ދިވެހިރާއްޖޭގެ އިޤްތިޞާދީ ހާލަތައް ބަލާއިރު މިއަދު ފެންނަން އޮތް ހަޤީޤަތަކީ އިޤްތިޞާދު ކުރިއަށް ދިޔަނަމަވެސް އޮތް ނާޒުކު ހާލަތެވެ. ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި ބޭރުފައިސާގެ އަގަށް އަންނަ ބަދަލު އޮތީ ގުޅިލާމެހިފައެވެ. މިކަންކަމުގެ އަސަރު އިޤްތިޞާދުގެ ހުރިހާ ސިނާޢަތަކަށްވެސް ދަނީ ކުރަމުންނެވެ.
އިޤްތިޞާދުގައި މިވަގުތު އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ތަކެތީގެ އަގު އުފުލުމުގެ ވާހަކައެވެ. ނަމަވެސް މިހާލަތު މެދުވެރިވި ސަބަބައް ބަލާލުން މުހިންމެވެ. މިއީ ސަރުކާރު ނުވަތަ ވިޔަފާރިވެރިން ގަސްތުގައި ކުރާ ކަމަކުން ދިމާވާ ހާލަތެއް ނޫންކަން ދަނެގަންނަންޖެހެއެވެ. އިޤްތިޞާދުގެ ދެފަރާތް ނަމުގައި ޕީއެސްއެމް އާއި، އިޤްތިޞާދީ ވުޒާރާ ގުޅިގެން ބޭއްވި ފޯރަމުގައި ރާއްޖޭގެ އެކި ސިނާޢަތްތައް ތަމްސީލުކުރައްވާ ވިޔަފާރިވެރިން ވަނީ ބައިވެރިވެފައެވެ.
ރާއްޖެއަށް ބޭނުންވާ އަސާސީ މުދަލާއި ތެލާއި އިމާރާތްކުރުމުގެ ސާމާނު އެތެރެކުރަމުންދާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދު އިބްރާހިމް މިދުވަސްވަރު ސިފަކުރައްވަނީ އިޤްތިޞާދަށް އެންމެ ބޮޑު އަސަރެއް ކުރި ދުވަސްވަރުގެ ގޮތުގައެވެ.
"އަޅުގަނޑު ރަސްމީ ހައިސިއްޔަތުން 4 ކްރައިސިސްގައި މަސައްކަތްކޮށްފިން. 2008 ގެ ފައިނޭންޝިއަލް ކްރައިސިސްގައި މަސައްކަތް ކުރިން. ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ތެރޭގައި މަސައްކަތްކޮށްފިން. ދެން ކޯވިޑަށްފަހު މިހާރު މިހާލަތުގައި މަސައްކަތް މިކުރަނީ. އަޅުގަނޑު ނުދެކެން މިއަށްވުރެ އިޤްތިޞާދަށް އިމްޕެކްޓް ބޮޑުވި ދުވަސްކޮޅެއް. އޭރުގެ ހާލަތްތަކާއި މިހާރުގެ ހާލަތާއެކު." ޝިމާދު ވިދާޅުވިއެވެ.
އިޤްތިޞާދީ މިހާލަތަށް ދިއުމުގައި ދިވެހި ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި ހުރި ސަބަބުތައް ގިނައެވެ. މިއަހަރަކީ ރާއްޖެއިން ބޮޑު ދަރަންޏެއް ދައްކަން ޖެހޭ އަހަރަށް ވެފައި، އެބުރަ އުފުލުމަށްވެސް ރާއްޖެ ދަނީ ތައްޔާރުވަމުންނެވެ. އިމްޕޯޓަށް ބަރޯސާވާ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ ދެވަނަ ސަރަހައްދަކީ މެދުއިރުމަތި ހާއްސަކޮށް އެކުވެރި އަރަބި އިމާރާތުގެ ބަނދަރުތަކެވެ.
އިޤްތިޞާދުގެ ދެފަރާތް ޕްރޮގްރާމުގައި ދިވެހިރާއްޖެއަށް އާންމު މުދާ އެންމެ ގިނައިން އެތެރެކުރާ އެއް ފަރާތް ކަމުގައިވާ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރ އާމިރު މަންސޫރު ވަނީ އާންމު މުދަލުގެ އަގަށް އައި ބަދަލު ތިލަކޮށްދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަނގުރާމައިގެ ސަބަބުން ފްރައިޓު އަގު އެތައް ގުނައަކުން ބޮޑުވުމުގެ އިތުރަށް ބަނދަރުތަކުގައި ހޭދަ ކުރަން ޖެހޭ މުއްދަތުވެސް ވަނީ އިތުރުވެފައެވެ.
"ބައެއް ޕޯޓުތަކުން ބަރުކުރެވޭ ގޮތް ތަފާތު. ފުލްކޮށް ބަރެއް ނުކުރެވޭ. އެހެންވީމަ އެއް މަސް ދުވަހަށް 2 މަސް ދުވަހަށް އޮންނަން ޖެހޭ. އެކަހަލަ ގޮތްގޮތް ދިމާވީމަ އެމީހުން ޑިމާންޑް ކުރަނީ އެގޮތް. 5 ގުނަ އެބަހުރި ޔޫއޭއީ ޕޯޓުތަކުން ބޮޑުވެފައި. ޗައިނާ ޕޯޓުތަކުން އަޅުގަނޑުމެން މިގެންނަ ފްރޯޒަން ކާގޯ ކުރީގައި 4000 ޑޮލަރަށް ގެންނަ އެއްޗެހި އެބަހުރި 8000 ޑޮލަރަށް ބަދަލުވެފައި." ލިލީ އިންޓަނޭޝަނަލްގެ މެނޭޖިންގ ޑިރެކްޓަރ އާމިރު މަންސޫރު ވިދާޅުވިއެވެ.
މިއީ ހަމައެކަނި އާންމު މުދަލައް އައި ބަދަލެއް ނޫނެވެ. ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް 20 އިންސައްތަ ފަތުރުވެރިން އަންނަ މެދުއިރުމަތީގެ ވައިގެ ސަރަހައްދު ބަނދުވެ އެކަމުގެ އަސަރު ފަތުރުވެރިކަމަށް ކުރިއެވެ. އިޤްތިޞާދުގެ ދެވަނަ ސިނާޢަތުގެ ގޮތުގައި މިހާރު ބަލާ އިމާރާތްކުރުމުގެ ސިނާޢަތުގެ ބޭނުން ކުރާ މުދަލުގެ އަގުވެސް އެތައް ގުނައަކުން އެރީ މައްޗަށެވެ. ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާޢަތަށް ބޭނުންވާ އެކި ސާމާނު އެތެރެކުރާ ލިއޯ ޓްރޭޑިންގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދު ވިދާޅުވީ ޔޫއެއީ ބަނދަރުތައް ބަނދުވުމުން މުދާ އުފުލުމުގެ އަގުތަކަށް އައި ބަދަލު އިންތިހާ ބޮޑެވެ.
"ފްރައިޓް ކޯސްޓް ޝިޕިން ކޯސްޓް، އޮޕަރޭޓިން ކޯސްޓް މިހުންނަނީ ދެ ގުނަ ބޮޑުވެފައި. %30 މިހުންނަނީ އެފްއޯބީ ކޯސްޓް ބޮޑުވެފައި. އެއާ ވިދިގެން ލޮޖިސްޓިކް އޮޕަރޭޝަން ކޯސްޓް %30 އާއި %40 ބޮޑުވެފައި މިހުންނަނީ. މުޅި އެތި ލާމެހި އިޤްތިޞާދުގެ ތެރެއަށް މިއިންނަނީ ވަދެފައި. ކުރިއަށް ވުރެ ހުރިހާ އެއްޗެއް ބޮޑުވެގެން ދިޔައީމަ މިބޭނުން ކުރަން ޖެހޭ ޑޮލަރާއި އެއްޗިއްސަށް އެވަރޭޖްކޮށް ބަލައިފިއްޔާ %35 އާއި %40 މިވަނީ ބޮޑުވެފައި." ސަވާދު ވިދާޅުވިއެވެ.
ވިޔަފާރިތަކުން މިގޮތަށް ފާހަގަކުރާއިރު ސަރުކާރު އަގުތައް ހިފަހައްޓާ ކަމަށް ބުނާ ވާހަކަވެސް ތަފްސީލް ކުރުން މުހިންމެވެ. އަގުތައް ހިފެއްޓުމަކީ އަގުތައް ކުރިއެކޭ އެއްވަރެއްގައި ހިފެހެއްޓުމެއް ނޫނެވެ. ބައިނަލްއަޤްވާމީ ބާޒާރުގެ މުދަލުގެ ބޭސް ޕްރައިޒަށް ބަލާ ވިޔަފާރިތަކުން އަގުތައް މަތި ކުރާނެއެވެ. އެސްޓީއޯ މެދުވެރިކޮށް އަސާސީ މުދަލުގެ އަގުތައް ސަރުކާރުން ހިފަހައްޓަނީ، އާންމު ބާޒާރުގެ ކުއްލިއަކަށް އަގު އުފުލިގެން ނުދާ ގޮތަށް އެސްޓީއޯ މެދުވެރިކޮށް މުދާ އެތެރެކޮށްގެންނެވެ. އަދި އެސްޓީއޯއީން ވިއްކާއިރު ސަރުކާރުގެ ވިޔަފާރި ކުންފުނީގެ ހައިސިއްޔަތު ބައެއް ޚަރަދު ނަގާ ރައްޔިތުންނަށް ބުރަ ބޮޑުނުވާނެހެން އަގުތައް ހިފަހައްޓަން މަސައްކަތް ކުރެއެވެ.
މިހާލަތުގައިވެސް މުސްތަޤުބަލަށް އުއްމީދު އެބައޮތެވެ. މިހާރު އިޤްތިޞާދަށް އާމްދަނީ ވަންނަ ފަތުރުވެރިކަމުގެ ސިނާޢަތް ދަނީ ރަނގަޅު ވަމުންނެވެ. އިޤްތިޞާދު ދެވަނަ ހަރުފަތަކަށް ގެންދަން މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިކަމުންވެސް ޚަރަދުތައް ކުޑަވެގެންދާނެއެވެ. ބޭރުގެ ބަނދަރުތަކުން މުދަލުގެ ޚަރަދުތައް ބޮޑުވެގެން ދިޔަ ނަމަވެސް އެތެރޭގެ ނިޒާމުތައް ހަރުދަނާކޮށް އެކަން ފޫބެއްދުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.