ޚަބަރު

މެރިން ހެޗަރީ ޕްރޮގްރާމް: މިއަހަރުގެ ދެވަނަ ބުރުގެ ތަމްރީން ފަށައިފި


  • 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ތަމްރީން ދޭނެ

  • ތަމްރީން ކުރިއަށްދަނީ މަނިޔަފުށީގައި

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މިއަހަރުގެ ދެވަނަ ބުރުގެ ބައިވެރިންގެ ތަމްރީނުތައް ފަށައިފިއެވެ. މިއީ ފަރުމަސް އާލާކުރުމުގެ ދާއިރާއިން ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދީ، އެ ދާއިރާއަށް ޝައުޤުވެރިވާ މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ މަސްވެރިކަމާބެހޭ ވުޒާރާއާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓަރ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ފާނަ އާލާކުރުމުގެ މަސައްކަތަށް މީހުން ތަމްރީނުކުރުމަށް އެ ވުޒާރާއިން ކުރިއަށްގެންދާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް"ގެ މިއަހަރުގެ ދެވަނަ ބެޗުގެ ބައިވެރިންގެ ތަމްރީނުތައް މިހާރު ފަށާފައިވާކަމަށެވެ.


ކ. މަނިޔަފުށީ ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި މަހުގެ 8 އިން 20 އަށް ކުރިއަށްދާ މި ކޯހުގައި ކަނޑުގެ އެކި ދިރުންތައް އާލާކުރުމަށް ބޭނުންވާ ފަންނީ ހުނަރު އުނގަންނައިދޭނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާގެ ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަހާއި ދިރުންތައް އާލާކުރުމުގެ ފިލާވަޅުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

މި ޕްރޮގްރާމްތަކަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީކޮށް، އިޤްތިޞާދީގޮތުން ސިންދަފާތުކުރުމަށާއި، މި ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށްޓަކައި ކުރިއަށްގެންދާ އިސްތިރާޖީ މަސައްކަތްތަކުގެ މުހިންމު ބައެކެވެ. މިއީ ޤައުމުގެ އިޤްތިޞާދީ ދުވެލި އަވަސްކުރުމާއެކު، މަސްވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.