ޚަބަރު

ޒުވާން ކްރިކެޓް ޓީމުގެ ކޯޗަކަށް ޝަފްރާޒް


  • ޝަފްރާޒަކީ ބައިނަލްއަޤްވާމީ މައިދާނުގައިވެސް ޤައުމު ތަމްސީލުކޮށްފައިވާ ކުޅުންތެރިއެއް

  • ސީބީއެމްގެ އަމާޒަކީ ކްރިކެޓުން ހުނަރުވެރި ޖީލެއް ފައްކާކުރުން

16 އަހަރުންދަށުގެ ޤައުމީ ކުރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ޝަފްރާޒް ޖަލީލް ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޒުވާން ކުރިކެޓް ޓީމުގެ ހެޑް ކޯޗަކަށް ޝަފްރާޒް ހަމަޖައްސާފައިވަނީ ހޯމަ ދުވަހުކަމަށެވެ.

އައު ކޯޗާ ޤައުމީ ޓީމު ހަވާލުކުރުމުގެ ރަސްމިއްޔާތު ސީބީއެމްގައި ބާއްވާފައިވާއިރު، މިރަސްމިއްޔާތުގައި ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލްގެ އިތުރުން ނައިބު ރައީސް އަހްމަދު އިސްހާޤުވަނީ ބައިވެރިވެވަޑައިގެންފައެވެ.

ބައިނަލްއަޤްވާމީ މައިދާނުގައިވެސް ކުރިކެޓުން ޤައުމު ތަމްސީލުކޮށްފައިވާ ޝަފްރާޒްއަކީ މިކުޅިވަރުގެ ކާމިޔާބު ދިގު ތާރީޚެއް އޮތް ފަރާތެކެވެ. އެކި ލެވެލްތަކުން ކްރިކެޓްގެ ގިނަ ތަޖުރިބާތައް ލިބިފައިވާ ޝަފްރާޒާއި ޒުވާން ޓީމު ހަވާލުކުރުމަށްފަހު ސީބީއެމްއިން ބުނެފައިވަނީ އުންމީދަކީ އޭނާގެ ތަޖުރިބާތަކުގެ އަލީގައި ޒުވާން ޤައުމީ ޓީމަށް ގިނަ ކުރިއެރުންތަކެއް އައުންކަމަށެވެ.

ސީބީއެމްއިން ބުނެފައިވަނީ ޝަފްރާޒުގެ އިރުޝާދުގެ ދަށުން ޒުވާން ޓީމު ބައްޓަންކުރުމުގެ މަސްއޫލިއްޔާތު އޭނާއާއި ހަވާލުކޮށްފަވާއިރު، އޭނާގެ އެންމެ ބޮޑު އަމާޒަކަށްވާނީ ރާއްޖޭގެ ކުރިކެޓްގެ އައު ޖީލު މި ކުޅިވަރަށް މޯޓިވޭޓްކޮށް، އައު ކުޅުންތެރިން ކުރިކެޓްގެ ތެރެއަށް ވެއްދުންކަމަށެވެ.

މީގެއިތުރުން އައު ކުޅުންތެރިންނަށް ކުރިކެޓް ތައާރަފްކޮށް ޖޫނިއާ ކޯޗުންނަށް އިރުޝާދުދީ، ކުރިކެޓް ހަރުދަނާކުރުމުގައި ޖޫނިއާ ކޯޗުންނާއި އެކު މަސައްކަތްކުރުމުގައި ޝަފްރާޒްގެ އެއްބާރުލުން ލިބޭނެކަމަށް ސީބީއެމްއިން ބުނެއެވެ.

ކުރިކެޓް މުޅި ރާއްޖެއަށް ފުޅާކޮށް، އައު ކުޅުންތެރިން މި ކުޅިވަރުގެ ތެރެއަށް ވެއްދުމަކީ ސީބީއެމްގެ އަމާޒެކެވެ. އެގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިޑީޕީ ޕްރޮގްރާމުތައް ހިންގާ، ޖޫނިއާ މުބާރާތްތައްދަނީ ބާއްވަމުންނެވެ.

މިފަދަ މުބާރާތްތަކުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ދެނެގަނެ، ޤައުމީ ސްކޮޑާއެކު ފަރިތަކުރުންތަކުގައި ބައިވެރިކޮށް، ކުޅުންތެރިން ތަރައްޤީކުރުމަށް ސީބީއެމްއިން ޚާއްސަ އިސްކަމެއްދެއެވެ.