ޚަބަރު

އެސްއޭއައި ސިމްޕޯޒިއަމް ނިންމާ އައިޑީއައި ގްލޯބަލް ސަމިޓް ފަށައިފި


  • ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • މަހާސިންތާއާއި ސަމިޓު ކުރިއަށްގެންދަނީ އުކުޅަހުގައި

  • ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޑިޓް އޮފީހުގެ އިސްތިރާޖީ ޕްލޭން އިފްތިތާޙްކޮށްދެއްވާފައި

ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އިދާރާތަކަށް އަމާޒުކޮށް ބޭއްވި މަހާސިންތާ ނިންމާލައިފިއެވެ. އުކުޅަހުގައި ބޭއްވި ރަސްމިއްޔާތެއްގައި މިމަހާސިންތާގެ ނިމުން ފާހަގަކޮށްފައިވާއިރުވަނީ ދުނިޔޭގެ އެންމެ މަތީ އޮޑިޓް އޮފީސްތަކުން ބައިވެރިވާ އައިޑީއައި ގްލޯބަލް ސަމިޓްވަނީ ފަށާފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

މިމަހުގެ 3 އިން 5 އަކަށް އއ.އުކުޅަހުގައި ކުރިއަށްގެންދިޔަ ސިޑްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަން ސިމްޕޯޒިއަމްއަކީ އދގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކަންތައްތަކާ ބެހޭ ޖަމްޢިއްޔާއާއި އޮޑިޓަރ ޖެނެރަލް އޮފީހާއި ގުޅިގެން ކުރިއަށްގެންދިޔަ މަހާސިންތާއެކެވެ. މަހާސިންތާ ނިންމުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިންވަނީ މިމަހުގެ 6 އިން 7 އަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އައި.ޑީ.އައި ގްލޯބަލް ސަމިޓް ފަށާފައެވެ.

މިރަސްމިއްޔާތުގައި ވަނީ އޮޑިޓް އޮފީހުގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙްކޮށްފައެވެ. މިޕްލޭން އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިރަސްމިއްޔާތުގައި ބައިވެރިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅުދައްކަވާފައެވެ.

"ސިޑްސް-އެސްއޭއައި ސިމްޕޯޒިއަމް"ގެ ނަމުގައި ކުރިއަށް ގެންދިޔަ މަހާސިންތާއަކީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ އެންމެ މަތީ އޮޑިޓް އޮފީސްތައްވަނީ ބައިވެރިވެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާސިލުވާ މިންވަރު ބެލުމަށާއި، މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އޮޑިޓް އޮފީސްތަކުގެ ދައުރާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާއެވެ.

ހަމައެއާއެކު އައިޑީއައި ގްލޯބަލް ސަމިޓްގެ ތެރެއިން ބޮޑެތި އޮޑިޓް އޮފީސްތަކުގެ އެހީތެރިކަމާއެކު ކުދި ޖަޒީރާ ޤައުމުތަކުގެ އޮޑިޓް އޮފީސްތައް އިތުރަށް ތަރައްޤީކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި ގުޅޭގޮތުން ކުރިއަށް އޮތް ދެދުވަހު މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ.