ޚަބަރު

އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު އިތުރުވެއްޖެ


  • ޖޫން މަސް ނިމުނުއިރު ވަނީ %15 އަށް އިތުރުވެފައި

  • އިމާރާތްކުރުމާއި ފަތުރުވެރިކަމަށް ބޭންކުތަކުން ދޫކުރި ލޯނުވެސް އިތުރު

ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ، އެމްއެމްއޭއިން އާންމުކޮށްފައިވާ ޖުލައިމަހުގެ އިކޮނޮމިކް އަޕްޑޭޓް ރިޕޯޓުން ދައްކައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ އެމްއެމްއޭއިން އާންމުކޮށްފައިވާ 2026ވަނަ އަހަރުގެ މެއި މަހު ވިޔަފާރި ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނާއި އެހެނިހެން ފައިނޭންސް ކުރިއަރާފައިވާ މިންވަރު 14 އިންސައްތައިގައި ހުރުމަށްފަހު، ޖޫން މަސް ނިމުނުއިރު މި އަދަދު ވަނީ 15 އިންސައްތައަށް އިތުރުވެފައެވެ.

އިޤްތިޞާދުގެ މައިގަނޑު ދާއިރާތައް ކަމަށްވާ އިމާރާތްކުރުމާއި، އަމިއްލަ ބޭނުންތަކަށް ދޫކުރާ ލޯނާއި، ފަތުރުވެރިކަމުގެ އިތުރުން ވިޔަފާރީގެ ދާއިރާއަށް ދޫކޮށްފައިވާ ކްރެޑިޓް 2026 ޖޫން މަހުވެސް ވަނީ އިތުރުވެފައެވެ. މި މުއްދަތުގެ ތެރޭގައި އެންމެ ބޮޑު ކުރިއެރުމެއް ފާހަގަކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއިންނެވެ. އެއީ އަހަރީ ގޮތުން 48 އިންސައްތައިގެ ކުރިއެރުމެކެވެ.

ބޭންކުތަކުން ދޫކުރާ ކްރެޑިޓްގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަމަށް މި ރިޕޯޓުން ދައްކައެވެ. އެއީ ޖުމްލަ ކްރެޑިޓްގެ 32 އިންސައްތައެވެ.

އިމާރާތްކުރުމުގެ ދާއިރާއަށް ދޫކުރި ކްރެޑިޓް އަހަރީ ގޮތުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ އެހެނިހެން އިމާރާތްކުރުމުގެ ގިންތިތަކަށް ދޫކުރި ފައިސާ އިތުރުވުމެވެ. މީގެ އިތުރުން ދިރިއުޅޭނެ ގެދޮރު ނުވަތަ ހައުސިންގް މަޝްރޫއުތަކަށް ދޫކުރި ލޯނުތައް ވެސް މި ކުރިއެރުމުގައި ހިމެނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، މި ދާއިރާއަށް ދޫކުރި ކްރެޑިޓް އިތުރުވެފައިވަނީ އަލަށް ރިސޯޓު ތަރައްޤީކުރުމަށާއި، ގެސްޓްހައުސްތަކަށާއި، އަދި ރިސޯޓުތައް މަރާމާތުކޮށް ތަރައްޤީކުރުމަށް ދޫކުރި ފައިސާ އިތުރުވުމާ ގުޅިގެންކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.