ޚަބަރު

ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް އިސްލާހެއް


  • ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއްކަން ބަހުސްކުރެއްވި ހުރިހާ މެންބަރުން ފާހަގަކުރެއްވި

  • ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން ފީ ކުޑަވާނެ

ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅުއްވައިފިއެވެ.

ސަރުކާރުގެ ފަރާތުން "ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނު"އަށް އިސްލާހުގެ ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދެވެ. ބިލު ހުށަހެޅުއްވުމުގެ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ޤާއިމުކޮށް، ހިންގުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ކަމަށެވެ.

ބިލުގައި ޤާނޫނަށް އިތުރުކުރުމަށް ކަނޑައަޅާފައިވާ މާއްދާގައި ވަނީ ޤައުމީ ޕޭމަންޓް ސިސްޓަމްގައި ހިމެނޭ ވަކި ސިސްޓަމަކީ ނޭޝަނަލް ޕޭމަންޓް ސްވިޗުގެ ގޮތުގައި ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަށް ލިބޭނެ ކަމަށެވެ. އަދި ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތައް މެދުވެރިވެގެން ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕޭމަންޓް މުޢާމަލާތްތަކުގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ ޕޭމަންޓް މުއާމަލާތްތައް ޕްރޮސެސްކޮށް، ރޫޓްކުރަންވާނީ ނޭޝަނަލް ޕޭމަންޓް ސިވްޗެއް ގޮތުގައި ކަނޑައަޅާ ސިސްޓަމްގެ ތެރެއިން ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

މި ބިލު ހުށަހަޅުއްވައި ހުޅުދޫ ދާއިރާގެ މެންބަރު ޝާހިދު ވިދާޅުވީ ތަފާތު ބޭންކުތަކާއި ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މެދުގައި ކުރެވޭ މުއާމަލާތްތައް އެއް ވިޔުގައަކުން ގުޅާލެވުމުން އެއް ބޭންކެއްގެ ކާޑާއި ވޮލެޓުން އަނެއް ބޭންކެއްގެ ކިޔުއާރުކޯޑު އަދި މެޝިންތަކަށް ފަސޭހައިން ފައިސާ ދެއްކޭނެ ކަމަށެވެ. އަދި މީގެ ސަބަބުން މުއާމަލާތްތަކުން ނަގާ ފީ ކުޑަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މަރުކަޒީ ސްވިޗެއް މެދުވެރިކޮށް މުއާމަލާތްތައް ރޫޓުކުރުމުން ބޭރުގެ ނެޓްވޯކްތަކަށް ބަރޯސާވާ މިންވަރު ކުޑަވެ މުއާމަލާތްތަކުން ނަގާ ފީ ކުޑަވާނެ. ރާއްޖޭގެ އެތެރޭގެ މުއާމަލާތްތައް ރާއްޖޭގައި ޤާއިމުކުރެވިފައިވާ ސިސްޓަމެއްގެ ތެރެއިން ހިންގުމަކީ ޤައުމީ ރައްކާތެރިކަމާއި އިޤްތިޞާދީ މިނިވަންކަމަށް ލިބޭ ބާރެއް." މެންބަރު ޝާހިދު ވިދާޅުވިއެވެ.

މި ބިލަށް ބަހުސްކުރެއްވި ހުރިހާ މެންބަރުންވެސް ވަނީ މިއީ ރާއްޖޭގެ ޕޭމަންޓް ނިޒާމަށް މުހިންމު ބިލެއްކަން ފާހަގަކުރައްވާފައެވެ.

"މިއީ ރަނގަޅު އިސްލާހެއް. ޚާއްސަކޮށް ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމުގެ ގޮތުން ނޭޝަނަލް ޕޭމަންޓް ސްވިޗެއް ގާއިމުކުރުމާއި އަދި ނިޒާމުގެ ގަވަރނަންސް އަދި މޮނިޓަރިން ހަރުދަނާ ކުރުމަށްޓަކައި ރަނގަޅު ބަދަލުތަކެއް ގެނައުމަކީ ރަނގަޅު ބަދަލުތަކެއް ގެނައުމަކީ މުހިންމު ކަމެއްކަމަށް އަޅުގަނޑުވެސް ދެކެނީ" ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރުމަށްފަހު ބިލު މަޖިލީހަށް ބަލައިގަތުމާ ގުޅޭގޮތުން ވަނީ ވޯޓަށް އަހާފައެވެ. އަދި ވޯޓުގައި ބައިވެރިވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ބިލު ބަލައިގަތުމަށް ވަނީ ފާސްކޮށްފައެވެ.