ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާޙު ކޮށްދެއްވައިފިއެވެ.
އަދި "ދަނޑުވެރި މަންފާ" ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި އިސްލާމިކް ފައިނޭންސިންގެ ނިޒާމުގެ ދަށުން "ދަނޑުވެރި ނަފާ" ލޯނުގެ ފުރަތަމަ ބުރަށް ކުރިމަތިލުމަށް ވަނީ ހުޅުވާލާފައެވެ.
ދަނޑުވެރި މަންފާ ގްރާންޓާއި ދަނޑުވެރި ނަފާ ލޯނު އިފްތިތާޙު ކުރެއްވީ، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، ހއ.ކެލަޔަށް ކުރެއްވި ދަތުރުފުޅުގައެވެ.
މިއީ، ދަނޑުވެރިކަމާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާއި ގުޅިގެން ހިނގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ފަނަރަ މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމުގެ ދެވަނަ ބުރެވެ. އަދި މިއީ ވުޒާރާގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުންދިޔަ "ނަފާ ލޯން ސްކީމް" އިސްލާމީ ފައިނޭންސިންގ ނިޒާމަށް ބަދަލުކޮށް، ސްކީމަށް ހުޅުވާލި ފުރަތަމަ ފަހަރެވެ.
މި ދެ ސްކީމަކީވެސް އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެން ހިންގާ، ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ސްކީމްތަކެކެވެ.
"ދަނޑުވެރި މަންފާ" ސްކީމް އަމާޒުކުރަނީ، 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ހަރަކާތްތައް ކުރިއަށްދާ ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކުގެ ދަނޑުވެރިންނާއި ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އަދި ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ފުރަތަމަ ބުރު ނިމިގެން ދިޔައީ ވަރަށް ކާމިޔާބު ކަމާއެކު ކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ފުރަތަމަ ބުރެކޭ އެއްފަދައިން ދެވަނަ ބުރުގައިވެސް ފުރުޞަތު ހުޅުވާލީ ހަމައެކަނި، ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސް އިންސްޓޯލްކޮށް، ހައިޑްރޮޕޯނިކްސް ސިސްޓަމް ނުވަތަ އެހެންވެސް މީޑިއަމްއެއް ޤާއިމްކޮށްގެން ދަނޑުވެރިކަން ކުރުމަށެވެ.
ދަނޑުވެރި މަންފާ ގްރާންޓާއި، ދަނޑުވެރި ނަފާ ލޯނު، ވަޒީރު އަޙްމަދު ޝިޔާމް އިފްތިތާހް ކޮށްދެއްވައިފިއެވެ.
— Min of Fisheries, Agriculture and Ocean Resources (@MFAORmv) August 8, 2026
މިއީ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމްގެ ދެވަނަ ބުރެވެ. ދަނޑުވެރި މަންފާ ގްރާންޓް އަކީ އުތުރުގެ ތިން އަތޮޅުގެ ދަނޑުވެރިންނަށް އަމާޒުކޮށްގެން… pic.twitter.com/m9uYIrnogk
މި ގްރާންޓް ސްކީމުގެ މަޢުލޫމާތު ހިއްސާ ކުރުމުގެ ސެޝަންތައް ޕްރޮޖެކްޓުގެ ރަށްތަކުގައި މީގެ ކުރިންވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދަނޑުވެރި މަންފާ ގްރާންޓް ސްކީމަކީ، އެސްއެމްއީ ޑިޖިޓަލްއާއިއެކު ކުރިއަށްދާ ސްކީމެއް ކަމުން ގްރާންޓް އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެސްއެމްއީ ޑިޖިޓަލް ޕޯޓަލްއިންނެވެ.
"ދަނޑުވެރި ނަފާ" ފައިނޭންސިން ފެސިލިޓީގެ އަމާޒަކީ ޒަމާނީ ދަނޑުވެރިކަމުގެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ އާބަން އެންޑް ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ޓެރަސް ނުވަތަ ވާޓިކަލް ގާޑްނިންގ، ޕޯލްޓްރީ އެންޑް ސްމޯލް ލައިވް ފާމިން، އެގްރޯ ޕްރޮސެސިން އެންޑް ވެލިއު އެޑިޝަން، އެގްރޯފޮރެސްޓްރީ އަދި ޕްލާންޓް ނާސަރީތައް ޤާއިމް ކުރުމެވެ.
މިނިސްޓްރީގެ މެންޑޭޓާއި އެއްގޮތަށް ޖަނަވާރުގެ ދުޅަހެޔޮކަން އިތުރު ކުރުމަށްޓަކައި ވެޓެރިނަރީ ސާރވިސް، ޕެޓް ފާމް، ޕެޓް ސަޕްލައި ކުރުން ފަދަ މަސައްކަތްތަކަށް ވެސް މި ފެސިލިޓީގެ ދަށުން ފައިނޭންސް ދޫކުރާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މި ޕްރޮގްރާމްތަކުގެ މަޤުޞަދަކީ، ރާއްޖޭގެ ދަނޑުވެރިންނަށް އެފަރާތްތަކުގެ ވިޔަފާރިތަކަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދީ، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިކޮށްދީ، ދަނޑުވެރިކަމުގެ ސިނާއަތް އިހުނަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުޤުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށްވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.