ޚަބަރު

ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލަކަށް ތައްޔާރުވުމުގެ އެކްސަސައިޒެއް


  • މި އެކްސަސައިޒް ބޭއްވީ އެޗްޕީއޭއާ ގުޅިގެން

  • ހަރަކާތް ކުރިއަށް ގެންދިޔައީ ޝެޑިއުލް ދަތުރުތަކަށް ބުރޫ ނާރާގޮތަށް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކުރިއަށް ގެންގޮސްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މަގުސަދަކީ ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.

މި ހަރަކާތުގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިން ބައިވެރިވި އިރު, އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް އެމްއޭސީއެލްއިން ބުނެއެވެ..

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ. އެގޮތުން އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ ވީއައިއޭގައި ގަވާއިދުން ބާއްވާ, ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ. މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ..