ޚަބަރު

ތުރުކީ ޕީޓީއޭ: ޑިއުޓީ އިނާޔަތް ހޯދުމަށް ޚާއްޞަ ލިޔުމެއް ހުށަހަޅަންޖެހޭ


  • ސެޓްފިކެޓް އޮފް އޮރިޖިން ހޯދަން ޖެހެނީ ތުރުކީވިލާތުގެ ކަމާއިބެހޭ އިދާރާއިން

  • އެއްބަސްވުމުގެ ދަށުން 400 އަށް ވުރެ ގިނަ ބާވަތުގެ މުދަލަށް ޑިއުޓީ އިނާޔަތް ލިބޭނެ

ތުރުކީވިލާތާއި ރާއްޖެއާ ދެމެދު ސޮއިކޮށް ޢަމަލުކުރަން ފަށާފައިވާ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓުގެ ދަށުން އެތެރެކުރާ މުދަލަށް ޑިއުޓީ އިނާޔަތް ހޯދުމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އޮރިޖިން ހުށަޙަޅަން ޖެހޭނެ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތާއި ރާއްޖެއާއި ދެމެދު ޢަމަލުކުރަން ފަށާފައިވާ ވަކި ބާވަތްތަކުގެ މުދަލުން ޑިއުޓީގެ އިނާޔަތް ލިބޭ ޕްރިފަރެންޝިއަލް ޓްރޭޑް އެގްރިމެންޓަށް އޯގަސްޓު 1 ވަނަ ދުވަހުން ފެށިގެން ވަނީ ޢަމަލުކުރަން ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން ތުރުކީވިލާތުން އެތެރެކުރާ ގިނަ ބާވަތްތަކުގެ މުދަލަށް ލުއިތަކެއް ލިބިގެންދެއެވެ.

އެއްބަސްވުމުގެ ދަށުން އެ ޤައުމުން މުދާ އެތެރެކުރަން ފެށުމާއެކު ކަސްޓަމްސްއިން ވަނީ ޑިއުޓީ އިނާޔަތް ހޯދުމަށް ތުރުކީވިލާތުގެ ކަމާއިބެހޭ އިދާރާއިން ދޫކުރާ "ޕްރިފަރެންޝިއަލް ސެޓްފިކެޓް އޮފް އޮރިޖިން" ކަސްޓަމްސްއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. ކަސްޓަމްސްއިން ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އިނާޔަތް ލިބޭ މުދަލުގެ ތަފްސީލްތައް މިހާރު ކަސްޓަމްސް ވެބްސައިޓުގެ ޓެރިފް ސާޗް ޓޫލް އިން ފެންނާނެ ކަމަށެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ ޑިއުޓީގެ އިނާޔަތް ލިބޭނީ ތުރުކީވިލާތުން ގެންނަ އެ ޤައުމުގެ އުފެއްދުންތަކަށް އެކަނި ކަމަށް ވިދާޅުވެފައެވެ. ދެ ޤައުމު ދެމެދު ޢަމަލުކުރަން ފަށާފައިވާ ޕީޓީއޭގެ ދަށުން އެ ޤައުމުން އެތެރެކުރާ 404 ބާވަތެއްގެ މުދަލަށް ޑިއުޓީގެ އިނާޔަތް ލިބޭނެއެވެ. މީގެ ތެރެއިން މުޅިން އަލަށް 293 ބާވަތެއްގެ މުދަލަށް ޑިއުޓީ އެއްކޮށް ކަނޑާލިއިރު 111 ބާވަތެއްގެ މުދަލަށް ކުރިއެކޭ އެއްގޮތަށް 0 އިންސައްތައިގައި ޑިއުޓީ ވަނީ ދަމަހައްޓާފައެވެ.

ތުރުކީވިލާތާއެކު ސޮއިކޮށްފައިވާ ޕީޓީއޭއަށް ޢަމަލުކުރަން ފެށުމުން ދިވެހިރާއްޖޭގެ އިމްޕޯޓަށްވެސް އޭގެ ފައިދާ ކުރާނެއެވެ. މިހާރު ތުރުކީވިލާތާއި ރާއްޖެ ދެމެދު ކުރެވޭ ވިޔަފާރި ގާތްގަނޑަކަށް 70 މިލިޔަން ޑޮލަރަށް އަރައެވެ.

އިޤްތިޞާދީ ވުޒާރާއިން ވަނީ އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަކީ ދެ ޤައުމުގެ ދެމެދު އޮތް އިޤްތިޞާދީ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމެއް ކަމަށެވެ. އަދި މިއީ ދެމެހެއްޓެނިވި ތަރައްޤީއާ ފާގަތިކަން ހާސިލްކުރުމަށް ލިބިގެންދާ ފުރުސަތެއް ގޮތުގައި އެ ވުޒާރާއިން ފާހަގަކުރެއެވެ. މި އެއްބަސްވުން ރަމްޒުކޮށްދެނީ، އެކްސްޕޯޓް ކުރާ ފަރާތްތަކަށް މާކެޓްތައް ހުޅުވާލައި، އަސާސީ މުދާ އިތުބާރާއެކު ލިބޭނެ މަގު ކަށަވަރުކޮށް، އިޤްތިޞާދީ ވިލުންތެރިކަން ވަރުގަދަކުރުން ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މިއީ ރާއްޖެއާއި ބޭރު ޤައުމަކާއި ދެމެދު ވިޔަފަރީގެ ދައިރާއިން ވެވުނު މިފަދަ ދެވަނަ އެއްބަސްވުމެވެ. މީގެ ކުރިން އެއްބަސްވުން އެކުލަވާލައި ޢަމަލުކުރަން ފަށާފައިވަނީ ޗައިނާއެކުއެވެ. ރާއްޖެ ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ 2025 ވަނަ އަހަރު ޖަނަވަރީ މަހުއެވެ.