ޚަބަރު

ބީއެމްއެލް ވީރަން - ކޯޕަރޭޓްސް: ރާއްޖޭގެ ބޭއްވި ފުރަތަމަ ކޯޕަރޭޓް ރަން ނިންމާލައިފި


  • 11 ފިރިހެން ޓީމާއި 7 އަންހެން ޓީމު ބައިވެރިވި

  • މިއީ ރިލޭގެ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތް

ކުންފުނިތަކާއި، މުއައްސަސާތަކުގެ މުވައްޒަފުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގެންނެވުމާއި ގުޅިގެން މަސައްކަތްކުރުމުގެ ރޫހު އާލާކުރުމުގެ މަޤްސަދުގައި ވީރަން މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ކޯޕަރޭޓް ރަން "ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ވީރަން މޯލްޑިވްސް އިން އިންތިޒާމުކުރި މި ހަރަކާތަކީ ބޭންކް އޮފް މޯލްޑިވްސްއާއެކު ވެފައިވާ ޕާޓްނަރޝިޕްގެ ދަށުން އެ ބޭންކުން އެހީތެރިކަން ފޯރުކޮށްދީގެން ބޭއްވި ހަރަކާތެކެވެ. މި ކޯޕަރޭޓް ރިލޭ ރޭހަކީ ރާއްޖޭގައި ހަރަކާތްތެރިވާ ކުންފުނިތަކާއި، އިދާރާތަކާއި، ޖަމްޢިއްޔާތަކަށް ޚާއްސަކޮށްގެން، ކޮންމެ ބައިވެރިޔަކު އެއް ކިލޯމީޓަރު ދުވާ ގޮތަށް، ފަސް ދުވުންތެރިންގެ މައްޗަށް އެކުލެވޭ ރިލޭ ފޯމެޓަކަށް ކުރިއަށްގެންދިޔަ ރޭހެކެވެ.

މިއީ ރާއްޖޭގެ ތާރީޚުގައި ބޭއްވި އެންމެ ފުރަތަމަ ކޯޕަރޭޓް ރިލޭ ރޭހެވެ. މީގެ އިތުރުން، މިއީ ރޭސް ނިންމުމަށް ހޭދަވާ ވަގުތު ބެލުމަށް ރިލޭގެ ބެޓަންގެ އެތެރޭގައި ޗިޕެއް ހިމަނައިގެން ރާއްޖޭގައި ކުރިއަށްގެންދިޔަ ފުރަތަމަ ހަރަކާތްވެސްމެއެވެ.

މި ދުވުމުގައި 18 ޓީމަކުން ބައިވެރިވިއެވެ. އޭގެ ތެރޭގައި 11 ފިރިހެން ޓީމާއި ހަތް އަންހެން ޓީމު ހިމެނެއެވެ.

ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" ފިރިހެނުންގެ ބައިން ވަނަވަނައަށް ދިޔަ ޓީމުތައް

* ޗެމްޕިއަން: ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
* 1ވަނަ ރަނަރއަޕް: ރަންއިންމޯޑް އެތުލެޓިކްސް
* 2ވަނަ ރަނަރއަޕް: ބޭންކް އޮފް މޯލްޑިވްސް


ބީއެމްއެލް ވީރަން - ކޯޕަރޭޓްސް" އަންހެނުންގެ ބައިން ވަނަވަނައަށް ދިޔަ ޓީމުތައް

* ޗެމްޕިއަން: ރަންއިންމޯޑް އެތުލެޓިކްސް
* 1ވަނަ ރަނަރއަޕް: ކްރޮސްރޯޑްސް އައިލެންޑް ސުޕްރިންޓާސް
* 2ވަނަ ރަނަރއަޕް: އޭޑީކޭ ސިނަރޖީ

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ ރާއްޖޭގެ ތަރައްގީއަށް މުހިންމު މަޝްރޫޢުތަކާއި އިޖުތިމާޢީ ކުރިއެރުމަށް މަގުފަހިކޮށްދޭ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ ރޫހު ދިރުވައި އާލާކޮށް، ހަށިހެޔޮ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ބޭންކުން އަންނަނީ ގިނަ ޕްރޮގްރާމްތަކަކަށް އެހީތެރިވަމުންނެވެ.