ޚަބަރު

އެމެރިކާގެ މިސައިލުތައް މަދުވެ އަސްކަރިއްޔާއާއި ރައްޔިތުން ނުރައްކަލަށް


ހުޅަނގު އޭޝިޔާގައި އީރާނާ ދެކޮޅަށް އެމެރިކާއިން ފަށާފައިވާ ޣައިރުޤާނޫނީ ހަނގުރާމައިގެ ސަބަބުން އެ ޤައުމުގެ އަސްކަރިއްޔާއިން ރައްކާކޮށްފައި ހުރި ދުރު-ރާސްތާ މިސައިލްތަކުގެ ސްޓޮކު ވެސް "ނުރައްކާތެރި މިންވަރަކަށް" ދަށްވެފައިވާ ކަން ހާމަވެއްޖެއެވެ. ސަރުކާރުގެ މަޞްދަރުތަކާ ޙަވާލީ އެމެރިކާގެ ނޫސް، ސީއެންއެންއިން ވެސް ވަނީ މި ކަން ރިޕޯޓުކޮށްފައެވެ. ދިފާޢީ މިސައިލްތަކުގެ އިތުރުން ދުރު-ރާސްތާ މިސައިލް ސްޓޮކު މަދުވުމާއެކު، ކުރިއަށް އޮތް ތަނުގައި އެމެރިކާއަށް ކުރިމަތިވެދާނެ އަސްކަރީ ކުރިމަތިލުމަކަށް އެމެރިކާގެ އަސްކަރީ ތައްޔާރީތަކާމެދު ބޮޑު ކަންބޮޑުވުމެއް އުފެދިފައިވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފަސް މަހަށް ދެމިގެން ގޮސްފައިވާއިރު، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދުރު-ރާސްތާގެ ގިނަ ޢަަދަދެއްގެ މިސައިލް ބޭނުން ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ 'އޭޓީއޭސީއެމްއެސް' އަދި 'ޕީއާރްއެސްއެމް' މިސައިލެވެ. އަދި، އީރާނުގެ ވަރުގަދަ ރައްދު ހަމަލާތަކުން ދިފާޢުވުމަށް އެމެރިކާގެ އަސްކަރިއްޔާއިން ވަނީ ދިފާޢީ މިސައިލްތަކުގެ ތެރެއިން 'ތާޑް' އަދި 'ޕޭޓްރިޔަޓް' މަރުކާގެ ގިނަ ޢަދަދެއްގެ މިސައިލް ބޭނުން ކޮށްފައެވެ.

އެމެރިކާގެ ސަރުކާރާއި އަސްކަރިއްޔާގެ މަޞްދަރުތަކުން ބުނީ، 'ތާޑް' ދިފާޢީ މިސައިލް ސްޓޮކްގެ %80 ބޭނުންކޮށް، ހުސްވެފައިވާ ކަމުގައެވެ. އަދި، 'ޕޭޓްރިޔަޓް' އަދި 'ޓޯމަހޯކް' މިސައިލް ސްޓޮކުގެ ދެބައިކުޅަ އެއްބައި ބޭނުން ކޮށްފައިވާ ކަމުގައެވެ. 'އޭޓީއޭސީއެމްއެސް' އަދި 'ޕީއާރްއެސްއެމް' ގެ ސްޓޮކަށް ބަލައިލާއިރު، އެ ދެ މަރުކާގެ މިސައިލް ސްޓޮކު "އެއްކޮށްހެން" ބޭނުންކޮށް ހުސްވަމުންދާ ކަމުގައި މަޞްދަރުތަކާ ޙަވާލާދީ ސީއެންއެނުން ރިޕޯޓުކުރެއެވެ. ފެބުރުވަރީ 28 ގައި ޞިހްޔޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށިއިރު، ސްޓޮކުގައި ހުރީ 2,200 ޕޭޓްރިޔަޓް އަދި 452 ތާޑް މިސައިލެވެ.

އެމެރިކާގެ ދިފާޢީ މިސައިލް ސްޓޮކު މަދުވުމަކީ ގަލްފުގެ ޤައުމުތަކަށް ވެސް އޮތް ބޮޑު ކަންބޮޑުވުމެކެވެ. ސަބަބަކީ، އެ ޤައުމުތަކުގެ ދިފާޢު އެމެރިކާގެ ހަތިޔާރަށް ބަރޯސާވެފައި އޮތުމެވެ. އެމެރިކާގެ ހަމަލާތަކަށް ރައްދުދިނުމުގެ ގޮތުން އީރާނުން ވަނީ ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރާ އަމާޒުތަކަށް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ވަރުގަދަ އަދި ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. އީރާންގެ ރައްދު ހަމަލާތަކާމެދު ގަލްފުގެ ޤައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމުގައި ބުނެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނަށް ދިނުމަށް ރާއްވަވަމުން ގެންދެވި ވަރުގަދަ ހަމަލާތަކެއް މަޑުޖައްސަވައިލައްވާފައެވެ. ޓްރަމްޕް ވިދާޅުވީ، ހަމަލާ ބަދަލުކުރުން މެދުކަނޑައިލައި، މަޝްވަރާކުރުމަށް ތެހްރާނުން އެދިފައިވާ ކަމުގައެވެ. ނަމަވެސް، ތެހްރާނުން ވަނީ އެ ކަން ދޮގުކޮށްފައެވެ.

އެމެރިކާގެ ދިފާޢީ މިސައިލާއި ދުރު-ރާސްތާ މިސައިލް ސްޓޮކު އިންތިހާއަށް މަދުވެފައިވާ ކަމުގެ ކަންބޮޑުވުން، އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޑޭން ކެއިން ވެސް ވަނީ ޓްރަމްޕްގެ އަރިހުގައި ފާޅުކުރައްވާފައެވެ. ނަމަވެސް، އެމެރިކާގެ ދިފާޢީ އިދާރާ، ޕެންޓެގަންގެ ތަރުޖަމާނު ޝޯން ޕާނެލް އަދި ވައިޓް ހައުސްއިން ވަނީ، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކާމިޔާބު ކުރުމަށް ބޭނުންވާނެ ހުރިހާ ހަތިޔާރާއި އަސްކަރީ ޤާބިލުކަން ލިބިފައިވާ ކަމުގެ ދަޢުވާ ތަކުރާރުކޮށްފައެވެ. އަދި، މިސައިލް އުފައްދާ މިންވަރު އިތުރު ކުރުމަށް އެމެރިކާގެ ކުންފުނިތަކުން މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. މި ދަނޑިވަޅުގައި، ހަނގުރާމައަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ހުއްދަ ހޯދުމަށް ޓްރަމްޕްގެ ސަރުކާރުން އަދިވެސް އެދިފައި ނުވާ ކަން މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.

ދިފާޢީ ދާއިރާގެ މާހިރުން ބުނީ، ތާޑް އަދި ޕޭޓްރިޔަޓް ފަދަ މިސައިލްތަކުގެ ސްޓޮކު ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް އިޢާދަކުރުމަށް ތިން އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމުގައެވެ. އެމެރިކާގެ ކުންފުނިތަކަށް ކޮންމެ މަހަކު އުފެއްދެނީ އެންމެ 15 ޓޮމަހޯކް މިސައިލެވެ. އަދި، އެންމެ 20 ޕޭޓްރިޔަޓް މިސައިލެވެ. ކުރިއަށް އޮތް ތަނުގައި ޗައިނާ، ރަޝިޔާ ނުވަތަ އުތުރު ކޮރެޔާއާ ދެކޮޅަށް އެމެރިކާއިން ހަނގުރާމައެއް ފަށައިފި ނަމަ، ހަތިޔާރު ސްޓޮކު މަދުވުމާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާގެ ޤާބިލުކަމާއި ތައްޔާރީ ޙާލަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވެފައި އޮތް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ހަތިޔާރު ސްޓޮކު މިހާ މަދުވުމުން، މެދުއިރުމަތީގެ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދެވުމަށް ޓްރަމްޕް ބޭނުންވެއްޖެ ނަމަ، އެމެރިކާގެ އަސްކަރިއްޔާއަށް ޖެހޭނީ ޕައިލެޓުންނާއެކު އަސްކަރީ މަތިންދާބޯޓުތައް އީރާންގެ ވައިގެ ސަރަޙައްދަށް ފޮނުވާށެވެ. މިއީ، ގިނަ ޢަދަދެއްގެ އެމެރިކާ ސިފައިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅިގެންދާނެ ޙާލަތެއްގެ ގޮތުގައި އަސްކަރީ މާހިރުން ފާހަގަކުރެއެވެ.