އަސާސީ ކާބޯތަކެތީގެ ލިސްޓަށް ތަކެތި އިތުރުކޮށްފައިވަނީ ކުދި ވިޔަފާރިތަކާ ވާދަކުރުމަށްނޫން ކަމަށާއި، އެއީ މެދުކެނޑުމެއް ނެތި ރައްޔިތުންނަށް ތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަމަށް އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ޕީއެސްއެމް ގުޅިގެން ބާއްވާ "އަހާ" ފޯރަމްގެ އަށްވަނަ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ވަނީ އަސާސީ ކާބޯތަކެތި ރާއްޖެއިން ދަތިނުވެ ލިބެންހުންނަކަން ފާހަގަކުރައްވާފައެވެ.
އިގުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެފައިވަނީ ވާރުތަވެފައި އޮތް ބޮޑު ދަރަންޏެއް އޮތް ދުވަސްވަރެއްގައި ކަމަށެވެ. އަދި މި ދުވަސްވަރު ގަލްފުގައި ހިންގަމުންދާ ހަނގުރާމަ، އަދި ރާއްޖެއަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ފަދަ އެތައް މައްސަލަތަކާ ކުރިމަތިލާން ޖެހުނު ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިފަދަ ކަންކަމާއި ކުރިމަތިލާންޖެހުުނު ކަމުގައިވީނަމަވެސް ސަރުކާރުން އެންމެ ޚާއްސަ އިސްކަމެއްދެއްވީ މިކަންކަމުގެ ބުރަ ރައްޔިތުންނަށް އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރުމަށް ކަަމަށެވެ. ވަޒީރު ވިދާޅުވީ، އަސާސީ ކާބޯތަކެތީގެ ލިސްޓަަށް ބަދަލުތައް ގެނެސް ބާޒާރުގައި މިތަކެތި ހުސްވިޔަ ނުދީ ރައްޔިތުންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސީވެސް މިކަމުގެ ސަބަބުން ކަމަށް ވަަޒީރު ވިދާޅުވިއެވެ.
"ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވީ ވަކި ބާވަތްތަކެއްގެ އައިޑަމްތަކުން ސީދާ ވިޔަފާރިތަކަށް ވާދަކުރުމުގެ ބަދަލުގައި ސަރުކާރުން ރައްޔިތުންނަށް ފަސޭހައިން ލިބޭނެ އެންމެ ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން. ވަކި ކުދި ވިޔަފާރިއާ ވާދަކުުރުމެއް ނޫން މީކީ. އެހެންމަ އަޅުގަނޑުމެންނާ ވާދަވެރި އެއްވެސް ބަޔަކު މިވާހަކަތައް ގެންނައިރުވެސް އެމޭރުމުން އެވާހަކަ ގަނައީމަ އެވަނީ ވަރަށް ބޮޑު އޮޅުވާލުމަކަސް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
އިގުތިޞާދީ ވަަޒީރު ސަޢީދު ވިދާޅުވީ، 10 ބާވަތެއްގެ ތަރުކާރީއާއި، 10 ބާވަތެއްގެ މޭވާގެ އިތުރުން، އިތުރު 6 ބާވަތެއްގެ ކާބޯތަކެތި އެސްޓީއޯ މެދުވެރިކޮށް މާކެޓަށް ނެރެނީ އެއިރެއްގައި ލިބެން ހުންނަ އެންމެ ހެޔޮ އަގުގައި ކަމަށެވެ. އަދި އަސާސީ ކާބޯތަކެތީގެ ލިސްޓުގައި 26 ބާވަތެއް އޮތްނަމަވެސް މި ލިސްޓު އަބަދުވެސް މުރާޖާ ކުރަމުންދާ ކަމަށާއި، މިހާރު އަސާސީ ކާބޯތަކެތީގެ ލިސްޓުގައި ޖުމްލަ 80 ބާވަތެއް ހިމެނި އެތަކެތި އަބަދުވެސް މޮނިޓަރ ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި އަދަދުތައް އަނެއްކާވެސް މިވަނީ 80 ބާވަތައް ބަދަލުވެފައި. އޭގެތެރޭގައި ކުރިން 10 ބާވަތުގެ ތަރުކާރީ ހިމެނޭ ކެޓަގަރީ މިހާރު 20 ބާވަތައް ބަދަލުވެ، ފްރުޓްސް އިތުރު 10 ބާވަތް އެއީ ޖުމްލަ 20 ބާވަތައް ބަދަލުވެ، އަދި އެހެނިހެން އައިޓަމްތައް، އޭގެ ތެރޭގައި ތުއްތު ކުދިން، އުމުރުން ދުވަސްވީ މީހުންނަށް ބޭނުންވާ އައިޓަމްތައް ހިމެނޭގޮތަށް ޖުމްލަ 37 ބާވަތަކާއި، އަދި އިތުރު 3 ބާވަތެއް އެބަ އުޅޭ ނޮން ފުޑް އައިޓެމްސްތައް،" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
މި ބާވަތްތައް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވާ ވަޒީރު ވިދާޅުވީ، މާލެއާއި ރާއްޖެތެރޭގެ އަތޮޅުތަކުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް އެއިރެއްގެ މާކެޓަށް ބަލާއި ހެޔޮ އަގުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާނެ ކަމަށެވެ. އަދި އަގުމަގު ޕޯޓަލްކޮށްވެސް މި ތަކެތި އަގުހެޔޮކޮށް ލިބެންހުންނަ ފިހާރެތައް ރައްޔިތުންނަށް އަބަދުވެސް ބެލެން ހުންނާނެ ކަމަށްވެސް ވަޒީރު ސަޢީދު ވިދާޅުވިއެވެ.