ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތަކުގެ ޤާނޫނަށް އިސްލާހު ގެންނަނީ


  • އަމިއްލަ ފަރުދުންނާއި ޖަމްޢިއްޔާ ޖަމާތްތަކާއެކު ދަނީ މަޝްވަރާކުރަމުން

  • 2010ވަނަ އަހަރު އެކުލަވާލި މި ޤާނޫނަށް މިހާތަނަށް އިސްލާހެއް ގެނެސްފައެއްނުވޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު މުރާޖާކޮށް ގިނަ އިސްލާހުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިޖްތިމާޢީ އެހީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވީ 2010ވަނަ އަހަރު މި ޤާނުނު ވުޖޫދުވިފަހުން، މިހާތަނަށް އެއްވެސް އިސްލާހެއް ގެނެސްފައި ނުވާކަމަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު އާތިފް ވިދާޅުވީ މުޅިން އައު ޤާނޫނެއްގެ ސިފައިގައި، މުހިންމު ބަދަލުތަކަކާއެކު ޤާނޫނު އިސްލާހުކުރުމާ ގުޅޭ މަސައްކަތްތައް ފަށާފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ދާއިރާއިން މަސައްކަތްކުރާ ފަންނީ މީހުންނާއި ޖަމްޢިއްޔާ ޖަމާތްތަކުގެ ޚިޔާލާއި މަޝްވަރާއާއެކުގައެވެ.

އާތިފް ވިދާޅުވީ 2008، 2009ވަނަ އަހަރު މި ޤާނޫނާ ގުޅޭ މަސައްކަތްތައް ކުރި ދުވަސްވަރާއި އަޅާބަލާއިރު މިހާރު ޙާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާކަމަށެވެ. އޭރާއި މިހާރާ ހޭލުންތެރިކަން ހުރި މިންވަރާއި އަދި ޚިދުމަތްތައް ލިބިގަތުމާއި ކަންކަމުގައި ގޮންޖެހުން ހުރި ގޮތްތަކަށްވެސް ބޮޑެތި ބަދަލުތައް އައިސްފައިވާކަމަށެވެ.

"ތަޢުލީމީ، ސިއްޙީ ޙައްޤުތައް ފަދަ ކަންކަން ލިޔެފައިހުރި ވަރަށް ތިލަކޮށް. އަލަށް އެކުލަވާލާ ޤާނޫނުގައި ވަކިވަކި ދާއިރާތަކާއި އިދާރާތަކުގެ ޒިންމާތައް ވަރަށް ސާފުކޮށް ލިޔެވޭނެ. އެފަދަ މީހުން ބާރުވެރިކުރުމުގައި ގެންގުޅޭނެ މޮޑެލްތަކަކީ ކޮބައިތޯއާއި، ވަސީފާ ނުވަތަ މަލީ ފުދުންތެރިކަން އިތުރުކުރުމާ ގުޅޭ ކަންކަން ކަޑައެޅޭނެ." ސްޓޭޓް މިނިސްޓަރ އާތިފް ވިދާޅުވިއެވެ.

ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެވޭނެ އެކަށީގެންވާ ނިޒާމެއް ޤާއިމުކުރުމަށްވެސް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު އާތިފް ވިދާޅުވިއެވެ. މިއީ ފަހުން ދިމާވެދާނެ ހިރާސްތައް ކުޑަކޮށް، ޙައްލު ހޯދުމަށް އެހީވެދޭނެ ވަރަށް މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މިކަމަކީ ކުރީގެ ޤާނޫނުގައި އިސްކަންދެވިފައި ނެތްކަމެއްކަމަށްވެސް އާތިފް ވިދާޅުވިއެވެ. ނަމަވެސް މީގެސަބަބުން ޚިދުމަތްތައް ބައްޓަން ކުރަންވީގޮތާއި، ދުރާލާ އެކަން ދެނެގަނެވި ޚިދުމަތްތަކުގެ ދުވެލި ބާރުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެންމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތްކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.