ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ އިސްރަށްވެހިންގެ ހިޔާވަހި މަރުކަޒަށް ބޭނުންވާ ބިން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
ތުލުސްދޫ "އިސްރަށްވެހިންގެ ހިޔާވަހި" ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 23ގައެވެ.
އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދީ، އޯގާތެރިކަމާއެކު ބަލަހައްޓައިދޭނެ "އޭޖްޑް ކެއަރ ސެންޓަރު" ތަކެއް ރާއްޖޭގެ 3 ސަރަޙައްދެއްގައި ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.
މި މަރުކަޒުތަކުގެ މައިގަނޑު ބޭނުމަކީ ދައުލަތުގެ ޚާއްސަ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ އިތުރުން، ޞިއްޙީ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮކަމަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.
މި ތަންތަނުގައި މެޑިކަލް ވޯޑު، ފިޒިއޮތެރަޕީ ރޫމް، ކޮންސަލްޓޭޝަން ރޫމް، ލައިބްރަރީ އަދި އެކި ޕްރޮގްރާމްތައް ހިންގޭނެ މަލްޓި-ޕާޕަސް ހޯލުތައް ހިމެނޭނެއެވެ.
ތުލުސްދޫގައި ޤާއިމުކުރާ މި މަރުކަޒަކީ އިސްރަށްވެހިންނަށް ބޭނުންވާ ރެސިޑެންޝަލް ކެއާ (ދާއިމީކޮށް ތިބެގެންދޭ ޚިދުމަތް)، ނާސިން ކެއާ، އަދި ޑޭ-ކެއާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ފަރުމާކުރެވިފައިވާ ތަނެކެވެ. މި މަރުކަޒުގެ ސަބަބުން އިސްރަށްވެހިންނަށް ބޭނުންވާ ޞިއްޙީ އަދި ނަފްސާނީ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭނެއެވެ.
މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް ހިމެނޭހެން 100 މީހުންގެ ޖާގައިގެ މި މަރުކަޒުގެ މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.
ކ.ތުލުސްދޫގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ށ. ފުނަދޫ "އޭޖްޑް ކެއަރ ސެންޓަރު"ގެ މަސައްކަތްވެސް ވަނީ އެ ކުންފުންޏާ ހަވާލުކޮށްފައެެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފޭދޫގައި ޤާއިމުކުރާ "އޭޖްޑް ކެއަރ ސެންޓަރު"ގެ މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ލިޓަސް އޮޓޯ މޮބައިލްސްއާ ވަނީ ހަވާލުކޮށްފައެވެ.
ދިވެހިރާއްޖޭގެ އާބާދީ ދޮށީ އުމުރަށް މިސްރާބު ޖަހާފައިވާއިރު، ދުޅަހެޔޮ ދޮށީ އުމުރުގެ އާބާދީއަކަށް މަގުފަހިވާނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރުމަކީ، މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކީ، އިސްރަށްވެހިންނަކީ މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ބަލައިގަނެ، އެއްވެސް ފަރުދަކު ބާކީނުވާނެހެން، އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް، ދައުލަތުން ދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމެވެ.