ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގެ ތިންވަނަ އެޕިސޯޑުގެ ދެވަނަ ބައި ދައްކާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
މި ޕްރޮގްރާމަކީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ރައްޔިތުންނަށް މައުލުމާތު ފޯރުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
- މޯލްޑިވްސް 2.0ގެ ސަބަބުން ކައުންސިލްތައްވެސް ބާރުވެރިކުރެވޭނެކަމަށް ވިދާޅުވި
- ކޯޓާއާއެކު މަޖިލީހުގައި ޒުވާނުންނާއި އަންހެނުންގެ އަދަދު އިތުރުވާނެކަމަށް ވިދާޅުވި
- ސްމާޓް އައިޑީ ކާޑު ތަޢާރަފުކޮށް ފައިސާގެ މުއާމަލާތް ކުރެވޭ ގޮތް ހަދަން ނިންމާފައިވާކަމަށް ވިދާޅުވި
(އޮގަސްޓު 5) ނިމުނު ހަފުތާގައި ރައީސުލްޖުމްހުރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް ވަނީ ދަތުރުފުޅެއްކުރައްވާފައެވެ. ދެ ދުވަހުގެ މި ދަތުރުފުޅަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް ސިމްޕޯޒިއަމް ނިންމުމާއި، އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް، ގްލޯބަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވަަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެއެވެ.
ރައީސުލްޖުމްހޫރިއްޔާ އުކުޅަހަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވާ، ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ އުކުޅަހުގައި ސަރުކާރުން ގާއިމުކުރި ވޮލީ ކޯޓު ހުޅުވައިދެއްވާ، އުކުޅަހުގައި ގާއިމުކުރާ ސްޕޯޓްސް ކޮމްޕްލެކްސްގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން އުކުޅަހުގައި ކުރިއަށްގެންދެވި ގަސް އިންދުމުގެ ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވެއެވެ.
- އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އައު ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކުރުން
- ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކުރެވިގެންދާނެ ކަމަށް ވިދާޅުވުން
- ޤައުމީ ވިސްނުން އިސްކުރާނަމަ، ފަނާކުރަނިވި ފިކުރަށް ޖާގައެއް ނޯންނާނެކަމަށް ވިދާޅުވުން
- އިޤްތިޞާދީ ދަތިތަކާއެކުވެސް ވަޢުދުތައް ފުއްދައިދޭނެ ކަމަށް ވިދާޅުވުން
- އުކުޅަހުގައި 50 ހައުސިން ޔުނިޓުގެ ބިންގާ އެޅުން
- އުކުޅަހު އައުޓްޑޯ ވޮލީ ކޯޓު ހުޅުވުން
- އުކުޅަހު ސްޕޯޓްސް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށުން
- ފަރުމަސްވެރިކަމަށް ޚާއްޞަ ފުރަތަމަ އައިސް ޕްލާންޓު އުކުޅަހުގައި ޤާއިމުކުރަން ބަޔަކާ ހަވާލުކުރުން
(އޮގަސްޓު 3) ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސްކަމަށް މއ.އެރަލްސީ، އަޙްމަދު މަމްދޫހް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޢައްޔަން ކުރެއްވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. އަޙްމަދު މަމްދޫހް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނައިބު ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.
(އޮގަސްޓު 3) ކިންގްޑަމް އޮފް ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ޢައްޔަންކުރައްވާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ވިލާތުގެ އިއްތިހާދު، އީޔޫ އާއި ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމަށް އައްލްއުސްތާޛާ ފާތިމަތު ދިޔާނާ ސަޢީދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވާފައިވަނީ މިދިޔަ މަހުގެ 29ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ.
(އޮގަސްޓު 4) ދިވެހިރާއްޖެއިން ޤަތަރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އާދަމް ޝަރީފް އުމަރު، އެމަނިކުފާނުގެ ސަފީރުގެ ކަމުގެ ފަތްކޮޅު ޤަތަރުގެ އަމީރު، ޝައިޚް ތަމީމް ބިން ޙަމަދު އާލް ޘާނީއަށް އަރުވާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޤަޠަރުގެ ދޯހާގައި ހުންނަ ލުސައިލް ގަނޑުވަރުގައެވެ. ފަތްކޮޅު އެރުވުމަށް ލުސެއިލް ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތުގައި ސަފީރު އާދަމް ޝަރީފް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ޤަޠަރުގެ ޢަމަރު އަދި އެއްޤުމުގެ ރައްޔިތުންނަށް ތަހުނިޔާ އަދި މުބާރަކުބާދީ އަރުއްވާފައެވެ. ރަސްމީއްޔާތަށްފަހު ބޭއްވެވި ބައްދަލުވުގައި ސަފީރު އާދަމް ޝަރީފް ވަނީ ޤަތަރު ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވަމުން ގެންދަވާ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް މަތީ ފަންތީގެ މަޝްވަރާތައް ބާއްވާ ގުޅުން ބަދަހިކުރުމުގެ ޝަޢުޤުވެރިކަން ސަފީރު ފާޅުކުރެއްވެވިއެވެ.
(އޮގަސްޓު 5) ކައުންސިލަރުންނާއި ޑަބްލިއުޑީސީ ރައީސުންގެ ތެރެއިން ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އެލްޖީއޭގެ ބޯޑަށް އައްޔަން ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބު ފަސްކޮށްފައިވާކަން އިޢުލާންކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި އިންތިޚާބު ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެލްޖީއޭއިން ނެރުނު ބަޔާނުގައި ވިދާޅުވީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭގެ ބޯޑަށް މެންބަރުން އިންތިޚާބު ކުރުމަށް ބާޢްވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. މި އިންތިޚާބު ފަސްކޮށްފައިވަނީ އިންތިޚާބާއި ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތް ނިމިފައި ނުވާތީ ކަމަށް އެލްޖީއޭއިން ވިދާޅުވިއެވެ.
(އޮގަސްޓު 3) މީނީމަގު މަރާމާތުކުރުމުގެ ފުރަތަމަ ސެގްމަންޓްގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާއެވެ. މިދިޔަ ސަރުކާރުން ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ އަމީނީމަގުގެ އެކި ތަންތަނުން ތާރުގަނޑު އުފުލި އެމަގު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. ޚާއްސަކޮށް އަމީނީ މަގުގެ ހުޅަނގަށްވީ ބައިވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
(އޮގަސްޓު 3) ރާއްޖޭގައި ޕޯސްޓްމޯޓަމް ހަދަން ބޭނުންވާ ފެސިލިޓީ ޤާއިމްކުރަން، ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ދީފައިވާކަން ހާމަކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕޯސްޓްމޯޓަމްގެ ޚިދުމަތް ދޭގޮތަށް، ލެވެލް2ގެ މެޑިކަލް ޔުނިޓެއް ޤާއިމްކުރުމަށް ވަނީ ނިންމާފައެވެ.
(އޮގަސްޓު 5) ރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކުން ކޮށްދެއްވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭން ނިންމާފައިވާ އިންޖިނޭރުންގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ ބުދަ ދުވަހުއެވެ. އިންޖިނޭރުންގެ އެވޯޑުގެ މަޤުޞަދަކީ ދިވެހި އިންޖިނިއަރުންނާއި އިންޖިނިއަރިންގ ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމެވެ. އަދި ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމެވެ.
(އޮގަސްޓު 6) ކޮކޮނަޓް ލީފް ބީޓްލް (ކުދި ރުކުމަޑި) އަށް ގުދުރަތީގޮތުން ހަމަލާދޭ ފައިދާ ހުރި ސޫފާސޫފި އާލާކުރުމަށްޓަކައި ގާއިމުކުރި ޕާމް ޕެސްޓް ބައޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ސެންޓަރަކީ ޗައިނާ ސަރުކާރާއި ދަނޑުވެރިކަމާއި ބެހޭ ވުޒާރާއާއި ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ތަރައްޤީކުރި މުހިންމު ވަސީލަތެކެވެ. މިމަޝްރޫޢުގެ ދަށުން އެކުލަވައިލެވުނު "އިމްޕްލިމެންޓޭޝަން އެގްރީމެންޓް ފޯ ދަ އެސިސްޓެންސް ޕްރޮޖެކްޓް އޮން ކޮކޮނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އިން މޯލްޑިވްސް" އެއްބަސްވުމުގައި، އެ ވުޒާރާއާއި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއާ ދެމެދު ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.
(ޖުލައި 31) ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކަރސް އެސޯސިއޭޝަންގެ ޗެއާމަންކަމަށް އައްޔަންކޮށްފައިވާކަން ހާމަކޮށްފައިވަނީ ނިމުނު ހަފުތާގެ ހުކުރު ދުވަހުއެވެ. މިއީ، މި މަޤާމަށް ދިވެއްސަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ. އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މަޤާމާ ހަވާލުވެ ވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.
(އޮގަސްޓު 1) ދިވެހިރާއްޖެއާއި ތުރުކީވިލާތާއި ދެމެދު ވަކި ބާވަތްތަކަކުން ޑިއުޓީ މަޢާފު ކުރުމަށް ސޮއިކޮށްފައިވާ ވިޔަފާރީގެ އެއްބަސްވުމު ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އެއްބަސްވުމަކީ 2023 ވަނަ އަހަރު ނޮވެންބަރު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރިކީވީލާތަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ކުރެވުނު މަޝްވަރާތަކަށް ފަހު ސޮއިކުރެވުނު އެއްބަސްވުމެކެވެ. ސަރުކާރުން ވިދާޅުވީ، މި އެއްބަސްވުމަށް ޢަމަލުކުރަން ފެށުމަށްޓަކައި ދިވެހިރާއްޖެ އަދި ތުރުކީވިލާތުގެ ސަރުކާރުން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، ފައިނަލް ނޯޓިފިކޭޝަން ލިޔުމުން ދެ ޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ކަމަށެވެ. އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާ ރަސްމީ ތާރީޚަކީ 01 އޮގަސްޓު 2026 ކަމުގައި ދެފަރާތުން އެއްބަސްވެފައިވާތީ، އެ ތާރީޚުން ފެށިގެން މި އެއްބަސްވުމަށް މިވަނީ ޢަމަލުކުރަން ފަށާފަައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
(އޮގަސްޓު 2) ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރި އާމްދަނީގެ 60 އިންސައްތަ މިހާތަނަށް ލިބިފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާފައިވަނީ ނިމުނު ހަފުތާގެތެރޭގައެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް 24.1 ބިލިޔަން ރުފިޔާގެ އާމްދަނީއެއްވަނީ ލިބިފައެވެ.
(އޮގަސްޓު 3) ޤަވާއިދާ ޚިލާފަށް ހިންގަމުން އައި 107 ވިޔަފާރިއެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ ހޯމަ ދުވަހުއެވެ. އެވުޒާރާއިން އިސްވެ އޮވެ ކުރިއަށް ގެންދާ އޮޕަރޭޝަންތަކުގައި މިހާތަނަށް 200 އަށްވުރެ ގިނަ ވިޔަފާރި ވަނީ ބަލައި ފާސްކޮށްފައެވެ.
(އޮގަސްޓު 5) ބޭންކް އޮފް މޯލްޑިވްސްގެ އިންވެސްޓްމަންޓް ޕޫލްތަކުގައި ޑޮލަރުން އިންވެސްޓްކުރުމުން %25އާ ހަމައަށް ފައިދާ ލިބޭ ގޮތަށް ތަޢާރަފްކުރި ސްކީމްގެ އިންވެސްޓްމަންޓާއި ފައިދާވެސް ޑޮލަރުން ދޭ ގޮތަށް އެބޭންކުން ނިންމީ މިދިޔަ ބުދަ ދުވަހުއެވެ. ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްއިން "އިންވެސްޓްމަންޓްސް"ގެ ނަމުގައި އައު ޚިދުމަތެއް ތަޢާރަފުކޮށް، އާންމުންނަށް އެބޭންކުގައި ޑޮލަރު އިންވެސްޓްކުރެވޭނެ ގޮތް ހަދާފައިވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.
(ޖުލައި 31) ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭގެ ޚިދުމަތްތައް ހުޅުމާލެއަށް ބަދަލުކޮށްފައިވާކަން ހާމަކުރީ މިދިޔަ ހުކުރު ދުވަހުއެވެ. މީގެކުރިން އެ އިދާރާއިން ޚިދުމަތް ދެމުން އައީ ސިއްޙީ ވުޒާރާ ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައެވެ. އެ އޮފީސް ބަދަލުކޮށްފައިވަނީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި އަލަށް ތަރައްގީކޮށްފައިވާ މެންހެޓަން ގްރޭންޑް ހޮޓެލްސް އިމާރާތަށެވެ.
(އޮގަސްޓު 1) ޤައުމީ ދިފާޢީ ބާރާ އަލަށް ގުޅޭ ފަރާތްތައް ތަމްރީނުކުރުމަށް ހިންގާ، އަސާސީ ތަމްރީނު ކޯހުގެ 73ވަނަ ބެޗުގެ ދަސްވެނިވުން ބާއްވާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި ކޯހުން 117 ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. އެއީ 22 އަންހެން ދަރިވަރުންނާއި 95 ފިރިހެން ދަރިވަރުންނެވެ.
(އޮގަސްޓު 1) ފާއިތުވީ 2 ހަފުތާވެސް ފާހަގަކޮށްލެވެނީ ރާއްޖެއަށް މޫސުން ގޯސް 2 ހަފުތާގެގޮތުގައެވެ. މި ވިއްސާރައިގައި، ވައިގަދަވުމުގެ ސަބަބުންނާއި އުދައެރުމުގެ ސަބަބުން އެކި ސަރަހައްދުތަކަށް ގެއްލުންތަކެއް ލިބިފައިވާކަމުގެ ރިޕޯޓްތައް ލިބިފައިވާކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ހާމަކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.
ނިމުނު ހަފުތާގައި ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ކަނޑުމަތީގެ ހާދިސާތަކެއް ހިނގާފައެވެ. ( ޖުލައި 31) އެގޮތުން ކ.ގާފަރުކައިރިން ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި 2 މީހުން ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. ޖުލައިމަހުގެ 31 ވަނަދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު މިކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާ ހިނގިއިރު ކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. ގެއްލިގެން ހޯދަމުންދަނީ 2 ބިދޭސީންނެވެ.
(އޮގަސްޓު 6) ތ އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި ފުލުހެއްގެ އިތުރުން ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށާފައިވަނީ ބުރާސްފަތި ދުވަހުއެވެ. ފުލުހުން ވިދާޅުވީ ތ. މަޑިފުށިން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ފެތުމާގުޅިގެން މީހުން ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ގެއްލިފައިވަނީ ޕޮލިސް ސާޖަންޓު ޢަލީ ނާފިޢު (33 އަހަރު) އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދު (39 އަހަރު)އެވެ. އަދި ގެއްލިގެން ހޯދަމުންދާ ތިން ވަނަ މީހަކީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، އުމުރުން 35 އަހަރުގެ މުޙައްމަދު ޙަމްދޫނެވެ.