އިނގިރޭސި ކުލަބު ޗެލްސީ އަށް ބަދަލުވުމުން އެންމެ ބޮޑަށް ވާހަކަ ދައްކާނީ އޭނާގެ އުމުރާ ގުޅޭ ގޮތުން ކަމަށް ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ބުނެފި އެވެ.
އުމުރުން މިހާރު 36 އަހަރުގެ ހެންޑަސަން އަކީ ސަންޑަލޭންޑުން ލިވަޕޫލަށް ބަދަލުވެ އެ ކުލަބުގެ ބޮޑެތި ކާމިޔާބީގައި ހިއްސާވި ޓީމުގެ ކެޕްޓަނެވެ. އެ ކުލަބަށް 11 އަހަރުން 360 މެޗު ކުޅެދީ ޕްރެމިއާ ލީގާއި ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕް ތަށި ނަގައިދިނުމަށްފަހު އޭނާ ބަދަލުވީ ސައޫދީ އަރަބިއާގެ އަލް އިއްތިފާގަށެވެ. ޗެލްސީ އަށް ބަދަލުވީ އިނގިރޭސިވިލާތުގެ ބްރެންޑްފޯޑުންނެވެ.
"އަހަރެންގެ މިހާރުގެ އުމުރާ ގުޅޭ ގޮތުން ޗެލްސީ އަށް ބަދަލުވުމުން ވަރަށް ގިނަ ވާހަކަ ދެކެވޭނެ. އެކަމަކު އަހަރެންނަށް ހީވަނީ އެ ވާހަކަތަކަށްވުރެ މުހިންމީ މި ކުލަބަށް އަހަރެންނަށް ކޮށްދެވޭނެ ކަންކަމަކީ ކޮބާތޯ ބެލުންހެން. އަހަރެން ދެކޭ ގޮތުގައި އަހަރެންނަށް އެހީތެރިވެވިދާނެ ގިނަ ކަންކަން އެބަހުރި،" ހެންޑަސަން ބުންޏެވެ.
އޭނާ ޗެލްސީ އަށް ގެނައުމަށް އެންމެ ބޮޑަށް ބޭނުންވީ އެ ކުލަބާ އަލަށް ހަވާލުވި ކޯޗު ޒަބީ އަލޮންސޯ އެވެ. ބޮޑަށް ބެލެވެނީ ހެންޑަސަން ފަދަ ކުޅުންތެރިއެއްގެ ތަޖުރިބާ އަކީ ޗެލްސީގައި މިހާރު އޮތް ސްކޮޑަށް މުހިންމު އެއްޗެއް ކަމަށް އަލޮންސޯ ގަބޫލު ކުރުމެވެ.
ނިމިދިޔަ ވޯލްޑް ކަޕުގައި ވެސް އިނގިރޭސި ގައުމީ ޓީމުގައި ހިމެނުނު ހެންޑަސަން އަކީ އިނގިރޭސި ގައުމީ ޓީމަށް 91 މެޗު ކުޅެ ތިން ގޯލު ޖަހައިދީފައިވާ ކުޅުންތެރިއެކެވެ. ކޯޗު ތޯމަސް ޓުޗެލް އޭނާ ލައްވައި ނުކުޅުވައި ޓީމުން ޖާގަ ދިނީ ވެސް ހެންޑަސަން ފަދަ ކުޅުންތެރިއެއްގެ ތަޖުރިބާ ޓީމު ހަމަޔަކަށް އަޅުވަން ބޭނުން ކުރުމުގެ ގޮތުންނެވެ.