އަފްޣާނިސްތާނުގައި ކާޑުބަލިޖެހިފައިވާ ކުޑަކުދިން ޢަދަދު ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާއިރު، އެހީދޭ ޖަމްޢިއްޔާތަކަށް ޤައުމުތަކުން މާލީ އެހީ ދޭ މިންވަރު މަދުވުމުގެ ސަބަބުން، ފަރުވާ ހޯދަން އަންނަ ގިނަ ބަޔަކު އަނބުރާ ފޮނުވާލަން ޖެހިފައިވާ ކަމަށް އދގެ ކާބޯތަކެއްޗާ ބެހޭ އިދާރާ، ވޯލްޑް ފުޑް ޕްރޯގްރާމް (ޑަބްލިއުއެފްޕީ)އިން ބުނެފިއެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަފްޣާނިސްތާނުގައި ހުންނަވާ ޑަބްލިއުއެފްޕީގެ ކަންޓްރީ ޑިރެކްޓަރު ޖޯން އައިލިފް ވިދާޅުވީ، އެހީއަށް ބޭނުންވާ ކޮންމެ ހަތް މީހަކުން ހަ މީހަކު މިހާރު ފޮނުވާލަން ޖެހެނީ އެއްވެސް އެހީއަކާ ނުލައި ހުސްއަތާ ކަމަށެވެ.
އަދި އެކަށީގެންވާ މިންވަރަށް ކާނާ ނުލިބުމުގެ ސަބަބުން ކާޑުބަލި ޖެހިފައިވާ ކުޑަކުދިންގެ ޢަދަދު، އެ ޤައުމުގެ ތިންބައިކުޅަ އެއްބައި ސަރަޙައްދުތަކުގައި ނުރައްކާތެރި ދަރަޖައަކަށް އުފުލިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ސިއްޙީ ފަރުވާދޭ މަރުކަޒުތަކުގައި އެނދުމަތިކުރާ ކުދިންގެ ޢަދަދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު، މީގެ ތެރެއިން 80 އިންސައްތައަކީ އުމުރުން ދެ އަހަރުން ދަށުގެ ކުދިންނެވެ. އައިލިފް ވިދާޅުވި ގޮތުގައި ގިނަ ކުދިން ކްލިނިކްތަކަށް ގެންނައިރު، އެކުދިންގެ ޙާލަތު ހުންނަނީ ފުރާނަ ސަލާމަތް ކުރަން ދަތިވާ މިންވަރަށް ގޯސްވެފައެވެ.
މި ނުރައްކާތެރި ޙަލަތު މެދުވެރިވާން ދިމާވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ޤައުމުގެ ދާޚިލީ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރިތަކަށް އައި ހުރަސްތަކާއި، އަވައްޓެރި ޤައުމުތަކުން ގިނަ ޢަދަދެއްގެ އަފްޣާނިސްތާނު ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމާއި، ބައިނަލްއަޤުވާމީ އެހީތެރިކަން އެތައް ގުނައަކުން ކަނޑާލުން ހިމެނެއެވެ.
ވޭތުވެދިޔަ ތިން އަހަރު ތެރޭގައި އެކަނިވެސް އެކި ޤައުމުތަކުގައި ދިރިއުޅެމުން ދިޔަ 6 މިލިއަނެއްހާ މީހުން އެނބުރި އަފްޣާނިސްތާނަށް އައިސްފައިވާއިރު، މީގެ ސަބަބުން ވަޒީފާތަކަށާއި އާންމު ޚިދުމަތްތަކަށް ވަނީ ބާރުބޮޑުވެފައެވެ.
ޑަބްލިއުއެފްޕީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އަފްޣާނިސްތާނުގައި އަސާސީ ކާބޯތަކެތީގެ އަގު 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް އުފުލިފައިވާއިރު، ގާތްގަނޑަކަށް 14 މިލިއަން މީހުން މިހާރުވެސް ތިބީ ބަނޑުހައިހޫނުކަމުގައެވެ. މީގެއިތުރުން، މިއަހަރު ދަނޑުވެރިކަން ރަނގަޅުވި ނަމަވެސް، އިޤްތިޞާދީ ފިއްތުންތަކުގެ ސަބަބުން އޭގެ އެދެވޭ ނަތީޖާއެއް ފެންނަމަކުން ނުދެއެވެ.
ބައިނަލްއަޤުވާމީ އިދާރާތަކަށް އެހީ ފޯރުކޮށްދޭ އެންމެ ބޮޑު ޤައުމު ކަމަށްވާ އެމެރިކާގެ އިތުރުން ވިލާތުގެ ޤައުމުތަކުންވެސް 2025ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެހީ ކަނޑާލަން ނިންމާފައިވާތީ، ޑަބްލިއުއެފްޕީއަށް ވަނީ އަފްޣާނިސްތާނުގައި އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ސަރަޙައްދުތަކުގައި ކާބޯތަކެތި ބެހުމުގެ މަސައްކަތްވެސް ހުއްޓާލަން މަޖުބޫރުވެފައެވެ.
މި ޙާލަތުން އަރައިގަނެ، އިންސާނީ ކާރިޘާއެއް ހުއްޓުވުމަށްޓަކައި ކުރިއަށް އޮތް ހަ މަސްދުވަހަށް 500 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.