ޚަބަރު

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައްވައިފި


  • ކުރިމަތިލުމަށް ހުޅުވާލީ ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ ދައުރު ހަމަވާތީ

  • މަޤާމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން އަދި ވެބްސައިޓުން ލިބޭނެ

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ މުއްދަތު ހަމަވާތީ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު އަލުން ހުޅުވާލައްވައިފިއެވެ.

މި މަޤާމަށް އެދި ހުށައަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

ޗީފް ސްޓެޓިސްޓީޝަންގެ މަޤާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 17 އޮގަސްޓު ވާ ހޯމަ ދުވަހުގެ 12:00 އެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި މަޤާމަށް ކުރިމަތިލުމަށް ހުޅުވާލީ މިހާރު ހުންނެވި ޗީފް ސްޓެޓިސްޓީޝަންގެ މަޤާމުގެ ދައުރު ހަމަވާތީ ކަމަށެވެ. މި މަޤާމުގައި މިހާރު ހުންނެވީ ތަފާސްހިސާބުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވާ ޢާއިޝަތު ހަސަންއެވެ. އައިޝަތު ޙަސަނަކީ އިކޮނޮމެޓްރިކްސްއިން މާސްޓާސް ޑިގްރީ އަދި އިކޮނޮމިކްސް އެންޑް މެނޭޖްމަންޓްއިން ބެޗެލާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ޤާނޫނަކީ ރާއްޖޭގައި ތަފާސްހިސާބާބެހޭ ޤައުމީ ނިޒާމެއް ޤާއިމުކޮށް، ރަސްމީ ތަފާސްހިސާބު އެއްކުރުމާއި، އެއްކުރެވޭ މަޢުލޫމާތުގެ ނަތީޖާ ހޯދުމާއި ޢާންމުކުރުމާއި ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަނުގެ މަޤާމަށް ބޭފުޅަކު ކަނޑައަޅުއްވާފައިވަނީ މަޤާމަށް ހުޅުވާލުމުން ކުރިމަތިލާ ބޭފުޅުންގެ ތެރެއިންނެވެ. މިމަޤާމަށް ބޭފުޅަކު އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

މި ޤާނޫނުގައިވާގޮތުން ބިއުރޯއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާއި ބެހޭ ވަޒީރެވެ. މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ހިންގާނީ، މާލީ ވަޒީރުގެ ލަފާގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ. މީގެ އިތުރުންވެސް މި ޤާނޫނުގައިވާގޮތުން ބިއުރޯގެ މަސައްކަތްތައް ކުރުމަށާއި ދިވެހިރާއްޖޭގެ ތަފާސްހިސާބާގުޅޭ ސިޔާސަތުތައް އެކުލަވާލުމަށް އަދި ތަފާސްހިސާބުގެ ޤައުމީ ނިޒާމު ކުރިއެރުވުމަށް ލަފާދޭ ސްޓެޓިސްޓިކަލް ކައުންސިލެއް އޮންނަންވާނެއެވެ. އަދި މި ސްޓެޓިސްޓިކަލް ކައުންސިލް އެކުލެވިގެންވާނީ 10 މެންބަރުންގެ މައްޗަށެވެ.

މި ޤާނޫނުގެ މައިގަނޑު މަޤްޞަދުތަކު ތެރޭގައި ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާ ތަރައްޤީކުރުމާއި، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ޙާލަތު އަންގައިދޭ މުހިންމު ތަފާސްހިސާބު ޤައުމީ ފެންވަރުގައި އެއްކޮށް، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އިތުބާރުހުރި ގޮތެއްގައި، އެއްހަމައެއްގައި ފޯރުކޮށްދިނުން ހިމެނެއެވެ.