މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް ކަމަށްވާ 'ފަވަރަ'އާއި، އިންޑިޔާގެ ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް 'ޔޫޕީއައި' ކާމިޔާބުކަމާއެކު ގުޅާލުމަކީ، ދިވެހިރާއްޖޭގެ މާލީ ތާރީޚުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ. މިދިޔަ މަހުގެ 30ވަނަ ދުވަހު މި ނިޒާމު ރަސްމީކޮށް އިފްތިތާޙު ކުރުމާއެކު، ދެ ގައުމުގެ ދެމެދުގައި ފައިސާ ފޮނުވުމުގެ އައު ދައުރެއް މިވަނީ ފެށިފައެވެ.
މި މަޝްރޫއަކީ، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް އެންޕީއައިއެލްއާއި އެމްއެމްއޭއާ ދެމެދު މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. ހައިރާންކުރުވަނިވި ހަލުވިމިނެއްގައި، އެންމެ 10 މަސް ދުވަހުގެ ތެރޭގައި ޓެސްޓިންގ މަރުހަލާތައް ނިންމައި، މި ޚިދުމަތް މިހާރު ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އަދި އެމްއެމްއޭއިން ފާހަގަކުރެއްވި ގޮތުގައި އެންއައިޕީއެލްއާއެކު ހެދި އެއްބަސްވުމުގެ ދަށުން މިފަދަ ޚިދުމަތެއް މިހާ އަވަހަށް
ފެށި ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ.
މި ނިޒާމުގެ ސަބަބުން ލިބޭ އެންމެ ބޮޑު އެއް ފަސޭހައަކީ، ފައިސާ ފޮނުވުމަށް ހޭދަވާ ވަގުތު އިންތިހާއަށް ކުޑަވުމެވެ. ކުރިން ބައިނަލްއަޤުވާމީ ސްވިފްޓް ނިޒާމު މެދުވެރިކޮށް އިންޑިޔާއަށް ފައިސާ ފޮނުވުމަށް ދެތިން ދުވަސް ނުވަތަ އެއަށްވުރެ ގިނަ ދުވަސް ހޭދަވާއިރު، މިހާރު ފަވަރަ-ޔޫޕީއައި މެދުވެރިކޮށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފައިސާ ޖަމާވާނެއެވެ. މިއީ، ވަގުތުން ވަގުތަށް ފައިސާ ބޭނުންވާ ހާލަތްތަކުގައި ލިބޭނެ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
ޚާއްޞަކޮށް އިންޑިއާއަށް ބޭސްފަރުވާ ކުރުމަށް ދާ ދިވެހިންނަށާއި، އެ ގައުމުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް މީގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެއެވެ. ހޮސްޕިޓަލު ބިލުތައް ދެއްކުމާއި، ޔުނިވަރސިޓީ ފީތައް ދެއްކުމުގައި ކުރިން ދިމާވި ލަސްވުންތަކަށް މިހާރު ވަނީ ހައްލެއް ލިބިފައެވެ. މިއީ ހަމައެކަނި ފަސޭހައެއް ނޫން ކަމަށާއި، ކުއްލި ހާލަތްތަކުގައި މިއީ ކޮންމެހެން ބޭނުންތެރި ޒަރޫރީ ޚިދުމަތެއް ކަމަށް އިންޑިޔާގައި ދިރިއުޅެމުންދާ ފަރާތްތަކުން ފާހަގަކުރެއެވެ.
ފަވަރަ އަދި ޔޫޕީއައި ގުޅާލުމަކީ، މީގެކުރިން އިންޑިޔާއަށް ފައިސާ ފޮނުވުމުގެ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއްވެސް މެއެވެ. އާންމުކޮށް ބައިނަލްއަޤުވާމީ ޓްރާންސްފާތަކުގައި ނަގާ ބޮޑެތި ފީތަކާއި، މެދުވެރި ބޭންކުތަކުން ކަނޑާ ފައިސާ މި ނިޒާމުގައި ނުހިމެނެއެވެ. ދެ ޤައުމުގެ ޤައުމީ ޕޭމަންޓް ސިސްޓަމްތައް ސީދާ ގުޅާލުމުން، ބޭކާރު އިތުރު ޚަރަދުތައް ކެނޑި، ފޮނުވާ ފަރާތަށާއި ލިބޭ ފަރާތަށް މާލީގޮތުން ފައިދާ ކުރާނެއެވެ.
މިފަދަ ބައިނަލްއަޤުވާމީ ނިޒާމެއް ރާއްޖޭގައި ބޭނުންކުރަން ފަށާފައިވާއިރު، މި ޚިދުމަތް ބޭނުންކުރުމަށް އައު އެޕްލިކޭޝަނެއް ޑައުންލޯޑް ކުރާކަށްވެސް ނުޖެހެއެވެ. ކަސްޓަމަރުން މިހާރުވެސް ބޭނުންކުރަމުންދާ ބޭންކް އޮފް މޯލްޑިވްސް ނުވަތަ މޯލްޑިވްސް އިސްލާމިކް ބޭންކުގެ މޯބައިލް އެޕްލިކޭޝަންގެ ތެރެއިން ފަވަރަ މެދުވެރިކޮށް މި މުއާމަލާތްތައް ކުރެވޭނެއެވެ. އެހެންކަމުން މިއީ ޓެކްނޮލޮޖީއަށް މާ ބޮޑަށް އަހުލުވެރި ނޫން މީހުންނަށްވެސް ފަސޭހައިން ބޭނުންކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ނިޒާމެއްކަން ހާމަވެގެންދެއެވެ.
މި ނިޒާމަކީ، ދެ ގައުމުގެ މަރުކަޒީ ބޭންކުތަކާއި ސަރުކާރުތަކުގެ ފުރިހަމަ ބެލުމުގެ ދަށުން ހިންގާ ނިޒާމަކަށްވާތީ، މީގެ ރައްކާތެރިކަމާއި އިތުބާރު ވަރަށް ބޮޑެވެ. އަމިއްލަ މަނީ ޓްރާންސްފާ އެޖެންޓުންނާ ޚިލާފަށް، ބޭންކިންގ ނިޒާމުގެ ތެރެއިން މިކަން ހިނގާތީ ކަސްޓަމަރުންގެ ފައިސާއަށް ފުރިހަމަ ޤާނޫނީ ރައްކާތެރިކަން ލިބިގެންދާނެއެވެ. އަދި މިއީ މާލީ މުއާމަލާތްތަކުގައި އިތުބާރު ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަންވެސް ދާއިރާގެ މާހިރުން ފާހަގަކުރެއެވެ.
މި ނިޒާމުގެ ދަށުން ފިޔަވަހިތަކަކަށް ބަހާލައިގެން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މިހާރު ފަށާފައިވާ ފުރަތަމަ މަރުހަލާގައި ހިމެނެނީ ހަމައެކަނި ޕާސަން ޓު ޕާސަން މުއާމަލާތްތަކެވެ. މީގެ ތެރޭގައި ތަޢުލީމާއި، ބޭސްފަރުވާ އަދި އާއިލާއަށް އެހީވުމަށް ފޮނުވާ ފައިސާ ހިމެނެއެވެ. މިގޮތުން ކޮންމެ ބޭންކަކުން މަހަކު ގާތްގަނޑަކަށް 24,000 އިންޑިޔަން ރުޕީސް ނުވަތަ ގާތްގަނޑަކަށް 250 ޑޮލަރު ފޮނުވޭނެއެވެ.
މި މަޝްރޫއުގެ ދެވަނަ މަރުހަލާގައި، ކިއުއާރު ކޯޑު ބޭނުން ކޮށްގެން ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މިއީ، ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެއީ އިންޑިޔާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަށްވާއިރު، އެމީހުންގެ އަމިއްލަ ޔޫޕީއައި އެޕް ބޭނުން ކޮށްގެން ރާއްޖޭގެ ފިހާރަތަކަށާއި ރިސޯޓުތަކަށް ފައިސާ ދެއްކުމުގެ ފުރުސަތުވެސް މި ނިޒާމުގެ ތެރެއިން ލިބިގެންދާތީއެވެ.
ފަވަރައާއި ޔޫޕީއައި ގުޅާލުމަކީ ރާއްޖޭގެ މާލީ ނިޒާމު ޑިޖިޓަލްކޮށް، ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރާ މަސައްކަތުގެ ބޮޑު ބައެކެވެ. މި ނިޒާމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިސާދީ އަދި އިޖުތިމާއީ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި މާލީ ދާއިރާއިން އިތުރު އައު އީޖާދުތަކަށް މަގުފަހިވެގެންދާނެކަން މާލީ ދާއިރާގެ މާހިރުންވެސް ފާހަގަކުރެއެވެ.