އީރާނާއެކު މަޝްވަރާގެ މަގުން މަސައްކަތް ކުރުމަށް އެދޭ ކަމަށް އެމެރިކާއިން އިޝާރާތްކޮށްފައިވާއިރު، ޔަހޫދީން އަދިވެސް އެދެނީ އީރާނާއި ލުބުނާނާ ދެކޮޅަށް ހަމަލާތައް ދީ ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ކަމަށް ނަތަންޔާހޫ ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޮގަސްޓު މަހުގެ 5ވަނަ ދުވަހު ބުނީ އަސްކަރީ ފިޔަވަޅު އެޅުމަށްވުރެ އީރާނާއެކު އެއްބަސްވުމަކާ ހަމައަށް އައުމަށް އޭނާ އެދިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކުން ކުރިއެރުމެއް ނުލިބޭ ނަމަ ދެން އޮންނާނޭ ހަމައެކަނި ގޮތަކީ އަސްކަރީ ފިޔަވަޅު އެޅުން ކަމުގެ އިންޒާރު ވެސް އޭނާ ދެއްވާފައިވެއެެވެ.
ލަސް ވޭގަސްގައި ހުންނަވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިތުރު ބަޔަކު ޝަހީދުކޮށްލުމަށް ބޭނުން ނުވާ ކަމަށާއި، އެމެރިކާގެ ސަރުކާރުން އީރާނަށް ހަމަލާ ދިނުމަށް ރޭވުމަށް ފަހު އެ ރޭވުމާ އެއްގޮތަށް ހަމަލާ ނުދީ މަޑުކުރީ އީރާނުގެ އިސްވެރިން މަޝްވަރާ ކުރުމަށް ބޭނުންވުމުން ކަމަށެވެ. ހަމަލާ ނުދިނުމަށާއި އިތުރަށް މަޝްވަރާކުރުމަށް އީރާނުން އެދުނު ކަމަށް އެ ޤައުމުން އެއްބަސް ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެެވެ. ނަމަވެސް އީރާނުގެ މަންދޫބުންނާއެކު އެމެރިކާއިން ސީދާ މަޝްވަރާތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނަށް ނިއުކްލިޔަރ ހަތިޔާރެއް ހޯދުމުގެ ފުރުޞަތު އަދިވެސް ދީގެން ނުވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެެވެ.
ޞުލްޙަ ޤާއިމްކުރުމާ ގުޅޭ މަޝްވަރާަތަކަށް ކުރިއެރުން ލިބެމުންދާއިރު، މަޝްވަރާތަކުގައި މެދުވެރިއެއްގެ ޙައިޞިއްޔަތުން ޙަރަކާތްތެރިވާ ޤަޠަރުން ވެސް ބުނެފައި ވަނީ އެމެރިކާއާއި އީރާނާ ދެމެދު ދެކެވޭ ވާހަކަތަައް މިހާރު އޮތް މަރުހަލާއަކީ މުހިންމު މަރުހަލާއެއް ކަމަށެވެ. އެމެރިކާއާއި އީރާނާ ދެ ފަރާތުން ވެސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހެޅުންތަކެއް ހުށަހަޅާފައި ކަމަށް އެ ޤައުމުން ބުނެއެވެ.
ނަމަވެސް ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވިސްނުން ތަފާތެވެ. އޭނާ ވަނީ އެމެރިކާއިން މަޝްވަރާ ކުރުމަށް ޝައުޤުވެރިވި ނަމަވެސް ޔަހޫދީން އަމިއްލަ ނިންމުންތަކެއް ނިންމަން ޖެހިއްޖެ ޙާލަތެއްގައި އެ ގޮތަށް ޢަމަލު ކުރާނެ ކަމަށް އިޝާރާތް ކޮށްފައެވެ. އީރާނުން އަދިވެސް ގަސްތުކުރަނީ ނިއުކްލިޔަރ ހަތިޔާރު ހޯދުމަށް ކަމަށް ތުހުމަތުކޮށް ނަތަންޔާހޫ ބުނީ އެ ފުރުޞަތު ޔަހޫދީން ނުދޭނެ ކަމަށެވެ. އެެމެރިކާއަކީ ޔަހޫދީންގެ އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި އޭނާ ސިފަ ކުރި ނަމަވެސް، އަމިއްލަ ސަލާމަތް ކަށަވަރުކުރުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ލުބުނާނާއި ޔަހޫދީންނާ ދެމެދު އޮތް ނުަތަނަވަސް ކަމަށް ޙަައްލެއް ހޯދުމަށް ދެ ފަރާތުގެ ދެމެދުހައި އިޓަލީވިލާތުގެ ރޯމްގައި ނުސީދާ މަޝްވަރާތައް ކުރިއަށް ދިޔަ ނަމަވެސް ލުބުނާނުގައި ޔަހޫދީންގެ އަސްކަރީ ޙަރަކާތްތައް ފުޅާ ކުރާނެ ކަމުގެ އިޝާރާތެއް ވެސް ނަތަންޔާހޫ ކޮށްފައިވެއެވެ. ޔަހޫދީންގެ ބައެއް ނޫސްތަކުން ވަނީ ޔަހޫދީ އަސްކަރިއްޔާއިން ލުބުނާނަށް އިތުރު ހަމަލާތައް ދޭން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުކޮށްފައެވެ. އެ ގޮތުން ކުރިއަށްވުރެ ވަރުގަދަ ހަމަލާތައް ލުބުނާނަށް ދިނުމުގެ ޙުއްދަ ދިނުމަށް ޔަހޫދީ އަސްކަރިއްޔާއިން ސިޔާސީ އިސްވެރިންގެ ކިބައިން އެދިފައިވާ ކަމަށް ވެއެވެ.
މި ޙާލަތުގައި ލުބުނާނުން ދަނީ މަޝްވަރާތައް ކުރިއަށް ދާ މި ދަނޑިވަޅުގައި މައްސަލަ އިތުރަށް ގޯސްވިޔަ ނުދިނުމަށް އެމެރިކާގެ އެހީތެރިކަން ހޯދަމުންނެވެ. ލުބުނާނަށް އިތުރު ހަމަލާތައް ނުދިނުމަށް އެމެރިކާއިން ޔަހޫދީންނަށް ހިތްވަރުދޭނެ ކަމަށް ލުބުނާނުން އުންމީދު ކުރެއެވެ. މީގެ ކުރިން ވެސް ފަސް ބުރެއްގެ މަތިން އެމެރިކާގެ އެހީތެރިކަމާއެކު ލުބުނާނާއި ޔަހޫދީންނާ ދެމެދު ނުސީދާ މަޝްވަރާތައް ކޮށްފައިވެއެވެ.