ހޮންގް ކޮންގައި ފަށާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ދިވެހިރާއްޖެއިން ފުރަތަމަ މެޗުގައި މިއަދު ސިންގަޕޫރާ ދެކޮޅަށް ނުކުންނާނެއެވެ.
މުބާރާތުގައި ރާއްޖެއިން މިއަދު ސިންގަޕޫރާ ދެކޮޅަށް ނުކުންނައިރު ކުރިއަށް އޮތް ހަތަރު ދުވަހުވެސް މެޗުތައް ކުޅޭނެއެވެ. މެޗުތައް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށެވެ.
ރާއްޖެ ގަޑިން މިއަދު 15:30 ގައި ސިންގަޕޫރާ ދެކޮޅަށް ރާއްޖެއިން ނުކުންނައިރު ދެވަނަ މެޗުގައި މާދަމާ ނުކުންނާނީ މެލޭޝިއާ އާއި ދެކޮޅަށެވެ. އެ މެޗު ކުޅޭނީ މާދަމާ 16:00 ގައެވެ.
ތިންވަނަ މެޗު ރާއްޖެއިން ކުޅޭނީ އިންޑިއާ އާއި ދެކޮޅަށެވެ. އެ މެޗު އޮންނާނީ 10 ވަނަ ދުވަހު 12:00 ގައެވެ.
އަދި ހަތަރުވަނަ މެޗުގައި ހޮންގް ކޮންގާ ދެކޮޅަށް 11 ވަނަ ދުވަހުގެ 16:00 ގައި ނުކުންނައިރު ފަސްވަނަ މެޗުގައި 12 ވަނަ ދުވަހުގެ 15:00 ގައި ނުކުންނާނީ ސްރީ ލަންކާއާ ދެކޮޅަށެވެ.
މި މުބާރާތް ވެގެންދާނީ ރާއްޖޭގެ ގައުމީ ނެޓްބޯޅަ ޓީމަށް، ބައިނަލްއަޤްވާމީ ތަޖުރިބާއާއި ކާމިޔާބީ އަދި ކުރިއެރުން ހޯދުމަށް ރަނގަޅު ފުރުސަތަކަށެވެ.
ޖެހިޖެހިގެން ފަސް ދުވަހު، ފަސް މެޗު ކުޅެން ޤައުމީ ޓީމުން ޖެހޭއިރު، ރާއްޖެއިން މުބާރާތުގައި ވާދަކުރަން މި ޖެހެނީ އޭޝިއާ ސަރަހައްދުގައި ނެޓްބޯޅައިގެ ވަރުގަދަ ބާރުތަކަކާއެވެ.
ރައުންޑް ރޮބިން އުސޫލުން ލީގު ފޯމެޓަށް، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް މެޗުތައް ކުޅުމަށްފަހު އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ހަތަރު ޓީމެއް ސެމީ ފައިނަލުގައި ކުޅޭނެއެވެ. ރާއްޖެއާއި މި ފަސް ޓީމު ހިމެނެނީ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕުގެ "ކަޕް ޑިވިޝަން" ގައެވެ.
ނެޓްބޯލް ޗެންޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓީމުން ވަނީ ތަޖުރިބާ ހޯދުމަށް އެކްސްޕޯޝަރ ދަތުރެއްގައި ސްރީލަންކާގައި ކޭމްޕުކޮށްފައެވެ.
ހަފްތާއެއްގެ މުއްދަތަށް ކުރިއަށްދާދިޔަ މި ދަތުރުގެ ތެރެއިން ގައުމީ ސީނިއާ ނެޓްބޯޅަ ޓީމު ލަންކާގެ ޓީމުތަކާއި ދެކޮޅަށް ވާދަވެރި މެޗުތައް ކުޅެ، ޓްރޭނިން ސެޝަންތަކެއްގައިވެސް ބައިވެރިވެފައިވެއެވެ.
ގައުމީ ނެޓްބޯޅަ ޓީމުވަނީ ފާއިތުވެދިޔަ އަހަރުވެސް ބައިނަލްއަގްވާމީ ދެ މުބާރާތެއްގައި ވާދަކޮށް ރާއްޖެއަށް ރަނގަޅު ވަނަތަކެއް ގެނެސްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ އެއް ކާމިޔާބީއަކީ މިދިޔަ އަހަރު ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުގައި ވާދަކޮށް މުބާރާތުގެ ފަޚުރުވެރި ދެވަނަ ރާއްޖޭގެ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމު ހޯދުމެވެ.