ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ.އުކުޅަހަށް ވަޑައިގަންނަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް އެ ރަށުން ވަނީ ރަތް ދޫލައިގެ މަރުޙަބާއެއް ކިޔާފައެވެ. އެ މަނިކުފާނަށް އިސްތިޤްބާލުކުރުމަށްޓަކާ އެ ރަށުގެ އިދާރާތަކުގެ އިސްވެރިންގެ އިތުރުން އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެފައިވެއެވެ. މިއީ އެ މަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ފަހުން އުކުޅަހަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ.
ރައީސްގެ ދެކަނބަލުން އެ ރަށަށް ވަޑައިގަތީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓު އިދާރާތަކުގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައެވެ. އދ.ގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމްޢިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
26 ޤައުމަކުން 46 މަންދޫބުން ބައިވެރިވާ މި މަހާސިންތާގެ މައިގަނޑު މަޤުސަދަކީ އޮޑިޓްކުރުމުގައި ބޭނުންކުރާ އަމަލީ އުސޫލުތައް ހިއްސާކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ތަންފީޒުވަމުންދާ މިންވަރު ވަޒަންކުރުމުގައި އެ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވޭނެ ކަންކަމާއި މެދު މަޝްވަރާކުރުމެވެ.
މި މަހާސިންތާއަށް ފަހު އޮޑިޓްކުރުމާ ބެހޭ އެންމެ މަތީ އިދާރާތަކުގެ ބައިނަލްއަގުވާމީ ޖަމްޢިއްޔާ 'އިންޓޯސައިން' ކޮންމެ އަހަރަކު ބާއްވާ (އައިޑީއައި ގްލޯބަލް ސަމިޓް) ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިމަހުގެ 6 އަކުން 7 އަށް އުކުޅަހުގައި ކުރިއަށްގެންދާ އެ ސަމިޓަކީ އޮޑިޓަރ ޖެނެރަލް އޮފީހާއި އިންޓޮސައި ގުޅިގެން ބާއްވާ ސަމިޓެކެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރައްވާ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދަވާ ބައެއް މަޝްރޫޢުތަކާގުޅޭ ހަފުލާތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.