ތަހުގީގު ނިމިފައިވާ މައްސަލަތަކާއި ތުހުމަތުކުރެވޭ ފަރާތެއް ނެތް މައްސަލަތަކުގައި ހިމެނޭ ބަނގުރާ ކ.ހިންމަފުށީ ޕޮލިސްގެ ބެލުމުގެ ދަށުން މިއަދު ނައްތައިލައިފިއެވެ.
މިގޮތުން މިމަހުގެ 4 ވަނަ ދުވަހު ނައްތައިލާފައިވަނީ އެ ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 142 ބިޔަރު ދަޅާއި 22 ބަނގުރާ ފުޅިއެވެ.
މި ތަކެއްޗަކީ ބަނގުރަލާ ގުޅޭ އެކި މައްސަލަތަކުގެ ތެރެއިން ތަހުގީގު މަރުހަލާ ފުރިހަމަވެފައިވާ މައްސަލަތަކާއި ވަކި މީހެއްގެ މައްޗަށް ތުހުމަތުނެތް ގޮތަށް ގެނެސްފައިވާ މައްސަލަތަކުގައި ހިފަހައްޓާފައި ހުރި ތަކެތި ކަަމަށް ފުލުހުން މައުލޫމާތުދެއްވިއެވެ.
ބަނގުރާ ނައްތައިލާފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގޮތުގެ ގަވާއިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވައިލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.