ޚަބަރު

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކުރެވިގެން: ރައީސް


  • ދައުލަތްތަކުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއް

  • ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއެކު ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރޭ

ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށް، އީޖާދުކުރުމަށް ވުނަކުރުން މަތީ ދެމިތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޙަޤީޤީ ވިލުންތެރިކަމުގެ ބިންގަލަކީ ހަރުދަނާ މުއައްސަސާތައް ކަމަށާއި، ވިލުންތެރިކަން އިތުރުކޮށްދެނީ ޒިންމާދާރުކަމާއެކު މާލީ ކަންކަން ބެލެހެއްޓުމުންނާއި ދެފުށްފެންނަ އުސޫލުތަކުންކަމަށެވެ. އަދި ވިލުންތެރިކަން ދެމެހެއްޓެނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުންކަމަށާއި މިއީ، ދައުލަތްތަކުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު އިންތިހާއަށް މުހިންމުވެފައިވާ ދަނޑިވަޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތުގެ މާލިއްޔަތަށް ދޭ ކޮންމެ ފައިސާއަކީވެސް ކަނޑައެޅިފައިވާ މަގުސަދުގައި ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ޖަވާބުދާރީވުމަކީ ހަމައެކަނި ހިންގުމުގެ މަސްއޫލިއްޔަތެއް ނޫންކަމަށާއި އެއީ ޤައުމު ކުރިއެރުމުގެ އަސާސްކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އަދަށްވުރެ ވިލުންތެރި ދައުލަތްތަކާއި، ހަރުދަނާ ޑިމޮކްރަސީތަކާއި، ދުޅަހެޔޮ އިގުތިސާދުތަކާއި، އުންމީދީ މުޖުތަމަޢުތަކެއް މުސްތަގުބަލުގެ ޖީލުތަކަށް ކަށަވަރުކޮށްދިނުމަށްޓަކައި، ނަޒާހަތްތެރިކަން އިތުރުކުރުމާއި، ޖަވާބުދާރީކުރުވުމާއި، ދެފުށްފެންނަ އުސޫލުތަކާއި، އީޖާދުކުރުމުގައި ވުނަކުރުންމަތީ ދެމިތިބެ، އިޚުލާސްތެރިކަމާއެކު، މަސައްކަތްކުރަން ޖެހޭ ކަމަށެވެ.

ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ގިނަ ޤައުމުތަކަކީ، ދަރަނި މެނޭޖުކުރަމުން މުސްތަގުބަލުގައި ވުނަ ކުރާ ޤައުމުތަކެއް ކަމަށާއި، ދުރު ރާސްތާގެ ހަމަޖެހުމަށް ވިސްނައިގެން ތިބެ ކުއްލި ޙާލަތްތަކާ ކުރިމަތިލާން ޖެހިފައިވާ ޤައުމުތަކެއް ކަމަށެވެ. އަދި އެފަދަ ޤައުމުތަކަކީ އިގުތިސާދީ ކުރިއެރުން ދަމަހައްޓަމުން ނާޒުކު މުޖުތަމަޢުތައް ހިމާޔަތްކުރަމުންދާ ޤައުމުތަކެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤުވާމީ ނުތަނަވަސްކަމާއި، ބޭރުގެ ފިއްތުންތަކާ އެކުގައިވެސް، ޤައުމުގެ މުސްތަގުބަލަށް ވުނަކުރަމުން، ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރަމުންގެންދާކަމަށެވެ.

ހިންގުމުގެ ނިޒާމުގެ މުސްތަގުބަލުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ ސަބަބުން ރާއްޖެފަދަ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ސަރުކާރުން ފައްޓަވާފައިވާ މޯލްޑިވްސް 2.0 މެދުވެރިކޮށް ޒަމާނީ، އަދި ރައްޔިތުންނަށް ލުއިފަސޭހަ، ޑިޖިޓަލް ދައުލަތެއް ބިނާކުރެވޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.