ޚަބަރު

ވިލިމާލެ ހޮސްޕިޓަލު ބަދަލުކުރާ އަމާން ހިޔާގެ މަސައްކަތް މިމަހު ނިންމަނީ


  • މަސައްކަތް އާރްޑީސީއާ ހަވާލުކުރީ މިދިޔަ ނޮވެންބަރު މަހު

  • އެމްޑީ ވިދާޅުވީ އިމާރާތައް ގެންނަން ޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށް

ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް ކުރާ މަސައްކަތުގެ ތެރެއިން އިމާރަތައް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީން ވިދާޅުވެއްޖެއެވެ.

ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް އެތަން މަރާމާތު ކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމް ވިދާޅުވީ ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ޕާޓިޝަން ޖެހުމުގެ މަސައްކަތްތަކާއި ވޯޑްތައް ތައްޔާރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ނަޒީމް ވިދާޅުވިއެވެ. ނަޒީމް ވިދާޅުވީ އަމާން ހިޔާގެ މަސައްކަތްތައް މިަމހުގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.

ވިލިމާލޭގައި ތަރައްޤީކުރުމަށް ނިންމާފައިވާ 100 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް ވަނީ ފަށާފައެވެ. ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.

އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.