ލިވަޕޫލްގެ ކުޅުންތެރިން ގަޔަކު މެޗެއް ނިންމާލެވޭވެހާ ވަރެއް ނެތް ކަމަށް ކޯޗު އަންޑޯނީ އިރައޯލާ ބުނެފި އެވެ.
އޭނާ ބުނީ ފްރާންސްގެ މޯނާކޯ އަތުން 3-2އިން އެކުވެރި ކަމުގެ މެޗެއްގައި ބަލިވުމުގެ ސަބަބަކީ ވެސް މިއީ ކަމަށެވެ.
މި މެޗުގައި ފޯވަޑް އެލެގްޒެންޑާ އިސާކާއި ފްލޯރިއަން ވާޓްޒްގެ ފަރާތުން އެކަށީގެންވާ ކުޅުމެއް ނުފެނުނުކަން ވެސް ކޯޗު ފާހަގަ ކުރި އެވެ.
"އަހަރުމެން ފުރަތަމަ 30 މިނިޓްގައި ވަރަށް ރަނގަޅު. އޭގެ ފަހުން އިދިކޮޅު ޓީމަށް މެޗުގެ ކޮންޓްރޯލް ލިބުނީ އަހަރުމެން ގައިގައި ވަރު ނެތުމުން. އަހަރުމެންގެ ކުޅުންތެރިން ފިޒިކަލީ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހޭ. އެ މީހުން މެޗުން މޮޅުވީ ދެ ވަނަ ހާފުގައި މޮޅަށް ކުޅެ، މޮޅުވުން ހައްގު ކުޅުމަކާއެކު،" މި ސީޒަނަށް ޓީމާ ހަވާލުވި ކޯޗު ބުންޏެވެ.
އައު ސީޒަން ފަށަން ތައްޔާރުވާއިރު ލިވަޕޫލަށް ވަނީ އަނިޔާގެ މައްސަލަތައް ވެސް ކުރިމަތިވެފަ އެވެ. ހާއްސަކޮށް ޓީމުގެ ފަހަތަށެވެ. މި ގޮތުން ޖޯ ގޮމޭޒް އާއި ޖިއޮވާނީ ލެނޯއީ އާއި ޖެރެމީ ވެސް ތިބީ އަނިޔާގަ އެވެ. އަދި ކާޓިސް ޖޯންސް ވިއްކާލުމަށް ދަނީ ތައްޔާރު ވަމުންނެވެ.
މީގެ ބަދަލުގައި ޓީމަށް ގެނައި އެންމެ މުހިންމު ކުޅުންތެރިއަކީ ބާސެލޯނާގެ ކެޕްޓަން އަދި ޑިފެންޑަރު ރޮނަލްޑް އަރައުހޯ އެވެ. ލޯނު އެއްބަސްވުމެއްގެ ދަށުން ގެނައު ކުޅުންތެރިޔާ މި ސީޒަނަށް ފަހު ލިވަޕޫލުން ބޭނުންވެއްޖެނަމަ 55 މިލިއަން ޔޫރޯ އަށް ދާއިމީ ކުރެވިދާނެ އެވެ.