ނިމިގެންދިޔަ ފީފާ ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި އިންގްލޭންޑް އަތުން އާޖެންޓީނާ މޮޅުވި ދުވަހަކީ އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަން ނިންމައިފިއެވެ.
15 ޖުލައި ގައި އެމެރިކާގެ އެޓްލާންޓާގައި ކުޅުނު ސެމީ ފައިނަލުން އާޖެންޓީނާ މޮޅުވެފައިވަނީ އިންގްލޭންޑް އިން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރާ ހަތް މިނިޓުގެ ތެރޭގައި ދެ ލަނޑު ޖަހާ 2-1 ގެ ނަތީޖާއަކުންނެވެ.
މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި އިންގްލޭންޑް އަތުން އާޖެންޓީނާ މޮޅުވި މެޗުގައި ޑިއެގޯ މެރެޑޯނާ އަތުން ޖެހި ގޯލާއިއެކު މި ދެ ޓީމުގެ ކުރިމަތިލުންތަކަކީ ވަރަށް ފޯރިގަދަ އަދި ފާހަގަކޮށްލެވޭ މެޗުތަކެކެވެ.
ނިމިގެންދިޔަ ވޯލްޑްކަޕްގެ ސެމީ ފައިނަލުން އާޖެންޓީނާ މޮޅުވި މެޗަށްފަހު އެ ޓީމުގެ ކުޅުންތެރިން ވަނީ ފޯކްލޭންޑަކީ އެ ގައުމުގެ ބައެއް ކަމަށް ލިޔެފައިވާ ބެނާތަކެއް ދަނޑު މަތީގައި ގެންގުޅެފައެވެ. އަދި އެ މައްސަލަ ފީފާ އިން މިހާރު ދަނީ ބަލަމުންނެވެ.
އެޓްލާންޓިކް ކަނޑުގައި އޮންނަ ފޯކްލޭންޑް އިންގްލޭންޑް އިން އިސްތިއުމާރުކޮށްފައިވާއިރު އަދިވެސް މި ދެ ގައުމުގެ ދެމެދުގައި އެކަމުގެ ސިޔާސީ ނުތަނަވަސްކަން އޮވެއެވެ. 1982 ވަނަ އަހަރު ފޯކްލޭންޑް މައްސަލައިގައި މި ދެ ގައުމުގެ ދެމެދުގައިވަނީ ހަނގުރާމައެއްވެސް ހިނގާފައެވެ. ނަމަވެސް 2013 ވަނަ އަހަރު ފޯކްލޭންޑްގެ 99.8 އިން ސައްތަ ރައްޔިތުން ބުނެފައިވަނީ އެ މީހުން ބޭނުންވަނީ އިންގްލެންޑްގެ ދަށުގައި އޮތުމަށެވެ.
އާޖެންޓީނާ އިން އިންގްލޭންޑް ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދިނަމަވެސް ފައިނަލުގައި ސްޕެއިން ވަނީ 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައެވެ. އިންގްލޭންޑް އިން ވަނީ 6-4 ގެ ނަތީޖާއަކުން ފްރާންސް ބަލިކޮށް މުބާރާތުގެ ތިންވަނަ މަގާމް ހޯދާފައެވެ.