ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ: ގޮދަން ޝިޕްމަންޓްތަކަށް ހުރަސްއެޅިފައި


ބަނދަރުތަކާއި ގޮދަން ރައްކާކޮށްފައި ހުންނަ ގުދަންތަކުގެ އިތުރުން ބްލެކް ސީއާއި އަޒޮވް ކަނޑުގައި ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް ހަމަލާތައް އަމާޒުވާ މިންވަރު އިތުރުވުމުގެ ސަބަބުން ޔޫކްރެއިންއާއި ރަޝިޔާގެ ގޮދަން ޝިޕްމަންޓުތަކަށް ބުރޫއަރާ މިންވަރު ވެސް އިތުރުވެއްޖެއެވެ. އެއާއެކު ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާމެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.

ރަޝިޔާއަކީ އެ ޤައުމަކުން އެންމެ ގިނަ ޢަދަދަކަށް ގޮވާން އެކްސްޕޯޓުކުރާ ޤައުމެވެ. އަދި ޔޫކްރެއިންއަކީ ދަނޑުވެރި އުފެއްދުންތައް އެންމެ ގިނައިން ބާޒާރަށް ނެރޭ އެއް ޤައުމެވެ. 2022ވަނަ އަހަރުން ފެށިގެން ހަނގުރާމަ ކުރަމުންދާ ދެ ޤައުމު ކަމަށްވާ ރަޝިޔާއާއި ޔޫކްރެއިން ބަދަލުކުރަމުންދާ ހަމަލާތަކުގެ ސަބަބުން ގޮވާން ކަނޑާ މޫސުމުގައި ކަނޑުމަގުން ދަނޑުވެރި އުފެއްދުންތައް އުފުލުމަށް ދަނީ ހުރަސްއެޅެމުންނެވެ.

ޔޫކްރެއިންގެ ދަނޑުވެރި އުފެއްދުންތައް މި އަހަރު ބާޒާރަށް ނެރޭ މިންވަރު އިތުރުވާނެ ކަމަށް ބެލެވެއެވެ. އެ ޤައުމުން އެކްސްޕޯޓު ކުރާ މުދަލުގެ ގާތްގަނޑަކަށް 60 އިންސައްތައަކީ ދަނޑުވެރި އުފެއްދުންތަކެވެ. ނަމަވެސް އެ ޤައުމުގެ އޮޑެސާ ސަރަޙައްދުގައި ހުންނަ މައި ބަނދަރުތަކަށް ހަމަލާތައް އަމާޒުވުމުގެ ސަބަބުން އެ އުފެއްދުންތައް އެކްސްޕޯޓު ކުރުމުގައި ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ޔޫކްރެއިންއިން އެކްސްޕޯޓުކުރާ ދަނޑުވެރި އުފެެއްދުންތަކުގެ 90 އިންސައްތައަށްވުރެ ބޮޑު ބައެއް އެކްސްޕޯޓު ކުރަނީ އެ ބަނދަރުތައް މެދުވެރިކޮށެވެ.

ޔޫކްރެއިންގެ ބިނާރާބެހޭ ވުޒާރާއިން ބުނީ ފާއިތުވި މަހުގެ ތެރޭގައި ބަނދަރުތަކުގައި އަޅާފައިވާ އުޅަނދުތަކަށް އަމާޒުކޮށް 35 ހަމަލާއެއް ދީފައިވާ ކަމަށާއި ކަނޑުގައި ދަތުރުކުރަމުން ދިޔަ 22 އުޅަނދަކަށް ހަމަލާ ދީފައިވާ ކަމަށެވެ. އޭގެ އިތުރުން ބަނދަރުތަކުގައި ހުންނަ ވަސީލަތްތަކަށް ވެސް 67 ހަމަލާއެއް ދީފައެވެ. ފާއިތުވި އަހަރުގެ ތެރޭގައި ޔުކްރެެެއިންގެ ބަނދަރުތަކަށް 14 ފަހަރެއްގެ މަތިން ހަމަލާ ދީފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ޔޫކްރެއިން އިން ވެސް ދަނީ ރަޝިޔާގެ ބަނދަރުތަކާއި ގޮދަން ރައްކާކުރާ ގުދަންތަކާއި ވިޔަފާރި އުޅަނދުތަކަށް ޑްރޯން ހަަމަލާތައް ދެމުންނެވެ. ތަމަން ބަނދަރުގައި ހުންނަ ރަޝިޔާގެ މައި އެކްސްޕޯޓު ޓާމިނަލަކަށް ވެސް ޔޫކްރެއިންގެ ހަމަލާތައް އަމާޒުވެފައިވާ ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، ސަލާމަތީ ނުރައްކާތަކުގެ ސަބަބުން ބްލެކް ސީގެ އައްސޭރީގައިވާ ބައެއް ޓާމިންަލްތަކަށް އެއްގަމު މަގުން ގޮދަން ގެންދެވޭ މިންވަރު ވެސް ވަނީ މަދުވެފައެވެ.

މި ފަދަ ހަމަލާތައް އިތުރުވާ ނަމަ ބްލެކް ސީ މެދުވެރިކޮށް މުދާ އުފުލުމަށް ބޮޑެތި ދަތިތައް ކުރިމަތިވެ އެކްސްޕޯޓު ކުރުމަށް ބޭނުންކުރާ މަގުތައް ބަންދުވުން އެކަށީގެންވާ ކަމުގެ އިންޒާރު ރަޝިޔާގެ ބައެއް ޖަމްޢިއްޔާތަކުން ވަނީ ދީފައެވެ. އދން ވެސް ވަނީ ދުނިޔޭގެ ދަނޑުވެރި އުފެއްދުންތަކުގެ ބާޒާރަށް ހަމަލާތަކުގެ އަސަރު ކުރަމުންދާ ކަމަށް ބުނެފައެވެ. އެ ޙާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް އދން ވަނީ ގޮވާލައިފައެވެ.

އދގެ ދުނިޔޭގެ ކާބޯތަކެތީގެ ޕްރޮގްރާމުން ވަނީ ޝިޕިންގ މަގުތަކަށް ދޭ ހަމަލާތައް ނުހުއްޓޭނަމަ ޔޫކްރެއިންގެ ގޮދަން ޝިޕްމަންޓްތަކަށް އިތުރަށް ބުރޫއަރައި، ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރި ކަމަށް އެ ކަމުގެ ނޭދެވޭ އަސަރު އިތުރަށް ފޯރުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

ރަޝިޔާއާއި ޔޫކްރެއިންއާ ދެ ޤައުމުން ވެސް ބުނަނީ އެ ޤައުމުތަކުން އާންމުންގެ ބޯޓު ފަހަރަށާއި ބިނާރަށް ހަމަލާ ނުދޭ ކަމަށެވެ. ހަމަލާ ދެނީ ހަަމައެކަނި އަސްކަރީ ޙަރަކާތްތަކާ ގުޅުންހުރި ސަރަޙައްދުތަކަށް ކަމަށް ދެ ޤައުމުން ވެސް ބުނެއެވެ.