ޚަބަރު

ނިއުކާސަލް ދޫކޮށްލުމަކީ އެންމެ އުނދަގޫ ނިންމުން: ގިމާރޭސް


  • އާސެނަލްއަށް ސޮއިކުރީ 4 އަހަރުގެ އެއްބަސްވުމެއްގައި

ނިއުކާސަލް ދޫކޮށްލުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށް ބުރޫނޯ ގިމާރޭސް ބުނެފިއެވެ. ނިއުކާސަލް ޔުނައިޓެޑް ދޫކޮށް، އިނގިރޭސި ޕްރިމިއަރ ލީގުގެ ޗެމްޕިއަން އާސެނަލްއަށް ސޮއިކުރުމަށްފަހު ގިމާރޭސް ބުނީ ނިއުކާސަލްއަކީ ވަރަށް ޚާއްޞަ ކްލަބެއް ކަމަށާއި، އެހެންކަމުން އެކްލަބް ދޫކޮށްލުމަކީ އެންމެ އުނދަގޫ ނިންމުން ކަމަށެވެ.

ބްރެޒިލްގެ މިޑްފީލްޑަރ އާސެނަލްއާއެކު ސޮއިކުރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގައެވެ. ނަމަވެސް އެއީ އިތުރު އަހަރަކަށް އެއްބަސްވުން ދަންމާލުމުގެ ފުރުޞަތުވެސް ލިބޭ އެއްބަސްވުމެކެވެ. 28 އަހަރުގެ މިޑްފީލްޑަރ ބުނީ އުނދަގޫ ނިންމުން ނިންމީ ކެރިއަރުގައި އާ ތަޖުރިބާއެއް ކުރަން ބޭނުންވާތީ ކަމަށެވެ. އޭނާ އާއި އާއިލާވެސް އާ ޗެލެންޖަކަށް ތައްޔާރުވެފައިވާ ކަމަށް ވަރލްޑްކަޕްގައިވެސް ކުޅުނު މިޑްފީލްޑަރު ބުންޏެވެ.

ނިއުކާސަލް ދޫކޮށްލަން ނިންމުމާއެކު މިހަފްތާގެ ކުރީކޮޅު އޭނާ ވަނީ ކްލަބްގެ ފަރިތަކުރުންތަކުން ވަކިވެފައެވެ. އަދި ކްލަބުން ވަނީ އެމީހުންގެ ކެޕްޓަނަށް ހެޔޮއެދުންތައް ފޮނުވާ، ކާމިޔާބީއަށް އެދިފައެވެ. އަދި އާ ކްލަބް އާސެނަލްގެ ކުޅުންތެރިންގެ ފަރާތުންވެސް މަރުހަބާގެ މެސެޖްތައް ލިބެމުންދާކަމަށް ގިމާރޭސް ބުނެފައި ވެއެވެ.

"
އަހަރެން ބޭނުން ތަށިތައް އުފުލާލަން، އަހަރެން ބޭނުން ތާރީޚުން ޖާގަ ހޯދަން. އަހަރެންނަށް ހީވަނީ އެކަން ކުރަން މިއާދެވުނީ ރަނގަޅު ތަނަށްހެން. އާސެނަލްއާއެކު ފަށަން އަހަރެން މިހުރީ ކެތްމަދުވެފަ.
ގިމާރޭސް

2022 ވަނަ އަހަރު ގިމާރޭސް ނިއުކާސަލްއާ ގުޅުނީ އެކްލަބް އުނދަގޫ ހާލަތެއްގައި ވަނިކޮށެވެ. އޭނާއަކީ މިދިޔަ 70 އަހަރުގެ ތެރޭގައި ނިއުކާސަލްއާއެކު ޑޮމެސްޓިކް މުބާރާތެއްގެ ތަށި އުފުލާލި ފުރަތަމަ ކެޕްޓަނެވެ. އޭނާ ވަނީ ކެޕްޓަނެއްގެ ގޮތުގައި 2025 ވަނަ އަހަރު ލިވަޕޫލް ބަލިކޮށް، ނިއުކާސަލްއާއެކު ކަރަބާއޯ ކަޕް އުފުލާލާފައެވެ. އަދި 2023 ވަނަ އަހަރާއި 2025 ވަނަ އަހަރު ނިއުކާސަލް އާއެކު ޗެމްޕިއަންސް ލީގަށް ކޮލިފައިވިއެވެ.