ޚަބަރު

އާރްޑީސީގެ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް އއ.އަތޮޅުގެ 4 ރަށަކަށް


  • ރަސްދޫ، ހިމަންދޫ، ތޮއްޑޫ އަދި މާޅޮހަށް އުޅަނދުތައް ގެންދާނެ

  • އުޅަނދުތައް ފޮނުވުމުން މަޝްރޫޢުތަކުގެ މަސައްކަތް އަވަސްވާނެ

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން އއ.އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް އެރަށްރަށަށް ފޮނުވުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީން ފަށައިފިއެވެ. މިއުޅަނދުތައް މިއަދު މެންދުރުފަހު ފޮނުވާލުމަށް ހަމަޖެހިފައިވާކަމަށް އާރްޑީސީން ވިދާޅުވެއެވެ.

ރަށްރަށުގެ މަގުތައް ހެދުމުގެ ގިނަ މަޝްރޫޢުތަކެއް ސަރުކާރުން ވަނީ، ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާ ހަވާލުކޮށްފައެވެ. މަސައްކަތް ކުރިއަށް ގެންދިޔުމަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، ކުންފުނީގައި އެކަށީގެންވާ ވަޞީލަތްތައް ނެތުންކަމަށް އާރްޑީސީން ވިދާޅުވެއެވެ. އެހެންކަމުން ކުންފުނި ހަރުދަނާކޮށް، މަޝްރޫޢުތައް އަވަސް ކުރުމަށް ސަރުކާރުން ވަނީ ޗައިނާގެ އެހީތެރިކަމާއެކު އެކުންފުންޏަށް ބޭނުންވާ ވަޞީލަތް ހޯދުމުގެ މަސައްކަތް ކުރައްވާފައެވެ. މިމަސައްކަތްތަކުގެ ދަށުން ލިބުނު އުޅަނދުތައް މިހާރު އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް އާރްޑީސީން ވަނީ ފަށާފައެވެ.

މިބުރުގައި އާރްޑީސީން އުޅަނދުތައް ފޮނުވަމުންދަނީ، އއ.އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން އެއަތޮޅުގެ ތޮއްޑޫއާއި ހިމަންދޫ، މާޅޮސް އަދި ރަސްދޫއަށް ފޮނުވަންޖެހޭ އުޅަނދުތައް ހުކުރު ދުވަހު އެރަށް ރަށަށް ފޮނުވާލުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ، މަގު ހެދުމަށް ބޭނުންކުރާ ހެވީ ވެހިކަލްތަކުގެ ތެރޭގައި ހިމެނޭ އެކްސްކަވޭޓަރާއި، ފޯކްލިފްޓާއި، ލޮރީ ފަދަ ތަކެއްޗެވެ. މިއާއެކު މިރަށްރަށުގައި ހުރި އާރްޑީސީގެ މަޝްރޫޢުތައް އަވަހަށް ފެށިގެންދާނެ ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ އެކި ރަށްރަށަށް އާރްޑީސީގެ އުޅަނދުތައް އަދިވެސް ފޮނުވަމުންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް 2 ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 55 ރަށަކަށް އިތުރު އުޅަނދުތައް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް މަޝްރޫޢުތަކުގެ ތެރެއިން އާރްޑީސީން ތ.މަޑިފުއްޓާއި، ގުރައިދޫ އަދި ދ.މީދޫއާއި، އައްޑޫސިޓީގައި ކުރިއަށްގެންދާ އެކިއެކި މަޝްރޫޢުތަކަށް ބޭނުންވާ އުޅަނދުތައް މީގެކުރިންވެސް އެކުންފުނިން ވަނީ އެރަށްތަކަށް ފޮނުވާފައެވެ.

އާރްޑީސީން ކުރިއަށްގެންދާ މަޝްރޫޢުތައް އަވަސް ކުރުމަށް އެކުންފުނިންވަނީ، 200 އަށްވުރެ ގިނަ އުޅަނދާއި، މެޝިނަރީސްތައް ރާއްޖެއަށް ގެނެސްފައެވެ. ޗައިނާގެ ކުންފުންޏަކާއި ގުޅިގެން ގެނެސްފައިވާ މި އުޅަނދުތަކާއި މެޝިނަރީސްތައް ބޭނުންކުރުމަށް އެކުންފުނީގެ މުވައްޒަފުންނަށް ޚާއްސަ ޓެކްނިކަލް ތަމްރީނުތަކެއްވެސް ވަނީ ދީފައެވެ.