑުވާލުމުގެ ނިޔަތުގައިކަމަށް ކަމަށް ޔޫކްރެއިންގެ މަސްދަރުތަކުން ބުނެއެވެ.

ޖުލައި 18 އިން ފެށިގެން ޔޫކްރެއިނުން ވަނީ "ވައިލްޑްބެރީސް" ގެ 12 ވަރަކަށް ސަރަހައްދަށް ޙަމަލާދީފައެވެ. މިއީ ރަޝިޔާގެ "އެމެޒޯންގެ" ގޮތުގައި ސިފަކުރާ، އެ ގައުމުގެ ވިޔަފާރީގެ މައިގަނޑު އެއް ކުންފުނީގެ މަސައްކަތްތަކަށް ހުރަސްއެޅުމުގެ ގޮތުން ދެމުންދާ ހަމަލާތަކެކެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދިން ހަމަލާތައް:

އާދީއްތަ ދުވަހު ޔޫކްރެއިނަށް ދިން ހަމަލާތަކުގައި މަދުވެގެން އެގައުމުގެ 5 މީހުން ވަނީ މަރުވެފައެވެ.

ދެކުނުގެ ސިޓީއެއްކަމަށްވާ ޒަޕޯރިޜިއާގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ރަޝިޔާގެ ބޮމެއް އަމާޒުވެ އެކަކު މަރުވެފައިވާކަމަށް އެ ސިޓީގެ ގަވަރުނަރު ވަނީ ވިދާޅުވެފައެވެ. އަދި އުތުރުހުޅަނގުގައިވާ ޚާރްކީވްގެ ބޭރުގައިވާ ޕޯސްޓު މަރުކަޒުގައި އަލިފާން ރޯވެ، ދިން އިތުރު ހަމަލާއެއްގައި އެކަކު މަރުވެފައިވާކަމަށް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ދިން ޙަމަލާތަކުގައި އިރުމަތީ ސަރަޙައްދަކުން 2 މީހަކު އަދި ދެކުނުގެ ސަރަޙައްދަކުން އެކަކު މަރުވެފައިވާކަމަށް އެ ސަރަޙައްދުތަކުގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފައެވެ.

ދެގައުމުންވެސް ދަނީ ހަނގުރާމައިގެ ކުރީސަފާ ވަރަށް ދުރުގައިވާ ސަރަހައްދުތަކަށް ހަމަލާދިނުމަށް ދުރުރާސްތާގެ މިސައިލާއި ޑްރޯން ބޭނުންކުރުން އިތުރުކުރަމުންނެވެ.

ޔޫކްރެއިންގެ ވައިގެ އަސްކަރިއްޔާގެ ރިޕޯޓްތަކަށް ބިނާކޮށް އޭއެފްޕީން އެކުލަވާލާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރަޝިޔާއިން ވަނީ ޖުލައި މަހު ޔޫކްރެއިނަށް 376 މިސައިލް ފޮނުވާލާފައެވެ. މިއީ ޖޫން މަހު ފޮނުވާލި އަދަދަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މީގެ ތެރެއިން ގިނަ މިސައިލްތައް އަމާޒުކޮށްފައިވަނީ ޔޫކްރެއިންގެ ކީވްއަށެވެ.

އދ ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވަރުގަދަކޮށްފައިވާ ބެލިސްޓިކް ހަމަލާތަކުގައި ޖުލައި 1 އިން ޖުލައި 27 ގެ ނިޔަލަށް 170 އަށްވުރެ ގިނަ އާންމުން ވަނީ މަރުވެފައެވެ. އަދި ހުކުރު ދުވަހުގެ ރޭގަނޑު ދިން ވަރުގަދަ ހަމަލާތަކުގައި ޔޫކްރެއިންގެ ވެރިރަށް ކީވްއިން މަދުވެގެން 9 މީހުން މަރުވެ، 33 މީހުން ވަނީ ޒަޚަމްވެފައެވެ.

އެ ހަމަލާގައި ރަޝިޔާއިން ވަނީ ވައިގެ މަގުން ދޭ 220 ހަތިޔާރު ބޭނުންކޮށްފައެވެ. އޭގެ ތެރޭގައި 35 މިސައިލް އާއި 185 ޑްރޯން ހިމެނެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ވައިގެ ސަލާމަތީ ބާރުތަކުން 154 ޑްރޯން ހުއްޓުވާފައިވީ ނަމަވެސް ބެލިސްޓިކް މިސައިލްތަކުގެ ތެރެއިން ހުއްޓުވުނީ އެންމެ މިސައިލެއް ކަމަށެވެ. އެއީ އެމެރިކާއިން ފޯރުކޮށްދޭ "ޕެޓްރިއޮޓް އިންޓަސެޕްޓަރ މިސައިލްތައް" ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.