ހުއިފިލަނޑާ އެކްސްޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ޕްރޮސެސިން ލައިސަންސް ނުނަގާ ފާރާތްތައް އެފުރުސަތު ހުޅުވާލާފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިފަދައިން ވިދާޅުވީ ރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ ނުވަތަ އެމްބަރ ފިޝް ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ ޖަދުވަލު 2 ގައި ހިމެނުމާއި ގުޅިގެންނެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ ކައްޗަލަ އަކީ 2022 ވަނަ އަހަރުގެ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފޯނާ އެންޑް ފްލޮރާ، ސައިޓީސް ބައްދަލުވުމުގައި، އޭގެ އާބާދީ ދަށްވަމުންދާކަމުގެ ހެކިތަކުގެ މައްޗަށް ބުރަވެ، އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެއްކަމަށެވެ.
ސައިޓީސް މުއާހަދާގެ ޖަދުވަލު 2 ގައި ހިމަނާ ބާވަތްތައް އެކްސްޕޯޓްކުރެވޭނީ އެގައުމުގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޭ ހުއްދައަކާއެކުއެވެ. އަދި ލިސްޓް ކުރެވިފައިވާ ބާވަތް އެކްސްޕޯޓްކުރުމަށް ހުއްދަދެވޭނީ އެގައުމުގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ އިން ތައްޔާރުކުރާ 'ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ' އެންޑީއެފް އަކުން އެބާވަތުގެ ދިރޭތަކެތި، އޭގެ މާހައުލުން ނަގާ އެކްސްޕޯޓުކުރާ މިންވަރަކީ އެބާވަތުގެ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ނެގޭ މިންވަރެއްކަން ކަނޑައެޅުމުންކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ހުއިފިލަނޑާގެ މިބާވަތް ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނުމާ ގުޅިގެން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީއެއް ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް އިން ވަނީ އެބާވަތުގެ މަސްވެރިކަމުގެ އެންޑީއެފް ތައްޔާރުކޮށް، އެ ބާވަތުގެ ހުއިފިލަނޑާ އެކްސްޕޯޓް ކުރެވޭނެ މިންވަރެއް ކަނޑައަޅާފައިކަމަށެވެ. އަދި ވޭތުވެދިޔަ 3 އަހަރުދުވަހު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެ ވުޒާރާއިން ދޫކުރާ ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާލުމުގެ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާކަމަށް ވިދާޅުވިއެވެ.
ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައި ނުވާ ފަރާތްތަކުން މިމަހުގެ 20 ގެ ކުރިން އެވުޒާރާގެ ކެޔޮޅު ޕޯޓަލް މެދުވެރިކޮށް ލައިސަންސް ނެގުމަށް ވަނީ ހުޅުވާލާފައެވެ. އަދި މި ކަމާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެވުޒާރާގެ ފޯނު ނަންބަރު 3322625 އަށް ގުޅުއްވުމަށްވެސް ވަނީ އެދިފައެވެ.