ޚަބަރު

އެމްޑީޕީ ކޮންގްރެސް: އަސާސީ ޤަވާޢިދަށް އިސްލާހު ހުށަހަޅަން ހުޅުވާލައިފި


  • ކޮންގްރެސް ބާއްވަން ނިންމާފައިވަނީ އަންނަ މަހުގެ 19ވަނަ ދުވަހު

ސެޕްޓެމްބަރު 19ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މޯލްޑިވިއަން ޑިމްކްރެޓިކް ޕާޓީ، އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން އެޕާޓީގެ އަސާސީ ޤަވާއިދަށާއި ޕާޓީގެ ސިޔާސަތުތަކަށް އިސްލާހުތައް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން އިއްޔެވަނީ ކޮންގްރެސްގެ ސުންގަޑިތަކާއި، ކޮންގްރެސްކުރިއަށްދާނެ ގޮތުގެ ތާވަލެއް އާއްމުކޮށްފައެވެ. އެ ތާވަލުގައިވާ ގޮތުން ސިޔާސަތުތައް ހުށަހެޅުމުގެ ފުރުޞަތު 19 އޮގަސްޓުގެ 12:30ގެ ނިޔަލަށް އޮންނާނެއެވެ. އަދި އެމުއްދަތުގައި އަސާސީ ޤަވާއިދަށް އިސްލާހު ގެނައުމަށް ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައިވެއެވެ. ސިޔާސަތުތަކާއި، އަސާސީ ޤަވާއިދުގެ އިސްލާޙުތައް އޮންލައިންކޮށް ހުށަހެޅޭނެ އިންތިޒާމްތައް އެޕާޓީން ވަނީ ހަމަޖައްސާފައިވެއެވެ.

ހުށަހަޅާ ސިޔާސަތުތަކާއި، އަސާސީ ޤަވާއިދަށް ހުށަހަޅާ އިސްލާހުތައް މިމަހުގެ 31ވަނަ ދުވަހު އާއްމުކުރާނެއެވެ. އާޢްމުކުރާ ސިޔާސަތުތަކާއި އިސްލާހުތަކާއި މެދު ގޮތް ނިންމާނީ ކޮންގްރެސްގެ ތެރެއިންނެވެ. މީގެއިތުރުން ކޮންގްރެސްގައި ބައިވެރިވެވޭނެ ގޮފި ރަޖިސްޓަރކުރުމަށް މިމަހުގެ 12:30ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ. އެ މުއްދަތުގެ ތެރޭގައި ޕާޓީގެ ގޮފިތައް އުސޫލާއި އެއްގޮތަށް ނިންމަންވާނެކަމަށް އެ ޕާޓީން ބުނެއެވެ.

ކޮންގްރެސްގެ ތާވަލުގައިވާ ގޮތުން 1 ސެޕްޓެމްބަރގެ 13:30ގެ ކުރިން ކޮންގްރެސްގައި ވޯޓުލެވޭނެ މީހުން އެނގޭނެހެން، ޑެލިގޭޓުންގެ ލިސްޓު އާއްމުކުރާނެ ކަމަށެވެ. އަދި 5 ސެޕްޓެމްބަރގައި ކޮންގްރެސްގެ ބައިވެރިން ރަޖިސްޓަރވުމުގެ ފުރުސަތު އޮންލައިންކޮށް ހުޅުވާލާނެއެވެ. ބައިވެރިން ރަޖިސްޓަރވުމަށް ދޭ މުއްދަތު ހަމަވާނީ 20 ސެޕްޓެމްބަރގެ 12:30އަށެވެ.

އެމްޑީޕީގެ ކޮންގްރެސް އަންނަ ސެޕްޓެމްބަރު މަހު ބާއްވަން ނިންމާ އެކަން އިޢުލާންކުރީ މިއޮގަސްޓު މަހުގެ 2 ވަނަ ދުވަހު ބޭއްވި އެ ޕާޓީގެ ޤައުމީ މަޖިލީހުގެ 36ވަނަ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެމްޑީޕީގެ ކޮންގްރެސް ބޭއްވޭނީ ކޮންމެ 5 އަހަރަކުން އެއް އަހަރުއެވެ. ނަމަވެސް ވަކި ޝަރުތުތަކެއްގެ މަތިން ކޮންގްރެސްގެ އާދަޔާ ޚިލާފު ބައްދަލުވުމެއް ކޮންމެ އަހަރަކުވެސް ބޭއްވިދާނެއެވެ. މިފަދަ ކޮންގްރެސްއެއް ޤައުމީ މަޖިލީހުން ފާސްކުރުމުން ބޭއްވޭނެއެވެ.