ޚަބަރު

ރާއްޖެއަށް ބޭސް ގެނައުމަށް އެސްޓްރާޒެނެކާއާއެކު މަސައްކަތްތަކެއް


  • މުހިންމު ބޭސްތައް ހޯދުމަށް މަޝްވަރާކޮށްފައިވޭ

  • އެސްޓްރާޒެނެކާއަކީ ބޭސް އުފެއްދުމުގައި ފާހަގަކޮށްލެވޭ ކުންފުންޏެއް

  • ބޭރުގެ އިތުރު ބޭސް ކުންފުނިތަކާއެކު ދަނީ މަޝްވަރާކުރަމުން

ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާއާއެކު މަސައްކަތް ފަށައިފިއެވެ.

ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭސްތަކާއި ޞިއްޙީ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގުތައް ފަހިކުރުމަށްޓަކައި، ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި، އެސްޓްރާޒެނެކާގެ މަންދޫބުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ.

ބައްދަލުވުމުގައި ސްޓޭޓް ފާމަސޫޓިކަލްސްގެ މެނޭޖިން ޑިރެކްޓަރ ޑރ. ޝާހް މާހިރު ވަނީ ބައިވެރިވެވަޑައިގެންފައެވެ. އެސްޓްރާޒެނެކާގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގަތީ އެކުންފުނީގެ ކަންޓްރީ ބިޒްނަސް މެނޭޖަރ އަބީޝެކް ކައުޝިކެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ޤާއިމުކުރުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

އެސްޓްރާޒެނެކާއަކީ ބޭސް އުފެއްދާ ސިއްޙީ ދާއިރާއާ ގުޅޭ މިފަދަ ޚިދުމަތްތައް ދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ 125އަށްވުރެ ގިނަ ޤައުމަށް ބޭހާއި ފާމަސޫޓިކަލް ސާމާނު ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުންޏާއެކު ރާއްޖެއިން ފެށި މިމަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް ސްޓޭޓް ފާމާއިން ފާހަގަކުރައްވައެވެ.

ސްޓޭޓް ފާމާއިން ދަނީ ރާއްޖޭއަށް ބޭނުންވާ ބޭސްތަކުގެ ސްޓޮކް ހިފެހެއްޓުމަށް، ބޭސް ބޭނުންވާ މިންވަރު އަންދާޒާކޮށް ދުރާލާ ބޭސް ސްޓޮކް ބެހެއްޓޭނެ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުންނެވެ. އަދި މުޅި ރާއްޖެއިން ފަސޭހައިން ބޭސް ފޯރުކޮށްދިނުމަށް، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ބޭސް ރައްކާކޮށްފައި ބެހެއްޓޭނެ ގުދަންތައް ހެދުމުގެ މަސައްކަތްވެސް ކުރަމުންނެވެ.