ޚަބަރު

މިދިޔަމަހު ދައުލަތަށް 3.41 ބިލިޔަން ރުފިޔާގެ އާމްދަނީއެއް


  • މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ %0.2 އިތުރުވި

  • ޖީއެސްޓީ އާމްދަނީގެ ގޮތުގައި 1.66 ބިލިޔަން ރުފިޔާ ލިބިފައިވޭ

މިދިޔަ ޖުލައި މަހު މީރާއަށް 3.4 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ ލިބޭނެ ކަމަށް ލަފާކުރި އާމްދަނީއަށް ވުރެ ދަށް އަދަދެއް ނަމަވެސް މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ދަނީ މަހުން މަހަށް ދައުލަތަށް ލިބޭ އާމްދަނީގެ ތަފާސްހިސާބުތައް އާންމުކުރަމުންނެވެ. މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީގެ ތަފާސްހިސާބުތައް ދައްކާގޮތުން، 3.41 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިމުއްދަތުގައި ލިބޭނެ ކަމަށް މީރާއިން ލަފާކުރި އާމްދަނީއާ އަޅާބަލާއިރު 3.6 އިންސައްތަ ދަށް އަދަދެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 0.2 އިންސައްތަ ދަށް އަދަދެކެވެ.

ޖުލައި މަހުގެ އާމްދަނީ އިތުރުވި މައިގަނޑު ސަބަބުތަކަކީ، ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، އަދި ޖީޖީއެސްޓީގެ އިތުރުން ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ އިތުރުވެފައިވަނީ، ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކައިފައިވުމާއި، އިންކަމް ޓެކްސް ލައިބިލިޓީ މިއަހަރުގެ ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް ކުރީ އަހަރަށް ވުރެ އިތުރު ވެފައިވާތީއެވެ. މީގެއިތުރުން، ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީގެ އާމްދަނީ ޖުލައި މިދިޔަ އަހަރު ޖުލައި މަހު ލިބުނު އާމްދަނީ އާ އަޅާބަލާއިރު މިއަހަރުގެ ޖުލައި މަހު އިތުރުވެފައިވުމަކީވެސް މި މުއްދަތުގެ އާމްދަނީ އިތުރުވި އެއް ސަބަބެއް ގޮތުގައި މީރާއިން ފާހަގަކުރެއެވެ. ޖީއެސްޓީ ލިބުނު މިންވަރު އިތުރުވެފައިވަނީ، ޖުލައި މަހުގެ ކުއާޓަރލީ ޖީއެސްޓީ ސުންގަޑިއަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ފައިސާ ދައްކާ ނިންމާފައިވާތީ ކަމަށް މީރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބުތަކަކީ، ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހާއި، ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކުހުގެ އިތުރުން ބޭންކް އިންކަމް ޓެކްސް ދަށްވުމެވެ. އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، އިންކަމް ޓެކްސް ނެގުމުގެ މުއްދަތު ރަސްމީ ބަންދު ދުވަހަކާ ދިމާވުމުގެ ސަބަބުން މިމަހުގެ 2 ވަނަ ދުވަހަށް މުއްދަތު އިތުރު ކޮށްފައިވާތީއެވެ. ބޭންކް އިންކަމް ޓެކުހުގެ އާމްދަނީ ދަށްވެފައިވަނީ، މިދިޔަ މަހުގެ ސުންގަޑީގެ ކުރިން އެޑްވާންސް ޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަންޖެހޭ ފަރާތްތަކުން ސުންގަޑިއަށް ފައިސާދައްކާ ނިންމާފައިވާތީއެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހާއި އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 3.1 އިންސައްތައިން ދަށްވުން އާންދާޒާ ކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ ދަށްވުމުގެ ސަބަބެއްގެ ގޮތުގައި މީރާއިން ފާހަގަކުރެއެވެ.

ޖުލައި މަހު ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ޖުމްލަ 449 މިލިޔަން ރުފިޔާ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 248 މިލިޔަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 92 މިލިޔަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 78 މިލިޔަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 30 މިލިޔަން ރުފިޔާ ހޯދައިފައިވެއެވެ.

ޖުލައި 2026 ގައި ލިބިފައިވާ އާމްދަނީގެ 18.4 އިންސައްތައަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 11 އިންސައްތަ ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

މިދިޔަ މަހުގެ އާމްދަނީ ތަފާސް ހިސާބުތައް ދައްކާގޮތުން، މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހެވެ.

އާމްދަނީ ބެހިފައިވާ ގޮތާއި ހިއްސާކުރާ ނިސްބަތް:

އާމްދަނީން ނަގާ ޓެކްސް - 1.66 ބިލިޔަން ރުފިޔާ (%48.6)
ޖީއެސްޓީ - 1.04 ބިލިޔަން ރުފިޔާ (%30.4)
ގްރީން ޓެކްސް - 142 މިލިޔަން ރުފިޔާ (%4.2)
އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ - 136 މިލިޔަން ރުފިޔާ (%4)
ޑިޕާޗަރ ޓެކްސް - 134 މިލިޔަން ރުފިޔާ (%3.9)
ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ - 81 މިލިޔަން ރުފިޔާ (%2.4)

މިރާއިން މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 108.36 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 1.3 އިންސައްތަ އިތުރު އަދަދެކެވެ.