ޚަބަރު

"މިއީ ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގޭ ދައުރު"


  • 81 މަޝްރޫޢުގެ މަސައްކަތް ކުރިއަށް

  • ކުރީ ސަރުކާރުން ފަށައި މަޑުޖެހިފައި ހުރި މަޝްރޫޢުތައް ހިމެނޭ

ރާއްޖޭގެ ތާރީޚުގަައިވެސް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ހިންގަމުންދަނީ މި ދައުރުގެ ތެރޭގައި ކަމަށް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކާގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ އިސްލާމީ މަރުކަޒުތަކާއި މިސްކިތްތަކާއި ވަޤުފު އިމާރާތްތައް ބިނާކުރުމުގެ މަޝްރޫއުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އެގޮތުން، އެމަނިކުފާނުގެ ސަރުކާރުން ފައްޓަވާފައިވާ އައު މަޝްރޫއުތަކާއި ކުރީ ސަރުކާރުން ފަށައި، މަޑުޖެހިފައި ހުރި މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ކުރިއަށްގެންދާ ކަމަށް ވިދާޅުވިއެވެ.

މިހާރުވެސް އިސްލާމީ ކަންކަމާ ގުޅުންހުރި 81 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީޚުގައިވެސް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ އެންމެ ގިނަ މަޝްރޫޢުތައް ކުރިއަށްގެންދާ ދައުރު ކަމަށެވެ. ސަރުކާރުގެ އަމާޒަކީ ކުރިމަތިވާ ގޮންޖެހުންތަކާއެކުވެސް ހުރިހާ މަޝްރޫއުތަކެއްގެ މަސައްކަތް ނިންމުން ކަމަށްވެސް ވިދާޅުވިއެވެ.

"މި މަޝްރޫޢުތައް ފަށައިގެން އަޅުގަނޑުމެން ކުރިއަށްމިދާއިރުގައި ވަރަށް ގިނަ ގޮންޖެހުންތައްވެސް އެބަހުރި. ހަނގުރާމައާ ގުޅިގެން ކުރިމަތިވާ ގޮންޖެހުމާއި އިގްތިސާދީ ދަތިކަމާހެދި ކުރިމަތިވާ ގޮންޖެހުންތައް. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ މި ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫޢުތައް ނިންމަމުން އަޅުގަނޑުމެން މިގެންދަނީ. މިދިޔަ ރޯދަމހުގެ ކުރިންވެސް ރޯދަމަހުގެ ތެރެއާއެކު ގާތްގަނޑަކަށް 20އަށް މިސްކިތް ހުޅުވިން. އޭގެ ތެރޭގައި ކުރީ ސަރުކާރު ދުވަސްވަރު ފަށާފައި ހުއްޓިފައި ހުރި ތަންތަންވެސް ހިމެނޭ،" ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވަނީ ކުރީ ސަރުކާރުން ފެށި ބައެއް މަޝްރޫއުތައް ލަސްވެފައިވާ މައިގަނޑު ސަބަބުތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން، ރިޔާސީ އިންތިޚާބާ ދިމާކޮށް ކުރީ ސަރުކާރުން ބަޖެޓުގައި ފައިސާ ނުހިމަނައި ގިނަ މަޝްރޫއުތަކެއްގެމަސައްކަތް ފެށި ކަމަށާއި ބައެއް މަޝްރޫއުތައް ހަވާލުކޮށްފައިވަނީ އެންމެ ގާބިލުނޫން ކުންފުނިތަކާކަމަށް ވިދާޅުވިއެވެ.

އެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސައި، މަޝްރޫއުތައް ނިންމަވާނެ ކަމުގެ ޔަގީންކަންވެސް އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ދެއްވިއެވެ.