ބޭރުފައިސާގެ ޤާނޫނުގެ ދަށުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް ނަގަމުން އަންނަ 500 ޑޮލަރު އުވާލާ ބޭރުފައިސާގެ ޤާނޫނު އިސްލާހުކުރަން ހުށަހަޅަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ފައިސާއާ ބެހޭ ސިޔާސަތު ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމްއެމްއޭއިން ވަނީ ބޭރުފައިސާގެ ޤާނޫނަށް އަދި ޤައުމީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނަށް ގެންނަން އެއިދާރާއަށް ފެންނަ އިސްލާހު އާންމުކުރައްވާފައެވެ.
ބޭރުފައިސާގެ އައު ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެންނެވެ. މި ޤާނުނުގެ ދަށުން ގެނައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖެ ވަންނަ ބޭރުފައިސާގެ ތެރެއިން މިންވަރަށް ބޭންކުތަކަށް މާރުކުރަން ލާޒިމު ކުރުމެވެ. ޤާނޫނުގެ ބޭނުމަށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތައް 3 ގިންތިއަކަށް ވަނީ ބަހާފައެވެ. ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން ވަކި އިންސައްތައެއް، އެމްއެމްއޭއިން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ވިއްކަން ޖެހޭގޮތަށް އަލަށް ޢަމަލުކުރަން ފެށި ޤާނޫނު ލާޒިމް ކުރެއެވެ.
މި ޤާނޫނަށް ދަށުން ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް 500 ޑޮލަރު ނުވަތަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ 20 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން ޖެހެއެވެ. ނަމަވެސް އެމްއެމްއޭއިން މިހާރު ޤާނޫނަށް ގެންނަން ފެންނަ ކަމަށް ހުށަހަޅާފައިވާ އިސްލާހުގައި 500 ޑޮލަރު އުވާލުމަށް ވަނީ ނިންމާފައެވެ. ރިސޯޓުތަކުގެ ގިންތިއަށް މި ބަދަލު ގެނައި ނަމަވެސް ގެސްޓް ހައުސް ވިޔަފާރިތަކުގެ ގިންތިއިން ބޮލަކަށް މާރުކުރަން ޖެހޭ 25 ޑޮލަރު ނުވަތަ ލިބޭ ބޭރުފައިސާގެ އާމްދަނީގެ %20 މިހާރުވެސް ޤާނޫނުގައި އޮތް ގޮތަށް ދަމަހައްޓަން ވަނީ ނިންމާފައެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ބަދަލުތައް ގެންނަން ނިންމާފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޤާނޫނުން ލާޒިމް ކުރާ ޖަމާކުރުމާއި މާރުކުރުމުގެ އިލްތިޒާމުތައް އަދާކުރުމުގައި ލުއިތަކެއް ދިނުމެވެ.
މި ޤާނޫނުގެ ދަށުން ފަތުރުވެރިކަމުގެ ދައިރާގެ ނުހިމެނޭ ބޭރުފައިސާގެ އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ގިންތިތަކުން ނަގާ މިންވަރަށްވެސް ބަދަލު ނުގެންނަން އެ މަރުކަޒީ ބޭންކުން ވަނީ ނިންމާފައެވެ. ނަމަވެސް މި ގިންތިއަށް ވިޔަފާރިއެއް ފެތޭ މިންގަނޑަށް ބަދަލު ގެނައުމަށް ވަނީ ނިންމާފައެވެ. މީގެ ކުރީގައި މި ގިންތިއަށް ވިޔަފާރިއަށް ފެތުމަށް ވޭތުވެ ދިޔަ އަހަރުގެ ތެރޭގައި ލިބިފައިވާ ބޭރުފައިސާގެ އާމްދަނީ 15 މިލިޔަން ޑޮލަރަށް އަރަން ޖެހެއެވެ. އެމްއެމްއޭއިން މިހާރު ހުށަހަޅާފައިވާ ގޮތަކީ މި އަދަދު 25 މިލިޔަން ޑޮލަރަށް މަތިކުރުމެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ގިންތީގައި ބަދަލު ގެންނަން ނިންމާފައިވަނީ ޤާނޫނު ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށެވެ. އަދި މީގެ ތެރެއިން ޤާނޫނު އިސްލާހު ވެގެންދާއިރު ދިވެހި ވިޔަފާރިތަކަށް އިތުރު ލުއިތަކެއް ދެވޭނެ ގޮތަށް ބައްޓަން ކުރުމަށްވެސް އިސްކަންދޭނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. އެގޮތުން މާރުކުރަންޖެހޭ މިންވަރު ޝަރުތުތަކާއި މުރާޖަޢާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ޤާނޫނުގެ ތެރެއިން ދޭން ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުންވެސް ވިޔަފާރިތަކުން ރިޕޯޓް ކުރުމުގައި ހަރުދަނާ އުސުލެއް ގެންގުޅުމަށްވެސް ޤާނޫނު އިސްލާހު ކުރަން އެމްއެމްއޭއިން ވަނީ ނިންމާފައެވެ.
ބޭރުފައިސާގެ ޤާނޫނުގައި މިހާރު ބަޔާންކޮށްފައިވާ ގޮތުން، ބޭރުފައިސާގެ އާމްދަނީ ފަތުރުވެރިކަމުގެ އާމްދަނީ ލިބޭ ވިޔަފާރިތަކާއި ބޭރުފައިސާ އާމްދަނީ ލިބޭ ވިޔަފާރިތަކުގެ ތެރެއިން އެ ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ވިޔަފާރިތަށް އެމްއެމްއޭގައި ރެޖިސްޓްރީ ކުރަންޖެހެއެވެ. އަދި އެފަރާތްތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން ލިބޭ ބޭރު ފައިސާގެ އާމްދަނީ، ރާއްޖޭގައި ހުޅުވާފައިވާ ބޭންކަކަށް ޖަމާކުރަން ވަނީ ކަނޑައަޅާފައެވެ. މި ޤާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ބޭރުފައިސާގެ ޤާނޫނުން ލާޒިމްކުރާ ގޮތަށް ބޭރުފައިސާ ޖަމާވާ ވަކި ކަނޑައަޅަން ޖެހޭ ގޮތަށް އިސްލާހު ކުރަން ހުށަހަޅަން ފެންނަކަން ފާހަގަކޮށްފައެވެ.
މީކަމަށް ބާރު ދިނުމުގެ ޤައުމީ ޕޭމެންޓް ސިސްޓަމްސްގެ ޤާނޫނަށް އިތުރު އިސްލާހެއް ހުށަހަޅައި، ދިވެހިރާއްޖޭގައި ބޭނުން ކުރާ ޕޮއިންޓް އޮފް ސޭލްސް (ޕޮސް) ސިސްޓަމްތަކަކީ ރާއްޖޭގައި ޤާއިމްކުރެވިފައިވާ ބޭންކަކާއި ގުޅިފައިވާ (ޕޮސް) ތަކަށް ވާން ޖެހޭ ގޮތަށް ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅަން ވަނީ ނިންމާފައެވެ.
ބޭރުފައިސާގެ ޤާނޫނާއި ޤައުމީ ޕޭމެންޓް ސިސްޓަމްސްގެ ޤާނޫނަށް އިސްލާހު ގެންނަން އެމްއެމްއޭއިން ހުށަހަޅާފައިވާއިރު ބިލް އެކުލަވާލާ ބަންޑާރަ ނައިބު އޮފީހަށް މިހާރު ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ. މި އިސްލާހުތަކުގެ މަސައްކަތް ކުރަމުންދާއިރު ރާއްޖޭގައި ހިންގާ މުޢާމަލާތްތައް އެމްއެމްއޭއަށް ދެނެގަނެވޭނެހެން ނޭޝަނަލް ސްވިޗެއް ޤާއިމް ކުރުމަށް ޤައުމީ ޕޭމެންޓް ސިސްޓަމްގެ ޤާނޫނަށް އިސްލާހެއް ވަނީ ހުށަހަޅާފައެވެ. އަދި މިއިސްލާހު މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފައެވެ.